ޚަބަރު

ކޯވިޑްގެ އައު ވޭރިއަންޓެއް ފެތުރޭތީ، ރާއްޖޭން ބޭރަށް ދަތުރުކުރާއިރު ސަމާލުވާން އެދިއްޖެ


  • ކޯވިޑްގެ އައު ވޭރިއަންޓަށް ދީފައިވަނީ JN.1 ގެ ނަން

  • މި ވޭރިއަންޓް ފެނިފައިވަނީ މިމަހުގެ މެދުތެރޭގައި

  • ހުމާއި ރޯގާގެ އަލާމާތްތަކަށް ސަމާލުވެ ފަރުވާ ހޯދުން މުހިންމު

ކޯވިޑް-19ގެ އައު ވޭރިއަންޓެއް ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ފެނި އިތުރުވަމުންދާތީ، ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އިލްތިމާސްކުރައްވައިފިއެވެ.

އަލަށް ފެނުނު ވޭރިއަންޓަށް ދީފައިވަނީ JN.1 މި ނަމެވެ. މި ވޭރިއަންޓް ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ފެނިފައިވަނީ މިމަހުގެ މެދުތެރޭގައެވެ. ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ އިންޑިއާގެ ކެރެލާއިންވެސް މި ވޭރިއަންޓްގެ ކޭސްތަކެއް ވަނީ ފެނިފައެވެ.

މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމުން، ގިނަ ބަޔަކު ރާއްޖެއިން ބޭރަށާއި، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދަތުރުކުރާނެތީއާއި، ރާއްޖެއިން އުމުރާގެ އަޅުކަމަށް ގިނަ އަދަދެއްގެ މީހުން ގޮސްއައިސްވާނެ ދުވަސްވަރެއްކަމުން އަރިދަފުސް ރޯގާ، ވައިރަލްހުން އަދި ނޭވަލާ ނިޒާމަށްޖެހޭ ގައިންގަޔަށް އަރާ ބަލިތައް އިތުރުވެދާނެވާނެކަމަށް ބެލެވޭކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

މި ބަލިތަކުން ރައްކާތެރިވުމަށް އެޗް.ޕީ.އޭއިން ވަނީ އާންމުންމަށް އިލްތިމާސް ކުރައްވާފައެވެ. އެގޮތުން:

• އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ކުޑަރުމާލަކުން ނުވަތަ ޓިޝޫއަކުން ނިވާކުރުން.
• ޓިޝޫފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރިކަމާއެކު ކުނިވަށިގަނޑަށްނޑެއް ފަދަ އެއްޗަކަށް އެއްލާލުން.
• ޢާއްމު ސާފުތާހިރުކަމަށް ސަމާލުވުން އަދި ޚާއްޞަކޮށް، ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުން.
• ރޯގާޖެހި ކެއްސާނަމަ، އަނގަޔާއި ނޭފަތް ފޮރުވޭގޮތަށް މާސްކް އެޅުން.
• ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުންމަދުކުރުމާއި، މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން.
• މިފަދަ އެއްވެސް ބައްޔެއްގެ އަލާމާތެއް ހުރެއްޖެނަމަ ކުޑަކުދިން ކައިރިއަށް ނުދިޔުމާއި އެކުދިން އުރާ ނެހެދުން.
• ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާއިއެކު ވީހާވެސް މަދުމީހުން ދިއުން.
• ބަލިމީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުން އަދި ކޮންމެހެން ހޮސްޕިޓަލަށް ދާންޖެހޭ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ނުދިއުން.
• ރޯގާޖެހި ހުންއައިސް ރަނގަޅުނުވެ ގިނަ ދުވަސްވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުން، އަދި ވީހާވެސް ބޮޑަކަށް
އެހެންމީހުންނާއި އެކަހެރިވުން.
• އުމުރުން ދުވަސްވީ މީހުންނާއި ގިނަ ބަލިތަކަކަށް ބޭސްކުރާ މީހުން ކޯވިޑް-19 ވެކްސިން ޖެހުން. މިވެކްސިން ޖެހުމުން ބަލިޖެހުނު
ކަމުގައިވިޔަސް ބޮޑުވަރުވުމުން ރައްކާތެރިކޮށްދޭ.
• އުމުރުން ދުވަސްވީ މީހުންނާއި 5 އަހަރުން ދަށުގެ ކުޑަކުދިންނާއި މާބަނޑު އަންހެނުންނާއި ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުން
އިންފުލުއެންޒާ އިން ރައްކާތެރިވުމަށް އިންފުލުއެންޒާ ވެކްސިން ޖެހުން.

ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، ގޭގައިދެވިދާނެ ބައެއް ފަރުވާގެ މަޢުލޫމާތު އެޗް.ޕީ.އޭއިން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން:

• ގިނައިން ދިޔާތަކެތި ބޭނުންކުރުން
• އަރާމުކުރުން
• ލުނބޯ ފަނި/ސައި، އިނގުރު ސައި އަދި މާމުއި ފަދަ ބުއިންތައް ބޭނުންކުރުން.
• ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުންކުރާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން.

އެޗް.ޕީ.އޭއިން ވަނީ މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށާއި، މަދިރި ހެފުމުން ރައްކާތެރިވުމަށާއި މަދިރި އުފެދި އާލާވާގޮތަށް އެއްޗެއްސާއި ތަންތަން ނުބެހެއްޓުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ޗުއްޓީ ހޭދަކުރުމުގެ އެކި ކަންކަމުގައި ކާބޯތަކެތީގެ ތަފާތު ބާވަތްތައް ބޭނުންކުރުމުގައާއި ކާބޯތަކެތީގެ ސާފުތާހިރުކަމަށް ސަމާލުވުމަށްވެސް އެޗްޕީއޭއިން ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.