ޚަބަރު

މާލެ އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމުން ނިމާލް އިސްތިއުފާދެއްވައިފި


  • ނިމާލް މި މަޤާމަށް އިންތިޚާބުވެފައިވަނީ 2021ވަނަ އަހަރު

  • މަޤާމުން އިސްތިއުފާދެއްވީ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން ކަމަށް ވިދާޅުވެ

  • ނިމާލްވަނީ މީގެކުރިން ފެނަކަ އެމްޑީކަން ކުރައްވާފައި

މާލެ އަތޮޅު ކައުންސިލުގެ ރައީސްގެ މަޤާމުން މުޙައްމަދު ނިމާލު އިސްތިއުފާދެއްވައިފިއެވެ.

ނިމާލް މި މަޤާމުން އިސްތިއުފާދެއްވީ މިވަގުތު އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުރިގޮތުން ރަށުން ބޭރުގައި ވަޒީފާ އަދާކުރުމަށް ދަތިތަކެއް ހުރުމުންކަމަށް ވިދާޅުވެއެވެ.

މާލެ އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމަށް ނިމާލް އިންތިޚާބުވެފައިވަނީ 2021 ވަނަ އަހަރުއެވެ. ނިމާލްވަނީ މާލެ އަތޮޅަށް ޚިދުމަތް ކުރުމަށް ރައްޔިތުން ފުރުޞަތުދިން ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މާލެއަތޮޅު، އަތޮޅު ކައުންސިލުގެ ރައީސްކަމުގެ މަޤާމުގައި ހޭދަކުރި މުއްދަތުގައި ޙާސިލުކުރަން ބޭނުންވި ކަންކަން ޙާސިލުކުރުމަށް ދީފައިވާ އެއްބާރުލުމަށްޓަކައި މާލެއަތޮޅު ކައުންސިލްގެ އިދާރާގެ އެންމެހާ މުވައްޒަފުންނަށްވެސް ނިމާލްވަނީ ޝުކުރުއަދާކޮށްފައެވެ.

މާލެ އަތޮޅުގެ ރައްޔިތުންނަކީ ތަރައްޤީއަށް ބޭނުންވާ ގިނަ ކާމިޔާބީތައް އެކިއެކި ދާއިރާތަކުން ޙާސިލުކުރަން ބޭނުންވާ ރައްޔިތުންތަކެއް ދިރިއުޅެމުންދާ އަތޮޅެއްކަން ނިމާލްވަނީ ފާހަގަކުރައްވާފައެވެ. އަދި "ދިވެހީންގެ ރާއްޖެ"ގެ ތަޞައްވުރުގެ ތަރައްޤީ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގެ ދަށުން މުޅި މާލެ އަތޮޅަށް އަންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށްވެސް ނިމާލް ވަނީ ވިދާޅުވެފައެވެ.


2012 ވަނަ އަހަރު ސަރުކާރުން އުފެއްދެވި ފެނަކަ ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމު އެންމެ ފުރަތަމަ އަދާކޮށްފައިވަނީ މުޙައްމަދު ނިމާލެވެ. އަދި ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ސިޔާސީ މަޤާމެއްވެސް މީގެކުރިން ފުރުއްވާފައިވެއެވެ.