ޚަބަރު

މި ދައުރު ދެބައިވުމުގެ ކުރިން ރަސްމާލޭގައި މީހުން އާބާދުވާން ފަށާނެ: އިޤްބާލު


  • މިހާތަނަށް 10 ހެކްޓަރު ވަނީ ހިއްކާފައި

  • ބޯހިޔާވަހިކަމަށް ޖުމްލަ ޙައްލެއް އަންނާނެ

  • މިއީ ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ކަރބަން ފްރީ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ދައުރު ދެބައިވާއިރު "ރަސްމާލެ"ގައި މީހުން އާބާދު ވާން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީސްގެ މިނިސްޓަރ އިޤްބާލް އާދަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރަސްމާލެ ތައްރައްގީގެ މަޝްރޫޢުއާއި، އެ މަޝްރޫޢުގެ ޕްލޭނާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީސްގެ މިނިސްޓަރ އިގްބާލް އާދަމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ކެމްޕެއިންތަކުގައި، ތަކުރާރުކޮށް ވިދާޅުވި އެއް ވާހަކަފުޅަކީ، އެމަނިކުފާނުގެ ސަރުކާރުން އެންމެ އިސްކަންދޭ މަސައްކަތްތަކުގެތެރޭގައި ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަސައްކަތްތައް ހިމަނޭނެކަން ކަމަށެވެ. އެގޮތުން ރައީސްގެ ތަސައްވުރުގައި ހިމެނޭ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއަކަށް ވަނީ ފުށިދިއްގަރު ހިއްކައިގެން އެ ތަނުގައި މީހުން އާބާދު ކުރުންކަމަށް އިޤްބާލް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ގެނައުމަކީ މިހާރު ކުރުން ލަސްވެފައި އޮތް މަސައްކަތެއްކަމަށެވެ. އެގޮތުން މާލެ ސަރަހައްދަށް ތަޢުލީމާއި ސިއްޙީ ބޭނުމަށާއި، ވަޒީފާގެ ބޭނުމަށް މީހުން ހިޖުރަކޮށް ތޮއްޖެހިފައިވާކަން ފާހަގަކުރައްވާ އިގްބާލް ވިދާޅުވީ ރަސްމާލޭ މަޝްރޫއާއެކީ މި ހުރިހާ ކަމަށް ދާއިމީ ހައްލެއް އަންނާނެ މަޝްރޫޢުއެއްކަމަށެވެ.

އިޤްބާލް ވިދާޅުވީ ކޮންމެ ސަރުކާރަކުންވެސް ބޯހިޔާވަހިކަން ޙައްލު ކުރުމަށް ހާއްސަ މަޝްރޫއުތައް ހިނގާފައިވާކަމަށެވެ. އެހެން ނަމަވެސް އެކަމުން އެންމެ އެދެވޭ ނަތީޖާ ފެނިފައިނުވިނަމަވެސް، މި ހިނގާ 5 އަހަރަކީ ރާއްޖޭގައި ބޯހިޔާވަހިކަމަށް ޙައްލު ގެނެސްދޭނެ ދައުރުކަމަށެވެ.

އިޤްބާލް ވިދާޅުވީ މިމަހުގެ 18 ވަނަ ދުވަހު ޢަމަލީ މަސައްކަތްފެށި ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއުގެ 10 ހެކްޓަރު މިހާރު ހިއްކާ ފައިވާކަމަށެވެ. އަދި ކުރިއަތް އޮތް 8 މަސް ދުވަހުގެ ތެރޭގައި 1153 ހެކްޓަރ ހިއްކާ އެއްކޮން ނިންމާލާނެކަމަށް އިގްބާލް ވިދާޅުވިއެވެ. އިގްބާލް ވިދާޅުވީ ބިން ހިއްކާ ނިންމުމުން ލަސްތަނެއްނުވެ ދެން ފެށޭނީ އެ ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތްކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދައުރު ދެބައިވާއިރު ފުށިދިއްގަރު ފަޅު ހިއްކާ ތަރައްޤީކުރާ "ރަސްމާލެ"ގައި މީހުން އާބާދު ވާން ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއާއެކު އިގްތިޞާދީގޮތުން ފައިދާވާން ފަށާނެކަމަށާއި، ދައުލަތުގެ ދަރަނި އަރަންޔަށް ބަދަލުކުރުމުގެ މަގު ފަހިވެގެން ދާނެކަމަށްވެސް އިޤްބާލު ފާހަގަކުރެއްވިއެވެ.

" އިގްތިޞާދީ ގޮތުން އޮތް ފައިދާއަކީ އަޅުގަނޑުމެންނަށް ރޭވުންތެރިކަމާއެކު މަސައްކަތްތަކެއް ކުރެވެމުން ދާކަން. ރޭވުންތެރިކަމާއެކު ސައްހަ މައުލޫމާތު ދުނިޔޭގެ އެކި އެކި މާލީ އިދާރާތަކަށް އަޅުގަނޑުމެން ދޭކަން. ފޮރުވުމެއް ނެތި ހާމަކަން ބޮޑު ގޮތެއްގައި ރާއްޖޭގައި މިއޮތް ހާލަތު އިގްތިޞާދީ ހާލަތާއި ދިރިއުޅުމުގެ ހާލަތު ދައްކާ ދެވިގެން މި ފަދަ މަޝްރޫއުތައް ފެށުނީމާއި މިއަށް ޝައުގުވެރިވާ ފަރާތްތައް ރާއްޖޭއައިސް އިންވެސްޓް ކުރާނެ ކޮންފިޑެންސް ބައިނަލްއަގްވާމީ އިދާރާތަކާއި މާލީ އިދާރާތަކަށް ލިބިއްޖެ" އިޤްބާލް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީސްގެ މިނިސްޓަރ އިޤްބާލް އާދަމް ވިދާޅުވީ "ރަސްމާލެ" ތަރައްގީވެގެން ދާއިރު އެތާނުގައި ރެޒިޑެންޝަލް، މިކްސް ރެޒިޑެންޝަލް، ކޮމާޝަލް އަދި އިންޑަސްޓްރިއަލް ތަރައްގީވެގެން ދާނެކަމަށެވެ. އަދި ޕާކްތަކާއި މައިޒާންތައްވެސް ތަރައްޤީކުރާނެކަން މިނިސްޓަރު ފަހަގަކުރެއްވިއެވެ.

ރަސްމާލެ މަޝްރޫޢުއަކީ ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ކަރބަން ފްރީ ސިޓީއެވެ. މި މަޝްރޫޢުއަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ޖުމްލަ ހައްލެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.