ކުޅިވަރު

ކުޅިވަރު ބިންތަކުން ލިބޭ ފައިސާ އެސޯސިއޭޝަންތަކަށް


ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯގައި ވާގޮތުން ކުޅިވަރު އެސޯސިއޭޝަންތަކަށް ދޫކޮށްފައިވާ ބިންތަކުން ލިބޭ ފައިސާ އެސޯސިއޭޝަންތަކަށް ލިބޭނެ ނިޒާމެއް އެކުލަވާލަން ހަމަޖެހިފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ކުޅިވަރު އެސޯސިއޭޝަންތައް މާލީގޮތުން ބާރުވެރިކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި އެސޯސިއޭޝަންތަކަށް މާލީ އެހީ ލިބޭނެ ގޮތް ތަނަވަސްކޮށްދިނުމަކީ އޭގެތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ކަންތައް ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ ތެރޭގައި ގާނޫނަށް ގެންނަންޖެހޭ ބަދަލު ގެނައުމާއި، ވިޔަފާރި އުސޫލުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމާ މެދު ގައުމީ ކުޅިވަރު ކައުންސިލާ އެ މަޝްވަރާތައް ފައްޓަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މަސައްކަތް ކުރިއަށްގެންދެވޭނީ ކުރިއަށްދެވޭނެ ރަނގަޅު ނިޒާމެއް ކަނޑައެޅިގެން ކަމަށެވެ.

"
އެސޯސިއޭޝަންތަކަށް އަޅުގަނޑުމެން ދޭ ބިން، އެސޯސިއޭޝަންތަކުން ކުޅިވަރު ކުޅޭ ތަންތަނުގައި ހުންނަ ބިމުން، ނޫނީ އެތަނުން މާލީ މަންފާއެއް ލިބޭނެ ގޮތުގެ ނިޒާމެއް އެކަށައަޅައިގެން، އޭގެ މަންފާ އެސޯސިއޭޝަންތަކަށް ދިނުން.
ޢަބްދުﷲ ރާފިޢު - ކުޅިވަރާ ބެހޭ ވަޒީރު

ވަޒީރު ވިދާޅުވީ އެކަންކުރާނީ ޓްރަސްޓް ފަންޑަކުން ނުވަތަ ސްޕޯޓްސް ފަންޑަށް ފައިސާ ގޮސްގެންތޯ ކުރިއަށްހުރި ދުވަސްތަކުގައި މަޝްވަރާކުރާނެ ކަމަށެވެ. އަދި ވިދާޅުވީ މި ވަގުތު މަޝްވަރާކުރެވުނަސް މިއީ ހަމައެކަނި ތަސައްވަރެއް ނޫން ކަމަށާއި، މިއީ ކުޅިވަރު އިދާރާއިން ކުރާނެ އެންމެ މުހިއްމު ކަންތަކުގެ ތެރެއިން ކަންތައް ކަމަށެވެ.

މީގެ އިތުރުން ގައުމީ ފެންވަރުގައި ވާދަކުރާ އެންމެ ކުރީގައި އުޅޭ ކުލަބުތަކުގެ އިތުރަށް ކުޅިވަރު އެސޯސިއޭޝަންތަކަށް ފައިސާ ދޫކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކުޅިވަރު އެސޯސިއޭޝަންތައް އަމިއްލަ ފައިމައްޗަށް ތެދުވެ، ސަރުކާރުގެ މާލީ އެހީއަށް ބަރޯސާނުވެ ކުޅިވަރުތައް ކުރިއެރުވުމުގެ މަގުފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ.