ޚަބަރު

މަދިރި އާލާވާގޮތަށް ހުރި ތަންތަން، ފައިލޭރިއާއިން ރައްކާތެރިވުމަށްޓަކައި ނައްތާލުން މުހިންމު


  • މި ބަލި އާންމުކޮށް ފެތުރެނީ ކިއުލެކްސް ނަމަކަށްކިޔާ މަދިރިއަކުން

  • މި މަދިރި އާންމުގޮތެއްގައި ހަފަނީ ރޭގަނޑު 7-12 އާއި ދެމެދު

  • ބަލި ފެތުރުން ހުއްޓުވުމަށް މަދިރި އުފެދޭ ތަންތަނާއި ތަކެތި ނައްތާލުން މުހިންމު

ރާއްޖެއިން މީގެ އަހަރުތަކެއް ކުރިން ނައްތާލާފައިވާ ބައްޔެއްކަމަށްވާ ފައިލޭރިއާގެ ކޭސްތަކެއް އަނެއްކާވެސް ފެންނަން ފަށާފައިވާއިރު، މި ބައްޔާއި ބެހޭ މަޢުލޫމާތު އެނގިފައި ހުރުމަކީ މުހިންމު ކަމެކެވެ. މަދިރީގެ ޒަރީއްޔާއިން ފެތުރޭ މިފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށް މަދިރި އުފެދޭ ތަންތަނާއި ތަކެތި ނައްތާލުންމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.

ފައިލޭރިއާއަކީ ބަލި ޖައްސާ ފަންޏެއްގެ (ޕްރެސައިޓް) ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ޖެހޭ ބައްޔެއްކެވެ. މި ޕްރެސައިޓުގެ ސަބަބުން ހަށިގަނޑުގެ ލިމްފެޓިކް ސިސްޓަމަށް އަސަރުކުރެއެވެ. މި ޕެރެސައިޓް ނުވަތަ ފަނި ފެތުރެނީގެ މަދިރީގެ ޒަރިއްޔާއިންނެވެ.

މި ބަލި އާންމުކޮށް ފެތުރެނީ "ކިއުލެކްސް" ނަމަކަށްކިޔާ މަދިރީގެ ޒަރިއްޔާއިންނެވެ. މިއީ ރާއްޖޭގައިވެސް އުޅޭ މަދިރިއެކެވެ.

ފައިލޭރިއާއަކީ އެހާ ފަސޭހައިން ފެތުރޭ ބައްޔެއް ނޫނެވެ. މި ބަލި ފެތުރެނީ ވަރަށް ގިނަ ފަހަރު ބަލިޖެހިފައިވާ މަދިރި ހެފުމުންނެވެ. މި ބަލި ޖައްސާ މަދިރި އާންމު ގޮތެއްގައި ހަފަނީ ރޭގަނޑު 7 - 12 އާއި ދެމެދުގެ ވަގުތުގައެވެ.

ފައިލޭރިއާ ފެތުރެނީ ކިހިނެއް؟

ފައިލޭރިއާ ފެތުރެނީ ބަލި ޖެހިފައިވާ މީހެއްގެ ގައިން އެ ބަލީގެ ޖަރާސީމު އެހެން މީހެއްގެ ގަޔަށް އެރުމުންނެވެ. އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ޖަރާސީމު ވާޞިލުވާ މައިގަނޑު މެދުވެރިޔަކީ މަދިރިއެވެ.

އެގޮތުން ފައިލޭރިއާ ޖެހޭ ބައެއް މީހުންގެ ލޭގައި ކުދި ފަނިތަކެއް (މައިކްރޯފައިލޭރިއާ) ދައުރުކުރާއިރު، ބަލި ޖެހިފައިވާ މީހެއްގެ ގައިގައި މަދިރި ހެފުމުން ލެއާއެކު މިފަނިތައް މަދިރީގެ ހަށިގަނޑަށް ވަދެއެވެ. އަދި މަދިރީގެ ހަށިގަނޑުގައި ފަނި އާލާވެ، ބަލި ޖައްސާ ފަނި އުފެދެން މެދުވެރިވެއެވެ.

މި މަދިރި ފައިލޭރިއާ ޖެހިފައިނުވާ މީހެއްގެ ގައިގައި ހެފުމުން އެމީހެއްގެ ހަންގަނޑު އެތެރެއަށް ޖަރާސީމު ވާޞިލުވެ، ބަލި ޖެހުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ.

ބަލީގެ އަލާމާތްތައް:

ފައިލޭރިއާ ޖެހުމަށްފަހު އެތައް ދުވަހެއް ވަންދެން އެއްވެސް އަލާމާތެއް ނުފެނިހުރުންވެސް އެކަށީގެންވެއެވެ. އެހެންނަމަވެސް ބަލި ޖައްސާ ޖަރާސީމު ދާނީ އެމީހެއްގެ ލިމްފެޓިކް ސިސްޓަމަށް އަސަރުކުރުވަމުންނެވެ.

ގިނަ ދުވަސްވުމުން ބައެއް މީހުންގެ އަތް، ފައި އަދި ބައެއް އެހެނިހެން ގުނަވަންތައް ދުޅަވުމާއި، ހަންގަނޑު ބޯވުންފަދަ ކަންކަމަކީ މި ބަލީގެ އެންމެ އާންމު އަލާމާތްތަކެވެ.

ބަލި ޖެހިފައިވާ މީހުންނަށް އެހެނިހެން އިންފެކްޝަންތައް ޖެހުމުގެ ފުރުޞަތު އޮވެއެވެ. މިކަމުގެ ސަބަބުން ހުން އައުމާއި، ބައެއް އެހެނިހެން އިތުރު އަލާމާތްތައްވެސް ފެނުން އެކަށީގެންވެއެވެ.

އެމީހެއްގެ ގައިގައި މި ބަލި ހުރިތޯ ދެނެގަތުމަށް އާންމުގޮތެއްގައި 2 ގޮތެއް ބޭނުންކުރެއެވެ. އެއްގޮތަކީ ރޭގަނޑު 8 އިން 2 އަކާއި ދޭތެރޭ ނެގޭ ލޭގައި ކުދި ފަނި (މައިކްރޯފައިލޭރިއާ) ހުރިތޯ ޗެކްކުރުމަށް ކުރާ މައިކްރޮސްކޯޕީ ޓެސްޓެވެ. އަނެއްގޮތަކީ ރެޕިޑް ޓެސްޓް ކިޓް ބޭނުންކޮށްގެން ދެނެގަތުމެވެ.

މިއީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއްކަމުން މި ބަލި ފެނިފައިވާ ސަރަޙައްދުތަކުން ދިރިއުޅޭ ފަރާތްތަކުން މަދިރިން ރައްކާތެރިވުމަށްޓަކާ ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. އާންމުގޮތެއްގައި ހުރިހާ މަދިރިއެއްވެސް ގިނަވާ ވަގުތަކީ ހެނދުނާއި ހަވީރުގެ ވަގުތެވެ.

އެހެންކަމުން މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން، އަދި އެނޫންވެސް ވަޞީލަތްތައް ބޭނުންކުރެވިދާނެއެވެ. އަދި މަދިރި ހެފިޔަނުދިނުމަށް ހަށިގަނޑު ބޮޑަށް ނިވާވާނޭކަހަލަ ހެދުން އެޅިދާނެއެވެ.

ހަމައެހެންމެ ވައިވެއްދުމަށް ހަދާފައި ހުންނަ ގޮޅި، ފެންލައިޓް، ކުޑަދޮރުފަދަ ތަންތަނުގައި މަދިރި ދާ ޖެހުމަކީވެސް ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެކަމެކެވެ.

މި ބަލީގެ ނުރައްކާ ކުޑަކުރުމަށްޓަކާ މަދިރި އުފެދޭ ތަންތަނާއި ތަކެތި ނައްތާލުންމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ވަކިން ޚާއްސަކޮށް މިދުވަސްވަރަކީ ރާއްޖޭގެ ގިނަ ސަރަޙައްދުތަކަށް މޫސުންގޯސްވެ، ވިއްސާރަކުރާ ދުވަސްވަރެއްކަމުން މަދިރި އާލާވުމުގެ ފުރުޞަތު ވީހާވެސް ކުޑަކުރުމަށް ސަމާލުވާން އެބަޖެހެއެވެ.