ގައުމީ ބަނޑުފިލާ ޗެލެންޖް 2023 ކާމިޔާބުކޮށް، ގައުމީ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަންކަން އަލީ ޖާވިދު (ޖާއްޓެ) ހޯދައިފިއެވެ.
ބޮޑީބޯޑިން ލީގުގެ ފަހު މުބާރާތް ކަމަށްވާ ބަނޑުފިލާ ޗެލެންޖް ކުރިއަށްދިޔައީ އަންގާރަ ދުވަހުން ފެށިގެން އިއްޔެ ނިޔަލަށެވެ. މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދިޔަ މި މުބާރާތުގެ މެންސް އޯޕަން ކެޓެގަރީގެ ފައިނަލުގައި ޖާއްޓެ ވާދަކޮށްފައިވަނީ މުޙައްމަދު އަޒާން އަޙްމަދާއެވެ. ފައިނަލް ހީޓުގައި ޖާއްޓެއަށް 9.60 ގެ ސްކޯއެއް ލިބުނުއިރު، އަޒާނަށް ލިބުނީ 9.34 ގެ ސްކޯއެކެވެ.
މުބާރާތުގެ އޯޕަން ކެޓެގަރީގެ ޗެމްޕިއަންކަމާއެކު ބޮޑީބޯޑިން ލީގުގެ ޗެމްޕިއަންކަން ޖާއްޓެ ހޯދީ ޖުމްލަ 2610 ޕޮއިންޓް ހޯދައިގެންނެވެ. އޯޕަން ކެޓެގަރީގެ ފައިނަލުން އަޒާން ބަލިވި ނަމަވެސް، އޭނާ ފައިނަލަށް ދަތުރުކޮށްފައިވަނީ ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) ވެސް ކަޓުވާލުމަށްފަހުއެވެ.
މި މުބާރާތުގެ ޑްރޮޕް-ނީ ކެޓެގަރީގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކުޑަ އައްޔައެވެ. މި ބައިގެ ޗެމްޕިއަންކަން ކުޑަ އައްޔަ ހޯދީ ފައިނަލުގައި ޒުވާން ބޮޑީބޯޑަރު އާމިން އުމަރު މޫސާ ބަލިކުރުމަށްފަހުއެވެ. ފައިނަލް ހީޓުގައި ކުޑަ އައްޔަ 11.00 ސްކޯއެއް ހޯދިއިރު، އާމިންއަށް ލިބުނީ 6.16 ގެ ސްކޯއެކެވެ.
މީގެ އިތުރުން މި މުބާރާތުގެ ޖޫނިއާ މެންސް ކެޓެގަރީގެ ޗެމްޕިއަންކަން އާމިން ވަނީ ދިފާއުކޮށްފައެވެ. މި ބައިގެ ފައިނަލް ހީޓުގައި އާމިން ވަނީ 9.63 ގެ ސްކޯއަކާއެކު އަޒާން ބަލިކޮށްފައެވެ. އަޒާންއަށް ލިބުނީ 9.33 ގެ ސްކޯއެކެވެ. މިއާއެކު ޖޫނިއާ ލީގުގެ ޗެމްޕިއަންކަން ހޯދީ އާމިންއެވެ. އޭނާއަށް ވަނީ ޖުމްލަ 3000 ޕޮއިންޓް ލިބިފައެވެ. އަދި ގައުމީ ލީގުގެ އެންމެ މޮޅު ޓީމަކަށް ހޮވިފައިވަނީ މާލެ ސިޓީއެވެ.