ޚަބަރު

ޤާނޫނު ކިޔެވުމަކީ ގިނަ ދާއިރާތަކަކަށް ލޯ ހުޅުވިގެންދާ ކަމެއް: އުއްތަމަ ފަނޑިޔާރު


  • މުއުތަސިމް މިހެން ވިދާޅުވީ، ޖުޑިޝަރީ ފޮރ ޖޫނިއާސް ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތުގައި

  • މިއީ މިމަހުގެ 14 ވަނަ ދުވަހުން 8 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ ޕްރޮގްރާމެއް

  • މި ފަހަރުގެ ޕްރޮގްރާމްގައި 40 ޒުވާނަކު ބައިވެރިވި

ޤާނޫނު ކިޔެވުމަކީ ގިނަ ދާއިރާތަކަކަށް ލޯ ހުޅުވިގެންދާ ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް މީހުން ބިނާކުރުމުގެ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭ.އެސް.ސީއިން، ކުރިއަށް ގެންދިޔަ، ޖުޑިޝަރީ ފޮރ ޖޫނިއާސް ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ވިދާޅުވީ، ޤާނޫނު ކިޔެވުމަކީ ވަރަށް ގިނަ ދާއިރާތަކަކަށް ލޯ ހުޅުވިގެންދާނެ ކަމެއް ކަމަށެވެ. އަދި ކަންތައްތަކާ މެދު ވިސްނާ ފިކުރުކުރަންޖެހޭނެ ކަމަށާއި، ކަންތަކާމެދު އަމިއްލައަށް ސުވާލު އުފައްދާ ޖަވާބުތައް ހޯދަން ޖެހޭނެކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރުކަން ކުރުމަކީ ވަރަށް ހިތްވަރުގަދަ މީހުންނަށް ނޫނީ ނުކުރެވޭނެ މަސައްކަތެއްކަން ފާހަގަކުރައްވާ އުއްތަމަ ފަނޑިޔާރު މުޢުތަޞިމް ވިދާޅުވީ، ހުކުމެއް ކުރަން ޖެހުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.

"ވަކިން ޙާއްސަކޮށް ބޮޑެތި ކުށްކުށުގެ، ޖިނާއީ ކުށްކުށުގެ، އެއީ އެތައް ފަހަރަކު އެތައް ގޮތަކަށް ވިސްނާ ފިކުރުކޮށް، އެއާ ދޭތެރޭ ބަހުސްކޮށް އެހެން ފަނޑިޔާރުންނާއިވެސް ޙިއްސާކޮށް، އެގޮތުގެ މަތިން ޙުކުމް ކުރުން، ފަނޑިޔާރު ހިތްޕުޅު ހަމަޖެހޭ ކަމެއްވެސް ނޫން ޙުކުމް ކުރުމަކީ، އެކަމަކު ޤާނޫނު ނަގަހައްޓަން އެބަ ޖެހޭ." އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ވިދާޅުވިއެވެ.

މި ޕްރޮގްރާމް ނިންމާލުމަށް ސުޕްރީމް ކޯޓުގައި ބޭއްވި ޙަފްލާގައި ޕްރޮގްރާމްގެ ބައިވެރިވި ފަރާތްތަކަށް ސެޓްފިކޭޓް ޙަވާލުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.

މި ޕްރޮގްރާމް ޙާއްސަކޮށްފައިވަނީ އުމުރުން 15 އަހަރާއި 20 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. މި ފަހަރުގެ ޕްރޮގްރާމްގައި 40 ޒުވާނަކު ބައިވެރިވިއެވެ.

މި މަހުގެ 14 ވަނަ ދުވަހުން 8 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް، ސުޕްރީމް ކޯޓް، ހައިކޯޓް، އެޓާނީ ޖެނެރަލް އޮފީސް، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް، ކްރިމިނަލް ކޯޓް އަދި ސިވިލް ކޯޓް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.