ޚަބަރު

މީގެކުރިންވެސް ބިން ހިއްކި، މިފަހަރު ތަފާތަކީ ފައިދާ އެތައް ގުނަ ބޮޑުވުން


  • ހުޅުމާލެ، ތިލަފުށި، ދިޔަނެރުފަޅު ހިއްކީ ކޮންޓްރެކްޓަރަށް ބިންދޭ އުޞޫލުން

  • ހުޅުމާލެ، ތިލަފުށި، ދިޔަނެރުފަޅު - 96 ހެކްޓަރުގެ ބަދަލުގައި 20 ހެކްޓަރު ކޮންޓްރެކްޓަރަށް

  • ރަސްމާލެ - 1153 ހެކްޓަރު ހިއްކުމަށް 70 ހެކްޓަރު ކޮންޓްރެކްޓަރަށް

  • މިފަހަރު ކޮންޓްރެކްޓަރުގެ އަތުން ބިން ގަތުމުގެ ބާރު އެއްބަސްވުމުން އެޗްޑީސީއަށް ލިބިދޭ

ރާއްޖެއަކީ ބިމުގެ ސަތަޙަ ކުޑަ ޤައުމަކަށްވުމުން އިޖުތިމާޢީ އަދި އިޤްތިޞާދީ ބޭނުންތަކަށް ބިން ހިއްކުމުގެ މަސައްކަތް ވޭތުވެދިޔަ އެކި އަހަރުތަކުގައިވެސްވަނީ ކޮށްފައެވެ. މިގޮތުން ސިޓީ ފެންވަރުގައި ހިއްކި ފުރަތަމަ ސަރަޙައްދަކީ ހުޅުމާލެއެވެ. އެހެންނަމަވެސް އެއީ ދާއިމީ ޙައްލަކަށް ނުވިއެވެ.

ހުޅުމާލެ ފުރިގެން ރައްޔިތުންނަށް ދޭނެ އިތުރު ގޯއްޗެއް ނުވަތަ ފްލެޓް އެޅޭނެ ގޮތެއްވެސް އެތާކުނެތެވެ. އެހެންކަމުން މިކަމަށް ޙައްލު ގެނެސްދެއްވާނެ މަޝްރޫޢެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ އެންމެ ބިޔަ މަޝްރޫޢުއެވެ. ފުށިދިއްގަރުފަޅުން "ރަސްމާލެ" ތަރައްޤީކުރުމުގެ ބިޔަ ތަޞައްވުރެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ބިން ހިއްކުމުގެ މި ބިޔަ މަޝްރޫޢުއަކީ ހުޅުމާލެ މަޝްރޫޢަށްވުރެ އެތައް ގުނައެއް ބޮޑު މަޝްރޫޢެކެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢެވެ.

ރައީސް ކުރައްސަވާލަދެއްވި "ރަސްމާލޭ" ގެ ތަޞައްވުރުގައި ހަޤީޤީ ކުލަ ޖެހި، އެކަމުގެ ޢަމަލީ މަސައްކަތް ސަރުކާރުން ފަށްޓަވާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. ޖުމްލަ 1153 ހެކްޓަރުގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ކުރަން ފަށާފައިވާއިރު މިއީ އިޖްތިމާޢީ އެތައް މައްސަލައެއްގެ ޙައްލުކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރަސްމާލެ - ފެހިކަންގަދަ ރާއްޖޭގެ ފުރަތަމަ އިކޯ ސިޓީ

ރަސްމާލެ ސިޓީއާމެދު ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރަކީ ދުނިޔޭގެ ތަރައްޤީވެފައިވާ ބޮޑެތި ސިޓީތަކާ އެއްސަފަށް ރާއްޖެ ގެންދިޔުމުގެ ވިސްނުންފުޅެވެ.

ދުނިޔެއަށް އަންނަމުންދާ މޫސުމީ ބަދަލުތަކުގައި ބޭރު ދުނިޔޭގައި ވަކާލާތުކުރާ ކަންކަމުގެ ނަމޫނާ ދިވެހިންނަށް ދެއްކޭނެ ފަދަ ތަސްވީރަކާއެކުގައެވެ. މިއީ ސޭފް އައިލެންޑް ކޮންސެޕްޓްގައި ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ކަނޑައެޅޭ ވަރަށް ހިއްކައިގެން ތަރައްޤީކުރާ ސިޓީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އެގޮތުން ރަސްމާލެ ސިޓީއަކީ މެދަށް 3 މީޓަރު އުސްކޮށް އަރިމައްޗަށް ގާތްގަނޑަކަށް 2 މީޓަރު އުސްކޮށް ހުންނާނެހެން ރާއްޖޭގެ ބިންތިރި ރަށްތަކާއި ތަފާތުކޮށް ފެންނާނެ ސިޓީއެކެވެ. ފެހިކަން ގަދަ އަދި ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކަށް ހުޅުވާލެވޭ މިސިޓީއަކީ އިޔާދަކުރަނިވި ޙަކަތައަށް ފައްކާކުރާ ސިޓީއެކެވެ. ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ ތެރޭގައިވެސް 100 އިންސައްތަ ކަރބަން ފްރީ ފުރަތަމަ ސިޓީއެވެ.

"ފެހި، އެންވަޔަރަންމަންޓަލް ފްރެންޑްލީ، އިކޯ ސިޓީއަކަށް މިތަން ހަދާނީ. މިތަން ވާނީ އިންޓަރނޭޝަނަލީ ބްރޭންޑް ކުރެވިގެންދާއިރުގައި، އިރާދަކުރެއްވިއްޔާ މިތަން އަޅުގަނޑުމެން ކަނޑައަޅާނީ މޯލްޑިވްސް އިކޯ ސިޓީގެ ގޮތުގައި." ފުށިދިއްގަރު ފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ސަރުކާރު އެދޭ ސްޕީޑުގައި މަސައްކަތް ނިންމާލުމުގެ އަމާޒުގައި!

ގިނަ ބައެއްގެ ކަންބޮޑުވުންތަކާ ގުޅިފައިވާ މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް "ޓޯޓަލް ސޮލިއުޝަން"އެއްގެ ގޮތުގައި ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ "ރަސްމާލެ" މަޝްރޫޢު ޙަޤީޤަތަކަށް ހެދުމަށްޓަކާ އެ ޝަހަރު ޕްލޭންކޮށް ޑިވެލޮޕްކުރުމުގެ އެންމެހާ މަސައްކަތެއް ސަރުކާރުން ޙަވާލުކުރައްވާފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއާއެވެ.

ޢުމްރާނީ ތަރައްޤީގައި އެޗް.ޑީ.ސީއަކީ މިހާރު ތަޖުރިބާހުރި ކުންފުންޏެކެވެ. ހުޅުމާލޭގެ ދެ ފިޔަވަހި މިކަމަށް ފުދޭނެއެވެ. ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢު އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ދެއްވި ޔަޤީންކަމަކީ އެޗް.ޑީ.ސީގެ ޤާބިލު ޓީމާއި، މި މަޝްރޫޢު ކުރިއަށްގެންދިއުމަށް އެކޯރޕަރޭޝަނާއި ޕާޓްނަރވެފައިވާ ފަރާތްތަކާއެކު، ސަރުކާރުން އެދޭ ސްޕީޑުގައި މަސައްކަތްކޮށް ނިންމާލާނެކަމެވެ.

"އަޅުގަނޑުމެންގެ ޓީމުން، އަޅުގަނޑުމެންގެ ލަޔާޤަތާއި ޤާބިލްކަން ތަންދިން މިންވަރަކުން ދިވެހީންގެ މެނިފެސްޓޯ ތަންފީޒުކުރުމަށް ރައީސްގެ މެނިފެސްޓޯ ތަންފީޒުކުރުމަށްޓަކައި ރެއާއި ދުވާލު މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސަށް އަޅުގަނޑު އަރުވަން." ފަޒުލް ވިދާޅުވިއެވެ.

ފުށިދިއްގަރު ފަޅު ތަރައްޤީކުރުމުގެ މަސައްކަތް އެޗް.ޑީ.ސީއާއި ޙަވާލުކޮށްފައިވާއިރު ބިން ހިއްކުމުގެ ބައި ޙަވާލުކޮށްފައިވަނީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ)އާއި ނެދަލޭންޑްސްގެ ބޮސްކާލިސްއާއި، ޗައިނާ ސްޓޭޓާއެވެ.

ސަރުކާރުގެ އަމާޒަކީ ކުރިއަށްއޮތް 8 މަސް ދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ނިންމާ، ރަސްމާލޭގެ ގޮތުގައި އެތަނުގައި މީހުން އާބާދުކުރަން ފެށުމެވެ.

ހުޅުމާލެ، ތިލަފުށި، ދިޔަނެރުފަޅު ހިއްކީ ކޮންޓްރެކްޓަރަށް ބިންދޭ އުޞޫލުން

ބިން ހިއްކުމުގެ މަޝްރޫޢުތައް މީގެ ކުރިންވެސް ކުރިއަށް ގެންގޮސްފައިވާއިރު އޭގެތެރެއިން ނިމިދިޔަ ސަރުކާރުން ހިންގި ހުޅުމާލޭ ފޭސް 3 އާއި ތިލަފުށްޓާއި، ދިޔަނެރުފަޅު ހިއްކުމުގެ މަސައްކަތަކީވެސް ބިން ވިއްކައިގެން އަގު އަދާކުރާ، ކޯޕަރޭޓް ގެރެންޓީ އުޞޫލުން ހިންގި މަޝްރޫޢެކެވެ.

މިގޮތުން ޖުމްލަ 96 ހެކްޓަރުގެ ބިން ހިއްކުމަށް އޭރު ސަރުކާރުންވަނީ 20 ހެކްޓަރުގެ ބިން ކޮންޓްރެކްޓަރަށް ދޫކޮށްލާފައެވެ. އެއީ ހުޅުމާލެއިން 10 ހެކްޓަރު އަދި ތިލަފުށިން 9.6 ހެކްޓަރުގެ ބިމެވެ. މި އުޞޫލުގެ ދަށުން ހިއްކި ކޮންމެ ހެކްޓަރަކަށް އެޗް.ޑީ.ސީއަށް ލިބިފައިވަނީ 4.94 ހެކްޓަރުގެ ބިމެވެ. އަދި މި ނިސްބަތުން 20 އިންސައްތަ ބިން ކޮންޓްރެކްޓަރަށް ލިބޭގޮތަށް އޭރުވަނީ އެއްބަސްވެފައެވެ.

ރަސްމާލެ މަޝްރޫޢުވެސް މިއުޞޫލުގެ ދަށުން ހިންގާއިރު، ދެ މަޝްރޫޢުގައި ބޮޑު ތަފާތެއް އެބައޮތެވެ. ސަރުކާރުން ފުށިދިއްގަރުފަޅު ހިއްކުމަށް ކުރިއަށްގެންދާ މަޝްރޫޢުގައި ޖުމްލަ 1153 ހެކްޓަރުގެ ބިން ހިއްކަނީ ބަދަލުގައި ކުންފުންޏަށް ހިއްކާ މިންވަރުގެ ނިސްބަތުން 6.07 އިންސައްތަ ބިން ދޭގޮތަށެވެ. އަދި ހިއްކާ ބިމުގެ ކޮންމެ ހެކްޓަރަކަށް 14.43 އިންސައްތަ ހެކްޓަރުގެ ބިން އެޗް.ޑީ.ސީއަށް ލިބޭނެގޮތަށް އެއްބަސްވުންވަނީ އެކުލަވާލާފައެވެ.

މިއީ ދައުލަތަށް ބޮޑުތަނުން ފައިދާވާނެ މަޝްރޫޢެއް

މިފަދަ މަޝްރޫޢަކާއި އަޅާ ބަލާއިރު މި ސަރުކާރުން ހިންގާ ރަސްމާލެ މަޝްރޫޢަކީ ބޮޑުތަނުން ދައުލަތަށް ފައިދާވާގޮތަށް ތަރައްޤީކުރާ މަޝްރޫޢެއްކަމަށް އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ވިދާޅުވިއެވެ.

ރާއްޖޭގައި މީގެކުރިންވެސް ރަށްރަށާއި ފަޅުތައް އަދި މިނޫންވެސް ޢިނާޔަތްތައް ކޮންޓްރެކްޓަރަށް ލިބިދޭ އުޞޫލުން އެކި މަޝްރޫޢުތައް ހިންގާފައިވެއެވެ. އޭގެތެރޭގައި ބޯހިޔާވަހިކަމުގެ ބައެއް މަޝްރޫޢުތަކާއި ފަތުރުވެރިކަމަށް ދޫކުރާ އެކި ތަންތަނުގެ މަސައްކަތް ހިމެނެއެވެ. މިފަދަ ބައެއް މަޝްރޫޢުތަކުން އިޤްތިޞާދަށް ފައިދާވާއިރު އަނެއްބައި މަޝްރޫޢުތަކުން ދައުލަތަށް ފައިދާ ނުވާކަން ފާހަގަކޮށްލެވެއެވެ.

ކުރިއާ ޚިލާފަށް މިފަހަރުގެ އެއްބަސްވުމުގައި އެޗް.ޑީ.ސީން ބޭނުންވެއްޖެ ޙާލަތުގައި ކޮންޓްރެކްޓަރަށް ދީފައިވާ ބިން އަނބުރާ ގަނެވޭނެ އުޞޫލުވެސް ވަނީ އެއްބަސްވުމުގައި ހިމަނާފައެވެ.

މިހުރިހާ ގޮތަކުން ބަލާއިރު މިއީ އެޗް.ޑީ.ސީއަށް އެތައް ގޮތަކުން މަންފާ ލިބޭފަދަ މަޝްރޫޢެކެވެ. ކުންފުނީގެ އެސެޓް ވެލިއު މަތިވުމަކީ އެތަނެއްގެ އަގު ބައިނަލްއަޤުވާމީ ބާޒާރުގައިވެސް އުފުލިގެންދާނެ ސަބަބެކެވެ. މިއާއެކު ބޯހިޔާވަހިކަމަށް ޙައްލު އައުމުގެ އިތުރުން މިއީ ރާއްޖެ، "އިކޯ މޯލްޑިވްސް"ގެ ގޮތުގައި ވިއްކުމަށް ބޭނުންކުރާނެ މުހިންމު ސަރަޙައްދަކަށްވެސް ވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

"އަޅުގަނޑު ދަންނަވާނީ މިއީ ކުރިއަށް އޮތް 50 އަހަރަށް ބޯހިޔާވަހިކަމަށް ގެންނަ ޙައްލެކޭ. އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށްވެސް މީގެ މަންފާކުރާނެ. ހުޅުމާލޭ ފޭސް 1 އަދި 2 ވެސް އޮތީ ތޮއްޖެހި ނިމިފައި. އެޗްޑީސީއަތުގައި މިހާރު ބިމެއް ނެތް." ފަޒުލް ވިދާޅުވިއެވެ.

ކޮންމެއަކަސް ފުށިދިއްގަރު ފަޅު ބިން ހިއްކާ "ރަސްމާލެ" އުފަންކުރުމުގެ ޢަމަލީ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ޝަހަރު ސިފަކުރައްވަނީ "ނިކަން ވިންދު ހުރި ސިޓީ"އެއްގެ ގޮތުގައެވެ.

އެމަނިކުފާނު ވިދާޅުވީ މިއީ، ދުނިޔޭގައިވެސް ނަން ވިދާލާ ނަމޫނާ ސިޓީއަކަށްވެގެންދާނެކަމަށާއި، ރަސްމާލެ ބިނާކުރާނީ ތިމާވެށްޓާ ރައްޓެހި، ޒަމާނީ، ޑިޖިޓަލް، ސްމާޓް ސިޓީއެއްގެ ގޮތުގައިކަމަށެވެ.

މި މަޝްރޫޢާއެކު ފެށިގެން މިދިޔައީ ދިވެހީންގެ ރަށްވެހިކަމުގެ މުޅިން އައު ރަން ޒަމާނެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.