ތަޢުލީމު

"ދަ ލީޑަރ އިން މީ" ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި


"ދަ ލީޑަރ އިން މީ"ގެ ނަމުގައި ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ އިސްނެގުމާއި، ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ފަށައިފިއެވެ.

މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ، އެކަމަށްޓަކައި އިއްޔެ އެ ސްކޫލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި "ފްރެކްލިން ކާވީ"ގެ ސައުތް އޭޝިއަން ރީޖަންގެ ސީ.އީ.އޯ އަމީރު އަޙްމަދެވެ. ފްރެކްލިން ކާވީއަކީ ދިރިއުޅުމުގެ ތަފާތު ހުނަރުތައް ސްކޫލްކުދިންނަށާއި، އެކި މުއައްޞަޞާތަކަށް އުގަންނައިދޭ ބައިނަލް އަޤްވާމީ ޖަމިއްޔާއެކެވެ.

"ލީޑަރ އިން މީ" ޕްރޮގްރާމަކީ މުޅި ސްކޫލަށް އަމާޒުކޮށްގެން ހިންގާ، ޤާއުމީ އަދި ސަރުކާރުގެ ތަޢުލީމީ ނިޒާމުގެ ހަމަތަކާއި، އުސޫލުތަކަށް ފެތޭ ޕްރޮގްރާމެއްކަމަށް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުން މަޢުލޫމާތުދެއެވެ. މިފަދަ ޕްރޮގްރާމެއް ހިންގުމުގެ އެންމެ ބޮޑު މަޤްސަދަކީ ކޮންމެ ދަރިވަރަކީ ލީޑަރަކަށްވުމުގެ ވިސްނުން ނުވަތަ އެކަމުގެ ޤާބިލުކަން ހުރި ބައެއްކަން ޤަބޫލުކުރުމުގެ ސަޤާފަތެއް އޮތް ތަނަކަށް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް ހެދުންކަމުގައި އެ ސްކޫލުން ބުނެއެވެ. އަދި ދަރިވަރުންނަށް އިމްތިޙާނުތަކުން ރަނގަޅު ނަތީޖާ ހޯދުމަށް މަސައްކަތް ކޮށްދިނުމާއެކު، އެކުދިންގެ ކިބައިގައި ހުރި ހުނަރުތަކާއި، ޤާބިލިއްޔަތުތައް ތަރައްޤީކޮށް، ފުރިހަމަކުރުމަށް ފުރުސަތުތައް ހޯދައިދިނުންކަމަށްވެސް އެ ސްކޫލުން ހާމަކުރެއެވެ.

މި ޕްރޮގްރާމްގެ ސަބަބުން ދަރިވަރުންނަށް ކޮންމެ ޙާލެއްގައިވެސް ތަޢުލީމީގޮތުން ކާމިޔާބު ޙާޞިލުކުރެވޭ ފަދަ ދަރިވަރަކަށްވުމުގެ ހުނަރުތައް ދަސްވެގެންދާނެއެވެ.

އެގޮތުން ދަރިވަރުންނަށް ބިނާކުރަނިވި އުފެއްދުންތެރި ވިސްނުމާއި، އަމާޒެއް ކަނޑައެޅުން، އަޑުއެހުމާއި ވާހަކަދެއްކުމުގެ ޤާބިލުކަމާއި، އަމިއްލައަށް އުނގެނުމުގެ ހުނަރުވެރިކަމާއި، ތަފާތު ހުށައެޅުންތައް ތައްޔާރުކުރުން އަދި އެހެންމީހުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ދަސްކޮށްދެވިގެންދާނެކަމަށް އެ ސްކޫލުން މަޢުލޫމާތުދެއެވެ.