ރާއްޖޭގައި އޮތް ކައުންސިލްތަކަށް ކުރީ ސަރުކާރުތަކުން އެ ކައުންސިލްތަކަށް އަޅާލާފައި އޮތްތަނެއް ނުފެންނަކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ "ކަންގަތި އެވޯޑް 2023" ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ. 
ކައުންސިލްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ބާއްވާ ކަންގަތި އެވޯޑް ދިނުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ވެރިކަމާ ހަވާލުވެ މިވީ ކުރު މުއްދަތުގެ ތެރޭގައި ބައްދަލުވި ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ ކަންކަމުން ހާމަވަމުންދާ އެއްކަމަކީ ކުރީގެ ސަރުކާރުތަކުން ކައުންސިލްތަކަށް އަޅާލަން ވާ ވަރަށް އަޅާނުލެވި އޮތް އޮތުންކަމަށެވެ. 
އެގޮތުން މިހާތަނަށް ކައުންސިލްތަކުން ކުރި އެންމެ ބޮޑު ޝަކުވާއަކީ ކައުންސިލްތަކުގެ އިމާރާތްތައް ބާވެފައި އޮތް އޮތުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. 
"މީ މިކަން ހާމަވާ ވަރަށް ކުޑަ މިސާލެއް އެއީ ކުރީގެ ސަރުކާރުތަކުން ރައްޔިތުންނަށް އެންމެ މުހިންމު ޙިދުމަތް ފޯރުކޮށްދެއްވަމުން ގެންދަވާ ފަރާތްތަކަށް އަޅާނުލާ އޮތްކަން، މިކަމަށް މިޒައާމަތުގައި ޙައްލު ގެނަސްދެއްވާނެ ކަމާމެދު ޝައްކެއް ނުކުރަން" ވަޒީރު ވިދާޅުވިއެވެ. 
މީގެ އިތުރުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތަކާއެކު ކުރެވުނު މަޝްވަރާތަކުން އިދާރީ ގޮތުން ގޮންޖެހުން ހުރިކަން ފާހަގަކުރެވުނުކަމަށެވެ. 
		
										
			އެގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒުކުރުމަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން އިތުރު ކުރަން ޖެހޭކަމަށެވެ. އަދި ޤާނޫނީ ގޮތުން ކައުންސިލްތައް ބާރުވެރި ކުރުވުމަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާރަށްވުރެ ބޮޑަށް ކައުންސިލްތަކުގެ ކަންކަން މޮނިޓަރކޮށް ޒިންމާދާރު ތަނަކަށް ހަދަންޖެހޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 
ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރު ކުރުމަށް މަސައްކަތްކޮށް، އެކަމަށް މަގުތަކެއް ފަހިކޮށްދެއްވާނެކަމާމެދު ޝައްކު ނުކުރައްވާކަމަށެވެ. އަދި ރައީސް ޑރ. މުޢިއްޒުގެ ޒައާމަތުގައި ރާއްޖޭގެ ކައުންސިލްތައް ބާރުވެރިކޮށް މާލީ ތަނަވަސްކަން ލިބޭ ކައުންސިލްތަކަކަށް ހައްދަވައި ރައްޔިތުންނަށް ފޯރުކޮށްދޭ ޙިދުމަތްތަކުގެ ފެންވަރު މިހާރާށް ވުރެ ރަނގަޅު ކުރާތަން ފެނިގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ކައުންސިލްތަކާ ގުޅިގެން ލާމަރުކަޒީ ނިޒާމް ހަރުދަަނާކޮށް އެ ނިޒާމް ޤާއިމުކުރުމުގެ އެންމެ މުހިންމު މަސައްކަތެއް ކުރައްވަނީ އެލް.ޖީ.އޭގެ މުވައްޒަފުންކަމުން އެފަރާތްތަކަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އެލް.ޖީ.އޭ ޓީމުން ފެނިގެން ދަނީ އިޙްލާސްތެރިކަމާއެކު، ކަމެއް ޙާޞިލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. 
މި ރަސްމިއްޔާތުގައި އެކިގޮތްގޮތުން ޙިދުމަތްތެރި ކައުންސިލްތަކުގެ އަގުވަޒަންކޮށް ވަނީ ހަނދާނީ ފިލާވަނީ ދެއްވާފައެވެ.