ޚަބަރު

އަމާޒަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ވަޒީރު ފައިޞަލް


  • 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް މިއަދު ވަނީ ކިޔާފައި

  • ފަތުރުވެރިކަމަށް މިއަހަރު ކަނޑައެޅި އަމާޒު މިވަނީ ޙާޞިލުވެފައި

  • މިހާރު އާމްދަނީއަކީ 4.5 ބިލިއަން ޑޮލަރު

  • އިތުރު ސަރަޙައްދުތަކަށްވެސް ފަތުރުވެރިކަން ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެއް

އަމާޒަކީ ފަތުރުވެރިކަމުން ދިވެހި ދައުލަތައް ވަންނަ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުންކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާއި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަންދެއްވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢު ވީހާވެސް އަވަހަކަށް ނިންމުމަށްކަމަށެވެ. އެގޮތުން އެއަރޕޯޓް މަޝްރޫޢު ކުރިއަށްއޮތް 8 ނުވަތަ 10 މަސްދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒުހިފާފައިވާކަމަށެވެ. މިއާއެކު ރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑުބައެއް މިހާރު ހިއްސާކުރަނީ ފަތުރުވެރިކަންކަމަށެވެ. އެއީ އަހަރަކު 4.5 ބިލިއަން ޑޮލަރެވެ. މި ސަރުކާރުގެ އަމާޒަކީ އެ އަދަދު 6 ބިލިއަން ޑޮލަރަށް އިތުރުކުރެއްވުންކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިހާރުވެސް އެންމެ ބޮޑު ކޮންޓްރިބިއުޝަންއެއް މިދެނީ 4.5 ބިލިއަން ޑޮލާސް ޓޫރިޒަމް އިންޑަސްޓްރީން ބަޖެޓަށް އެބަ ކޮންޓްރިބިއުޓް ކޮށްދެއްވާ. އެ 6 ބިލިއަނަށް އެއީ އަޅުގަނޑުމެންގެ ޓާގެޓް ގޯލްއަކީ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސްޕީޑް މިހުރި ވަރަށް ބަލާއިރު އަޅުގަނޑަށް ހީވަނީ 6 ބިލިއަނަށްވުރެވެސް ކުރިއަށް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު ހަމަ." ވަޒީރު ފައިސަލް ވިދާޅުވިއެވެ.

ވަޒީރު ފައިޞަލް ވިދާޅުވީ، ފަތުރުވެރިކަމުގައި އިތުރު އިންވެސްޓްމަންޓްތައް ރާއްޖެއަށް އަންނާނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށެވެ. އަދި މިހާރު ފަތުރުވެރިކަން ތަރައްޤީވެފައި ނެތް ސަރަޙައްދުތަކަށް ފަތުރުވެރިކަން ފުޅާކުރައްވާނެކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވިއެވެ.