ޚަބަރު

މަސްތުވާތަކެތީގެ ބާވަތްތަކަށް އަންނަ ބަދަލުތަކާ އެއްގޮތަށް އެ ޤާނޫނަށް ބަދަލު ގެންނަނީ


  • ޤާނޫނުގައި ނެތް 8 ބާވަތެއްގެ މަސްތުވާތަކެތި ވަނީ އެތެރެކޮށްފައި

  • ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ގޮންޖެހުންތަކެއް ދިމާވޭ

  • ޤާނޫނީ ގޮތުން އޮންނަ ލޫޕްހޯލުތަކުން މިހާތަނަށް މިފަދަ ބޮޑެތި މައްސަލަތައް ވަނީ ދޫވެފައި

ޒަމާނަށް އަންނަ ބަދަލުތަކާއެކު، މަސްތުވާ ތަކެތީގެ ބާވަތްތަކަށްވެސް އަންނަ ބަދަލުތަކަށް ބަލައިގެން މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޙިދުމަތުން މިކަން ހާމަކުރެއްވީ، ދާޙިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުގައި ހުރި މުއައްސަސާތަކުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މަަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ފުލުހުންގެ ހެޑް އޮފް ޑްރަގް އެންފޯސްމަންޓް، ޗީފް ސުޕްރިޑެންޓެންޓް އަޙުމަދު ޝާކިރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގެން، ރާއްޖޭގެ ކުށުގެ ވެށި އަމާން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް 2011 ވަނަ އަަހަރު އެކުލަވާލާފައި އޮތް މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު މިހާރު އޮތްގޮތުން ރާއްޖެއަށް މިހާރު އެތެރެކުރާ މަސްތުވާތަކެތީގެ މައްސަލަތައް ޙައްލުކުރުމަށް ޤާނޫނީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ފުލުހުން ފާހަގަކުރެއްވިއެވެ.

މަސްތުވާ ތަކެއްޗާ ބެހޭ ޤާނޫނުގެ ޖަދުވަލުގައި ނެތް 8 ބާތެއް މިފާއިތުވި މުއްދަތުގައި، ރާއްޖެއަށް އެތެރެކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންކަމުން ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބައެއް ޙާލަތްތަކުގައި ނޭޅިދާކަން ފާހަގަކުރައްވަމުން ޗީފް ސުޕްރިޑެންޓެންޓް މުޙައްމަދު ޝާކިރު ވިދާޅުވީ، މިޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް އެކުލަވާލައި ނިމިފައިވާކަމަށެވެ. ޓާސްކް ފޯސް އުފެދުނު ފަހުން ފުލުހުން ކުރި މަސައްކަތަކުގެ ތެރެއިން 13 މިލިއަން ރުފިޔާގެ މަސްތުވާ ތަކެޗާ ރަލުގެ ބާވަތްތައް ވަނީ އަތުލައިފައެވެ.

"މީޔޫއެންއޯޑީސީ ގައިޑްލައިން ތަކުގައި މަސްތުވާ ތަކެތިކަމަށް ކަނޑައަޅާފައި ވާ ތަކެތި، އެހެންނަމަވެސް ރާއްޖޭގެ ޤާނޫނުގައި މަަސްތުވާތަކެތިކަމަށް ކަނޑައަޅާފައި އޮންނަ ޖަދުވަލުގައި މިހާރު ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ހިމެނިފައި ނެތުމުން ޤާނޫނީގޮތުން ގިޮންޖެހުންތަކެއް އެބަހުރި." ޝާކިރު ވިދާޅުވިއެވެ.

މުދާ ކްލިއަރ ކުރާ ފަރާތްތައް ނަހަމަގޮތުގައި ބޭނުންކޮށް އެއޭޖެންސީތަކާ ގުޅިގެން މަސްތުވާ ތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރަމުންދާކަމަށާ، އެފަދަ ކުންފުނިތަކުން މިކަންކަމަށް ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސް ކުރައްވައެވެ.

ހުޅުމާލެއިން ދޫކުރާ ޝޯސަލް ހައުސިން ޔުނިޓް ތަކުގައި ޑްރަގްގެ ވިޔަފާރި ކުރަމުން ދާކަން ފުލުހުންނަށް ވަނީ ފާހަގަކުރެވިފައެވެ. އަދި އެކަމުގެ ސަބަބުން އަނެއްކާވެސް ޑްރަގް ކެފޭތައް އުފެދިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތްކަމަށް ޝާކިރު ވިދާޅުވިއެވެ. ޝާކިރު ވިދާޅުވީ ގޭންގްތަކުން ކުރާ ކުއްތައް މަދުކުރުމަށް އެކުލަވާލާފައިވާ ޓާސްކް ފޯސްގެ މަސައްކަތްތައް މިހާރު ރާވަމުން ދާކަމަށެވެ.

ދިވެހި ފުލުހުންގެ ޙިދުމަތުގެ ތަމްރީންތަކުގައި ދިވެހި ގައުމިއްޔަތު މިމާއްދާ ކިޔަވައިދޭން ފެށޭނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ރާއްޖެއަށް ތަޢާރަފްވެ ފެތުރެމުންދާ ކުށްތަކާއި، އަލަށް ތަޢާރަފްވަމުން ދާ ކުށްތައް ދެނެގަތުމަށް ޙާއްސަ ޓާސްކް ފޯސްތަކެއް އެކުލަވާލާފައިވާކަން އޭނާ ފާހަަގަކުރެއްވިއެވެ. ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށާއި، މުޖުތަމައުއިން ފެންނަމުން ދާ ކުށްތަކަށް ފާރަވެރިވެ، އެކަންކަން ދެނެގަނެ ޙައްލު ކުރުމަށް ސަރުކާރުން އުފައްދަވާފައިވާ ޓާސްކް ފޯސްތަކުގެ ނަތީޖާ އަވަސް މުސްތަޤުބަލެއްގައި ފެންނަން ފަށާނެކަމަށެވެ.

މިހާތަނަށް ފުލުހުން ވަނީ ބޮޑު 8 އޮޕަރޭޝަނެއް ހިންގާފައެވެ. ހުޅުމާލެއާއި، މާފުށީ ކައިރީގައި އޮންނަ ސަފާރީތަކުގައި އޮޕަރޭޝަނެއް ހިންގައި ލައިސަންސް ނެތް ސަފާރީތަކުން ރަލުގެ ވިޔަފާރި ކުރަމުންދާކަން ފާހަގަކުރެވި އެ ސަފާރީތަކުގައި ހުރި ރަލުގެ ބާވަތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މީގެ ދަށުން 1063 ރަލުގެ ބާވަތްތަކަށް ނިސްބަތްވާ ދަޅާ ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މީގެ އިތުރުން ރާއްޖެއަށް އެތެރެކުރާ މުދާ ޗެކްކުރުމުގެ 4 އޮޕްރޭޝަނެއް ކަސްޓަމްސްއާއި ޕޯސްޓާއި ގުޅިގެން ފުލުހުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރަމުންދިޔަ 5 ވެހިކަލް ޓޯކޮށް، މަސްތުވާ ތަކެތި ބޭނުންކުރާ އަދި އެ ވިޔަފާރި ކުރާކަމަށް ޝައްކުރެވޭ 907 މީހުން ބަލާފަސްކޮށްފައިވެއެވެ. މި އޮޕަރޭޝަން ތަކުގައި 34 ދިވެހިން ހައްޔަރުކޮށްފައިވާއިރު، މި އޮޕަރޭޝަންތަކުގައި އެކި ފަހަރު މަތިން 7 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުވުމަށް 73 ޕްރޮގްރާމެއް ވަނީ ހިނގާފައެވެ.

ފުލުހުން ވިދާޅުވީ، ޤައުމީ ސަލަމަތާ ގުޅުން ހުރި މިފަދަ ބޮޑެތިކަންކަން ދެނެގަނެ އެކަންކަން ހުއްޓުވުމަށް ސަރުކާރުން އެކުލަވާލާފައިވާ ޓާސްކްފޯސްތަކުގެ ނަތީޖާ ނެރެވިގެންދާނެކަމަށެވެ. އަދި މިކަންކަމުގައި ފުލުހުންނަށް ރައްޔިތުން އެއްބާރުލުން ދިނުމަށް ފުލުހުން އިލްތިމާސް ކުރެއްވިއެވެ.