ޚަބަރު

މަސައްކަތްތެރިންގެ ޙައްޤުތަކާގުޅޭ 2 ބިލެއް މަޖިލީހުން ފާސްކުރައްވައިފި


  • މަސައްކަތްތެރިންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކޮށްދޭ

  • މަސައްކަތުގެ މާހައުލުގެ ސަލާމަތްތެރިކަމުގެ މިންގަނޑު ތަފްސީލްކޮށްދޭ

  • ރައްކާތެރިކަން ކަށަވަރުނުކޮށްފި ނަމަ އަޅާނެ ފިޔަވަޅުތައް ތަފްސީލްކޮށްދޭ

މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭ މުހިންމު ދެ ބިލެއް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފިއެވެ. އެއީ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލާއި، އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ބިލެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލަކީ، ގާނޫނުއަސާސީގެ ދަށުން ލިބިދޭ، މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުމާއި އެފަދަ ޖަމްއިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގު ކަށަވަރުކޮށްދިނުމުގެ ގޮތުން، އެ ހައްގު ލިބިދެވޭނެ ދާއިރާ އެކަށައަޅައި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާ ދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި އެފަދަ ޔޫނިއަންތައް ހިންގުމާ ގުޅޭ އުސޫލުތަކާއި މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތަކުގެ ދެމެދުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ހައްލުކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރާ ބިލެކެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ހުށަހަޅުއްވާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ އެ ބިލު ދިރާސާކުރި އިގްތިޞާދީ ކޮމިޓީން ގެނައި އިސްލާހުތަކާ އެއްގޮތަށެވެ. އެ ބިލު ފާސްްވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެމްބަރުންގެ ވޯޓުންނެވެ.

ދެން މަޖިލީހުގައި ފާސްކުރި އަނެއް ބިލަކީ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލެއެވެ. މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލަކީ މަސައްކަތުގެ މާހައުލުގައި ލިބޭ ގެއްލުމަށް ބަދަލު ލިބޭ ނިޒާމެއް އެކުލަވާލުމުގެ އިތުރުން މަސައްކަތުގެ މާހައުލުގައި ދިމާވާ އެކްސިޑެންޓުތަކާއި ހާދިސާތަކުގެ ސަބަބުން މަސައްކަތްތެރިންނާއި މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ މީހުންނަށް ލިބޭ އަނިޔާ އާއި ގެއްލުންތައް ރިޕޯޓުކޮށް މައްސަލަ ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމު ކުރުމަށް ހުށަހެޅި ބިލެކެވެ.

މި ބިލު އެކުލަވާލުމުގެ މަގުސަދުތަކަކީ، މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތައް ސިއްހީ ގޮތުން ކަށަވަރު ކުރުމުގެ ނިޒާމެއް ގާއިމު ކުރުމެވެ. މި ބިލު ތަންފީޒު ކުރެވުމާއި އެކު، ދިވެހިރާއްޖޭގެ މަސައްކަތުގެ މާހައުލުގައި ލިބިގެންދާ ސިއްހީ ގެއްލުންތަކާއި އެ މާހައުލުގެ ތެރެއިން ޖެހިގެންދާ ބަލިތާކާއި ގުޅުން ހުރި ބަލިތައް ކަނޑައެޅި ޝާމިލުވާ ފަރާތްތައް ރައްކައުތެރިކުރުމުގެ އުސޫލެއް ކަނޑައެޅުމެވެ.

މީގެ އިތުރުން މަސައްކަތުގެ މާހައުލުގެ ރައްކައުތެރިކަން ކަށަވަރުކުރުމުގެ ޒިންމާ އެޅިފައިވާ ފަރާތްތަކާއި، ޒިންމާ އަދި މަސްއޫލިއްޔަތުތައް ކަނޑައެޅި، އެ ފަރާތްތައް ޖަވާބުދާރީ ކުރުމުގެ ނިޒާމެއް ގާއިމު ކުރުމަކީވެސް މި ބިލު އެކުލަވާލުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި ބިލުގައި މަސައްކަތްތެރިންގެ ސިއްހީ ރައްކާތެރިކަމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނު ލޭބާ ރިލޭޝަން އޮތޯރިޓީގެ މަސްއޫލިއްޔަތާއި ލޯކަލް ކައުންސިލްތަކަށް މަސައްކަތްތެރިންގެ ސިއްހީ ސަލާމާތައި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސްޢޫލިއްޔަތުތައް ވަނީ ހިމަނާފައެވެ. އަދި މަސައްކަތުގެ މާހައުލުގެ ތެރޭގައި އަނިޔާއެއް ލިބިއްޖެ ހާލަތުގައި އަމަލު ކުރާނެ ގޮތުގެ އިތުރުން އެފަދަ ކަންކަން ކަމާއި ބެހޭ މުވައްސަސާތަކަށް އެންގުމުގެ ނިޒާމެއް ކަނޑައެޅުމަކީވެސް މި ބިލުގެ ދަށުން ކުރެވޭނެ މަސައްކަތެކެވެ. އަދި އެފަދަ އަނިޔާތަކަށް ބަދަލު ލިބޭނެ ނިޒާމެއްވެސް ކަނޑައެޅުމަކީ މި ގާނޫނުގެ ދަށުން ކުރުމަށް ނިންމާފައިވާ ކަމެކެވެ.

މި ބިލު ވެސް މަޖިލީހުން ފާސްކޮށްފައިވަނީ އެ ބިލު ދިރާސާކުރި އިގްތިޞާދީ ކޮމިޓީން ގެނައި އިސްލާހުތަކާ އެއްގޮތަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެމްބަރުންގެ ތެރެއިން 67 މެމްބަރުންގެ ވޯޓުންނެއެވެ.