ޚަބަރު

މާލެ ސިޓީގެ ގިނަ މައްސަލައެއް ގުޅިފައިވަނީ ތޮއްޖެހުމާ : ޙަސަން ލަޠީފް


  • ހަސަން ލަތީފް މިހެން ވިދާޅުވީ ރޭ އެޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި

  • މިއީ މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ކެމްޕެއިންގެތެރެއިން ބޭއްވި ޖަލްސާއެއް

  • ޙަސަން ލަޠީފަކީ ދަޑިމޮކްރަޓްސްގެ ރައީސް

މާލެ ސިޓީ އަކީ ތޮއްޖެހުން ބޮޑު، މީހުން ދިރިއުޅެން އެކަށީގެންވެސް ނުވާ ހާލަތުގައި އޮތްތަނެއްކަމަށާ، އެކަމަށް އަވަސް ޙައްލެއް ބޭނުންވާކަމަށް ދަޑިމޮކްރަޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ. މާލެ ސިޓީގެ ގިނަ މައްސަލައެއް ގުޅިފައިވަނީ މިތަނުގައި އޮތް ތޮއްޖެހުމާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ ރޭ އެޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މާލެ ސިޓީ ތޮއްޖެހެން މެދުވެރިވި އެންމެބޮޑު އެއްސަބަބަކީ ބޯހިޔާވަހިކަމުގެ މައްސަލަކަމަށާއި އެކަމަށް ހައްލުގެނެސްގެން ނޫންގޮތަކަށް މިމައްސަލަ އެދެވޭ ހައްލެއް ނުގެނެވޭނެކަމަށެވެ.

އަތޮޅުތަކުން މާލެއަށް މީހުން ހިޖުރަކުރަންޖެހިފައިވަނީ ޒަރޫރީ އެކިއެކި ބޭނުންތައް ފުއްދުމަށްކަމަށާ، ހުއްޓުމެއްނެތި މިގޮތަށް މީހުން ހިޖުރަކުރުމުގެ ސަބަބުން މާލެ ސަރަހައްދުގެ އާބާދީ މިހާރު ދެލައްކައާ ގާތްކުރާކަން ޙަސަން ލަޠީފް ފާހަގަކުރެއްވިއެވެ.

އެހެންކަމުން ހަރުދަނާ ނިޒާމެއްގެ ތެރެއިން މިމައްސަލަ ޙައްލުކޮށް މާލެ ސިޓީއަކީ ސާފުތާހިރު އަމާން ރައްކާތެރި ތަނަކަށް ހަދަންޖެހޭ ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

މާލެ ސިޓީއަށް ކުރިމަތިވެފައިވާ އެކިއެކި ދަތިކަންތައްތަކަށް އަލިއަޅުއްވާލައްވަމުން ހަސަން ލަތީފް ވިދާޅުވީ މާލޭގެ މަގުތަކުގައި ދުއްވާއެއްޗެތި ގިނަވެ، ޕާކު ކުރުމުގެ މައްސަލައިގެ ސަބަބުން މަގުތައް ތޮއްޖެހި، މަގުތައް ބޭނުންކުރާ މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުން ދާކަމަށެވެ.

ޑިމޮކްރެޓްސް ދެމިތިބޭނީ މިކަން ހައްލުކުރުމަށް މަސައްކަތް ކުރާ ޕާޓީއެއްގެ ގޮތުގައި ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އޭނާ މިހެން ވިދާޅުވީ ކުރިއަށް އޮތް މާލޭގެ މޭޔަރަކު ހޮވުމުގެ އިންތިޚާބުގެ ކެމްޕެއިންނާ ގުޅުވައިގެންނެވެ.