ޚަބަރު

އެއްވެސް ކެންޑިޑޭޓެއްގެ ޙައްގަށް އަރައި ނުގަނެ ކެމްޕެއިން ކުރިއަށް ގެންދިއުން މުހިންމު: ހަބީބް


  • މާލޭ ސިޓީ ބައި-އިލެކްޝަން އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހު

  • މި އިންތިޚާބުގައި މޭޔަރުކަމަށާ ހުސްވެފައިވާ ދައިރާތަކަށް 18 ކެންޑިޑޭޓުން ވާދަކުރައްވާ

މާލޭ ސިޓީ ބައި-އިިލެކްޝަންގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓެއްގެ ޙައްގަކަށް އުނިކަން ނާންނާނެހެން އިންތިޚާބުގެ ކެމްޕެއިންކަންކަން ކުރިއަށްގެންދިއުމަށް އިލެކްޝަން ކޮމިޝަނުން އިލްތިމާސްކުރައްވައިފިއެވެ. އެކޮމިޝަނުން މިކަމަށް އިލްތިމާސް ކުރެއްވީ މާލޭސިޓީ ކައުންސިިލުގެ ބައި އިލެކްޝަނަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުނެގުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މާލެ ސިޓީގެ ހުސްވެފައިވާ މޭޔަރުކަމާއި، ހުސްވެފައިވާ 3 ދާއިރާއަކަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންގެ ކެންޑިޑެންސީ ނަންބަރު ތަރުތީބުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ކެންޑިޑޭޓުންނާ އިލްތިމާސްކޮށް ވިދާޅުވީ، ކޮންމެ ކެންޑިޑޭޓަކުވެސް ކެމްޕެއިން ކުރުމުގައި އެންމެ އިސްކަމެއްދޭން ވާނީ ދިވެހިރާއްޖޭގެ ޤާނޫނުތަކަށާއި، އިންތިޚާބުތައް ކުރިއަށްގެންދިއުމަށް ހަދާފައިވާ ޤަވައިދުތަކާއި އުޞޫލުތަކަށް ކަމަށެވެ.

ކެންޑިޑޭޓުންގެ އިތުރުން ޕާޓިތަކުންވެސް މިކަމަށް ޚާއްސަ ސަމާލުކަމެއްދީ އެއްވެސް މީހެއްގެ އަބުރަށް އަރައި ނުގަތުމާ، އަނެއް ކެންޑިޑޭޓުގެ ޙައްގަށް އުނިކަމެއް ނާންނާނެހެން ކެމްޕެއިންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަބީބު ވަނީ އެދިވަޑައިގެންފައެވެ. އަދި މިފަހަރުގެ ބައި-އިލެކްޝަނުގައި ކުރިމަތިލައްވާފައި ތިއްބެވި ކެންޑިޑޭޓުންނަކީ ޤައުމުގެ ޒިންމާދާރު މަތީ މަޤާމުތައް ފުރުއްވާފައި ތިއްބެވި ބޭފުޅުންކަމުން އެ ޒިންމާތަކާއެކު ކުރެއްވި މަސައްކަތެކޭ އެއްގޮތައް އިންތިޚާބުގެ ކަންކަން ކުރިއަށްގެންގޮސް މި އިންތިޚާބުގައި ވާދަކުރައްވާ ޒުވާން ކެންޑިޑޭޓުންނަށް ނަމޫނާ ދެއްކުމަށް ހަބީބު ވަނީ އެދިވަޑައިގެންފައެވެ.

"ދައުލަތުގެ ވަރަށް ޒިންމާދާރު މަގާމަުތަކެއް ތިއްބެވި ބޭފުޅުންތީ އަދި ތިޔަ ނުކުންނަނީ ރާއްޖޭގެ ވެރިކަން ކުރާ މާލޭގެ ވެރިކަމަށް އެހެންވީމާ ކޮންމެ ކެނޑިޑޭޓަކުވެސް އަނެކެއްގެ ޙައްގުތަކަށް ހުރުމަތްތެރިކޮށް ހިތަންޖެހޭނެ، އަދި މިނޫނަސް އިންތިހާބެއްގެ ކެމްޕެއިންތެރޭގައި ހަމަޔާ އުސޫލުގެ ތެރެއިން ކަންކަން ރާވާ ހިންގުމަކީވެސް މުހިންމުކަމެއް" ހަބީބު ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތަޖުރިބާއަށް ބަލައި މި ބައި އިލެކްޝަންވެސް ކާމިޔާބުކަމާއެކީ ކުރިއަށްގެންދިއުމަށް ކެންޑިޑޭޓުންނާއި އެކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކާއި، އަމިއްލަ ގޮތުން ކުރިމަތިލައްވާ ކެންޑިޑޭޓުންވެސް އެ ކެންޑިޑޭޓުގެ ކެމްޕެއިން ޓީމުތަކުން އިލެކްޝަން ކޮމިޝަނަށް އެއްބާރުލުން ދިނުމަށް އެދެއެވެ.

ހަބީބު ވަނީ އިންތިޚާބުގެ ކެމްޕެއިންނަށް ބެނާއާއި ދިދަ ދަމާއިރު، ތިމާވެއްޓަށް ގެއްލުން ނުވާނެހެން މަގުތައް ހަޑި ނުކުރުމަށާއި، މާލެ ސިޓީގައި ދިރިއުޅޭ ފަރާތްތަކަށް އުނދަގޫ ނުވާނެހެން މިކަންކަން ކުރުމަށް އެދިވަޑައިގެންފައެވެ. އަދި ދައުލަތުގެ މީޑީއާއިން ފުރުޞަތުތައް ދިނުމުގައި ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަ އުޞޫލަކުން ފުރުޞަތު ދިނުމަށް އިލެކްޝަން ކޮމިޝަނުން ވަނީ އެދިފައެވެ.

"މާލޭގައި ކެމްޕެއިން ހަރަކާތްތައް ހިންގެވުމަށް މާލޭގެ ކެންޑިޑޭޓުންނަށް ހަމަހަމަ އުޞޫލަކުން ކުރިއަށްގެންދިއުމަކީވެސް ކުރަން ޖެހޭނެ އަދި ދައުލަތުގެ މީޑީއާއިން ފުރުޞަތު ދެއްވާއިރު ހަމަހަމަ އުސޫލަކުން ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ކަމާއެކު ފުރުޞަތު ދިނުން މުހިންމު. އިލެކްޝަން ކޮމިޝަނަނުން އެއްވެސް ކެންޑިޑޭޓެއް ތަފާތު ނުކުރައްވާނެ. ހެއްކާއެކު ޝަކުވާ ހުށައެޅުން މުހިންމު، މިހާރު ކޮމްޕްލެއިންސް ބިއުރޯ ވަނީ ގާއިމްކޮށްފައި." ހަބީބް ވިދާޅުވިއެވެ.

ކޮންމެ ކެންޑިޑޭޓަކަށްވެސް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ. އަދި ޝަކުވާ ހުށައަޅާއިރު، ހެއްކާއެކު ހުށައެޅުމަށް އެކޮމިޝަނުން އެދެއެވެ. މީގެއިތުރުން އިންތިޚާބު އޮންނަ ދުވަހު ވޯޓުލާ މަރުކަޒުތަކުގައިވެސް ޝަކުވާ ހުށައެޅުމަށް ޑެސްކްތަކެއް ބަހައްޓާނެއެވެ.

އިންތިޚާބުގެ މޮނިޓަރުންނާއި އޮބްޒަވަރުން އެ ފަރާތަކަށް އޮންނަ ޒިންމާގެ ތެރެއިން މަސައްކަތް ކުރުމަށާއި، އިންތިޚާބުގެ މަރުކަޒުތަކުގައި ކެމްޕެއިން ކުރުން މަނާ ވަގުތުތަކުގައި ކެމްޕެއިން ނުކުރުމަށް އިލެކްޝަން ކޮމިޝަނުން އެދެއެވެ. މިކަމަށް އެކޮމިޝަނުން އެދުނީ މީގެ ކުރީގެ ބައި-އިލެކްޝަން ތަކުގައި މިފަދަ ކަންކަން ފެންނަމުންދާތީއެވެ.