ޚަބަރު

ހުރަވީ ދުވަހާއި ގުޅިގެން ޚާއްސަ ކުޑަކުދިންގެ ހަވީރެއް


  • މި ހަވީރުގައި ރާއްޖޭގެ ތާރީޚާއި ގުޅޭ އެކި ކަންކަން ކުދިންނަށް ދައްކާލާފައިވޭ

  • މިހަވީރުގައި މިނިސްޓްރީގެ އިތުރުން އެމްއެންޑީއެފް އަދި ފުލުހުން ބައިވެރިވެފައިވޭ

  • ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މާދަމާރޭ

މިއަހަރުގެ ހުރަވީ ދުވަހާއި ދިމާކޮށް ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ކުޑަކުދިންގެ ޚާއްސަ ހަވީރެއް ބާއްވައިފިއެވެ. މި ކުޑަކުދިންގެ ހަވީރު ބާއްވާފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ހުކުރު ދުވަހުގެ ހަވީރު 4 އިން 6 އަށް ސެންޓްރަލް ޕާކުގައި ބޭއްވި މި ހަވީރު ޝަރަފްވެރިކޮށްދެއްވީ ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ. މި ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިން ޝައުގުވެރިވާނެ އަދި އެކުދިންނަށް ބައިވެރިވެވޭނެ އެކި ޙަރަކާތްތައް ވަނީ އިންތިޒާމުކޮށް ކުރިއަށްގެންގޮސްފައެވެ.

މި ހަވީރުގައި ފުލުހުންގެ ޚިދުމަތާއި ޤައުމީ ދިފާޢީ ބާރުންވެސް ކުޑަކުދިންނާއި ގުޅޭ ޙަރަކާތްތައް ކުރިއަށް ގެންގޮސްފައިވާކަމަށް ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

މިގޮތުން ކުރެހުމާއި ކުލަޖެއްސުމާއި، ދިވެހި ތާރީޚާއި ގުޅޭ އެކި ކުޅިވަރުތަކާއި ދިވެހި މަސައްކަތްތެރިކަން ދައްކުވައިދޭ އެކި ޙަރަކާތްތަކާއި ކުޑަކުދިންނަށް ހަދިޔާ ބެހުމުގެ އެކި ޙަރަކާތްތައްވެސް ކުރިއަށްގެންގޮސްފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ހުރަވީ ދުވަހުގެ މުނާސަބަތުގައި އެދުވަހުގެ ރަސްމީ ޖަލްސާ ހޮނިހިރު ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި "ދޮންބަންޑާރައިންގެ ހަނދާނީ މައުރަޒު"ގެ ނަމުގައި ދޮންބަންޑާރައިންގެ ޝަޚުސިއްޔަތާއި ދޮންބަންޑާރައިންގެ ޖިހާދުގެ ޒިކުރާ އައުކުރުމުގެ މަޤުސަދުގައި މައުރަޒެއް ކުރިއަށްގެންދިޔުމަށްވެސްވަނީ ރާވާފައެވެ.

މި މައުރަޒު ކުރިއަށްދާނީ ޤައުމީ ދާރުލްއާސާރުގައި މި މަހުގެ 17 އިން 21 ގެ ނިޔަލަށްކަމަށް ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ދޮންބަންޑާރައިން ހޮޅިންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވި ދުވަހުގެ ގޮތުގައެވެ. ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުމާދުލްއާޚިރާ މަހުގެ 3 ވަނަ ދުވަހެވެ.