ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް ބީގައި ރޭ ފްރާންސްގެ ގަދަބާރު މާސޭ ބަލިކޮށް، ގަދަ 16 ބުރުގެ ޖާގައެއް އިނގިރޭސި ޕްރިމިއާ ލީގުގެ ބްރައިޓަންއިން ހޯދައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބްރައިޓަން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ބްރައިޓަންއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މާސޭއަށް ބްރައިޓަންގެ ގޯލާ އަމާޒުކޮށް އެއްވެސް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. މި މެޗުގައި ބްރައިޓަންއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންގޮސްފައިވަނީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. ޕަސްކަލް ގްރޮސްގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޖާއޯ ޕެޑްރޯއެވެ.
މި މޮޅާއެކު ބްރައިޓަންއިން ގްރޫޕް ބީގެ އެއްވަނަ ހޯދިއިރު، އެ ޓީމަށް ކުޅުނު ހަ މެޗުން ވަނީ 13 ޕޮއިންޓް ލިބިފައެވެ. ގްރޫޕުގެ ދެވަނަ ހޯދައި ނޮކައުޓް ޕްލޭއޮފަށް ދަތުރުކުރި މާސޭއަށް ހަ މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ.
މި ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުން ނެދަލަންޑްސްގެ އަޔަކްސް ވަނީ 3-1 ގެ ނަތީޖާއަކުން ގްރީސްގެ އޭއީކޭ އެތަންސް ބަލިކޮށްފައެވެ. އެއާއެކު ތިންވަނަ ހޯދައި ކޮންފަރެންސް ލީގުގެ ނޮކައުޓް ބުރުން ޖާގައެއް ހޯދި އަޔަކްސްއަށް ވަނީ ހަ މެޗުން ފަސް ޕޮއިންޓް ލިބިފައެވެ. އަދި ފުލަށްދިޔަ އެތަންސްއަށް ހަ މެޗުން ލިބުނީ ހަތަރު ޕޮއިންޓެވެ.