ކުޅިވަރު

ފްރެއިބާގް ބަލިކޮށް ވެސްޓް ހޭމް ގަދަ 16 އަށް


ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް އޭގައި ރޭ ޖަރުމަނުގެ ފްރެއިބާގް ބަލިކޮށް، ގަދަ 16 ބުރުގެ ޖާގައެއް އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑުން ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވެސްޓް ހޭމް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ވެސްޓް ހޭމުން ކާމިޔާބުކުރި ދެ ލަނޑުވެސް ފެނިގެންގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗު ފަށައިގެން 14 ވަނަ މިނެޓުގައި ވެސްޓް ހޭމުން ވަނީ ލީޑު ނަގާފައެވެ. އެޑަސަން އަލްވަރޭޒްގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ކުޑޫސްއެވެ.

އަދި ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އަލްވަރޭޒް ވަނީ ލަނޑެއް ޖަހައި، ވެސްޓް ހޭމުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ ޖެރޮޑް ބޮވެން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި މޮޅާއެކު ވެސްޓް ހޭމުން ގްރޫޕް އޭގެ އެއްވަނަ ހޯދިއިރު، އެ ޓީމަށް ހަ މެޗުން ވަނީ 15 ޕޮއިންޓް ލިބިފައެވެ. ގްރޫޕުގެ ދެވަނަ ހޯދައި ނޮކައުޓް ޕްލޭއޮފަށް ދަތުރުކުރި ފްރެއިބާގަށް ހަ މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.

މި ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުން އޮލިމްޕިއާކޯސްއިން ވަނީ 5-2 ގެ ނަތީޖާއަކުން ސާބިއާގެ ޓީއެސްސީ ބަލިކޮށްފައެވެ. އެއާއެކު ތިންވަނަ ހޯދައި ކޮންފަރެންސް ލީގުގެ ނޮކައުޓް ބުރުން ޖާގަ ހޯދި އޮލިމްޕިއާކޯސްއަށް ވަނީ ހަ މެޗުން ހަތް ޕޮއިންޓް ލިބިފައެވެ. އަދި ފުލަށްދިޔަ ޓީއެސްސީއަށް ހަ މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ.