ޚަބަރު

ޑީޕީޖީގެ މަޤާމަށް ދެ ބޭފުޅުން އައްޔަންކުރަން ފާސްކޮށްފި


ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ދެ ބޭފުޅުން އައްޔަންކުރެވޭ ގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނަރަލްގެ ޤާނޫނުގައިވާ ގޮތުން ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް މިހާރު އައްޔަންކުރެވެނީ އެންމެ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރެއްވި އިސްލާހުގައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެހީތެރިވެ ދިނުމަށް ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް މީހަކު ނުވަތަ ބަޔަކު ޢައްޔަން ކުރެވިދާނޭކަމަށެވެ. އަދި ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް މީހުން ޢައްޔަނުކުރައްވައި ވަކިކުރައްވާނީ ޕްރޮސިކިއުޓަރ ޖެނެރަލް ކަމަށްވެސް ފާސްކުރެއްވި އިޞްލާޙުގައިވެއެވެ.

މި ބަދަލު ގެންނެވީ، ޕްރޮސިކިއުޓަރ ޖެނެރަލަކު ނެތް ޙާލަތެއްގައި ޑެޕިއުޓީ ޕްރެސެކިއުޓަރ ޖެނެރަލަކަށް ހުންނަވާ ދެ ބޭފުޅުންނަށް އެއްވެސް ހުރަހެއް ނެތި މައްސަލަތައް ކުރިއަށް ގެންދެވޭތީކަމަށް ސަޢުދު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަލަށް އެކުލަވާލައިފައިވާ "ޕެރިސް އެގްރީމެންޓް"ގައި ރާއްޖެއިން ބައިވެރިވުމަށްވެސް ވަނީ ފާސްކުރައްވާފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަރަންސޭސިވިލާތުގެ ޕެރިހުގައި ބޭއްވި ކޮޕް 21 ވަނަ ބައްދަލުވުމުގައި އެކުލަވާލި ޕެރިސް އެގްރިމަންޓަކީ، އެކާވީސްވަނަ ޤަރުނު، ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ބައިނަލްއަޤްވާމީ ޙައްލެއް ހޯދުމަށް އެކުލަވާލާފައިވާ މުޢާހަދާއެކެވެ.

ޕެރިސް އެގްރިމެންޓް ފާސްކުރީ، ރާއްޖެއިން ބޭނުންވި މައިގަނޑު ބައިތައް ހިމަނައިގެނެވެ.