އަތޮޅުތައް

ހައްދުންމަތީ ބޮޑުމަގުގެ މަސައްކަތް އޮގަސްޓް މަހު ނިންމަނީ


ހައްދުންމަތީ ގުޅިފައިވާ ރަށްތަކުގައި ހައްދަވާ ލިންކު ރޯޑު ނުވަތަ ހައްދުންމަތީ ބޮޑުމަގުގެ މަސައްކަތް އަންނަ އޯގަސްޓް މަހުގެ ނިޔަލަށް ނިންމަވައި ބޭނުންކުރަން ފެށޭވަރުވާނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު މިއަދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހައްދުންމަތީ ބޮޑުމަގު ޒަމާނީ ފެންވަރަށް ހެއްދެވުމުގެ މަސައްކަތް ފަށްޓަވާފައިވަނީ، 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މިމަގު ހެއްދެވުމަށް 171.7 މިލިއަން ރުފިޔާ ޚަރަދުކުރައްވަން ހަމަޖެހިފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހައްދުންމަތީ ބޮޑުމަގުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ.

ކުރިއަށް އޮތް އޮގަސްޓް މަހުގެ ނިޔަލަށް އެ މަސައްކަތް ނިންމަވައި، އެކަމުގެ އުފާ ފާޅުކުރެއްވުމުގެ ކުލަގަދަ ރަސްމިއްޔާތެއް ބާއްވަވައި، އެމަގު އޯގަސްޓް މަހުގެ ތެރޭގައި ހުޅުއްވާލައްވާނެކަމަށް ވިދާޅުވިއެވެ. ލ.ފޮނަދޫ، ކައްދޫ، މާންދުއާއި ގަން ގުޅުވާލެވޭ ގޮތަށް ހަދާ މި މަގުގެ ދިގުމިނުގައި 15.1 ކިލޯމީޓަރު ހުރެއެވެ. މި މަގަކީ އެކްސިޑެންޓްތައް ހިނގުން ވީހާވެސް މަދުވާނެ ގޮތްތަކަށް ބަލައިގެން ހައްދަވާ މަގެއްކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، ސަރުކާރުން މިހާރުވެސް 20 ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. ހދ. ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަސައްކަތް 2017 ވަނަ އަހަރުގެ މޭ މަސް ހާތާގައި ނިންމާލެވޭނެ ކަމަށާއި، އައްޑޫ ސިޓީގައި ވަރަށް އަވަހަށް 150 މިލިއަން ރުފިޔާގެ މަޝްރޫއެއް ފަށްޓަވާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.