ކުޅިވަރު

ކުޅިވަރު ދަނޑުތަކުގެ މިނިމަމް ހެލްތު ރިކުއާމަންޓް އުސޫލު އެކުލަވާލައިފި


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރާކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ކުޅިވަރުގެ ވުޒާރާއިން އެކުލަވާލާފައިވާ މަގު ޗާޓުގައިވާ ގޮތުން، ކުޅިވަރު ކުޅޭ ތަންތަނާއި ދަނޑުތަކުގައި މިނިމަމް ހެލްތު ރިކުއާމަންޓް ކަނޑައެޅުމުގެ އޫސޫލުގެ މަސައްކަތް ނިންމާލައިފިއެވެ.

ޕީއެސްއެމުން ގެނެސްދިން "ހަފުތާ 14" ޕްރޮގްރާމުގައި ވާހަދައްކަވަމުން ކުޅިވަރާއި ހަށިހެޔޮ ކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ރިޔާޒް ވިދާޅިވީ ރާއްޖޭގައި ބޭއްވޭ ގައުމީ އަދި ބައިނަލްއަގުވާ މުބާރާތްތަކުގައި، އެ މުބާރާތެއް ބާއްވާ ތަނުގައި ލާޒިމުކުރާ މިނިމަމް ހެލްތު ރިކުއާމަންޓުގެ އުސޫލުތައް ވޭތުވެދި ހަތަރު ހަފުތާގައި ކުރެވުނު މަސައްކަތުން މިހާރު ކަނޑައެޅި ނިމިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިމި، އަމާޒަކީ މޮޑެލް ފެސިލިޓީ ރޫމެއް ހަފުތާ 14 ގެ ތެރޭގައި ގާއިމުވެ، އެ ޚިދުމަތް ލިބޭނެގޮތަށް ކުރިއަށް ގެންދިޔުން ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ މި އުސޫލު އެކުލާވާލުމުގައި ކަމާ ގުޅުންހުރި ދާއިރާގެ ބޭބޭފުޅުންގެ ލަފަޔާއި މަޝްވަރާ ހޯއްދެވި ކަމަށެވެ. އަދި އުސޫލެއް ކަނޑައެޅި މި ވަގުތަށް ނިންމާފައިވާ ތަންތަނުގެ ތެރޭގައި މާލެ އާއި އަތޮޅުތެރޭގެ ބައެއް ސަރަހައްދުތައް ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ގައުމީ ފެންވަރުގައި ހިމެނޭ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަންވެސް ހިމެނޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރިޔާޒް ވިދާޅުވީ އުސޫލު ކަނޑައެޅުމާއެކު ވިގުތު ކުރަމުންދާ މަސައްކަތްތަކީ އެތަންތަނުގައި ސިއްހީ ވަސީލަތްތައް ގައީމުކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ދާއިމީކޮށް ގާއިމުކުރެވެން ހުރި ދިމާތަކުގައި އުސޫލާ އެއްގޮތަށް ވަސީލަތްތައް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ހުރި ދުވަސްތަކުގައި ފެށިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ބައެއް ތަންތަނުގައި މި ވަގުތަށް ދާއިމީކޮށް ވަސީލަތްތައް ގާއިމުކުރެވެން ނެތް ތަންތުނަގައިވެސް ދާއިމީކޮށް އެ މަސައްކަތް ފެށޭނެ ގޮތްތައް ރާވަމުންދާނެ ކަމަށެވެ. އަދި އެކި ކުޅިވަރުގެ ގޮތުން އޭގެ ޒާތުގައި ހުންނަޖެހޭ މިންގަނޑުތައް ތަފާތުވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

"
އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި މިކަން ގެންދާނެ ގޮތަކީ ކޮންމެ ވެނިއުއެއްގައިވެސް މެޑިކަލް ރޫމް ނުވަތަ ފެސިލީޓީއެއް ހެދެން ހުރި ތަންތަނުގައި އަޅުގަނޑުމެން ދާއިމީކޮށް ގާއިމުކުރާނަން.
މުޙައްމަދު ރިޔާޒް - ކުޅިވަރާއި ހަށިހެޔޮ ކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު

ސަރުކާރުގެ ކުޅިވަރުގެ ސިޔާސަތުތައް ކަނޑައަޅާފައިވަނީ ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ މަޝްވަރާގެ މަތިންނެވެ.