ޚަބަރު

ދައުލަތުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ޕްލޭނެއް އެކުލަވާލަނީ


ދައުލަތުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި "ނޭޝަނަލް މާސްޓަރ ޕްލޭން ފޯ ސްޓްރެންގތަނިންގ އޮފް ގަވާނަންސް" އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފުލުހުންގެ 83 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި އަހަރުތެރޭގައި ދިވެހިރާއްޖޭގައި ސިންގަޕޫރު ސަރުކާރުގެ އެހީގެ ދަށުން އަސްކަރީ ކޯޓެއް އުފެދިގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ފުލުހުންނަށް ފަސޭހަ ކަމާއެކު ޒަމާނީ ވަޞީލަތްތަކުގެ އެހީގައި އެމީހުންގެ މަސްޢޫލިއްތު ރަނގަޅަށް އަދާ ކުރުމަށް މަގު ފަހި ކޮށްދިނުމުގެ ގޮތުން ބޭނުންވާ ވަޞީލަތްތައް ފުލުހުންގެ މުއައްޞަސާ އަށް ފޯރު ކޮށްދެވިގެން ދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފުލުހުންނަކީ މަތިވެރި އިންސާނީ ޚިދުމަތެއް ފޯރުކޮށްދޭ ބައެއް ކަމަށާއި، ޢާންމު ރައްޔިތުންނެކޭ އެއްފަދައިން ފުލުހުންނަކީ ވެސް އިންސާނީ ޙައްޤު ތަކާއި އިންސާނީ ކަރާމާތް ލިބިގެންވާ ބައެއް ކަމަށެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުޒާހަރާ ކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ވެސް ޤާނޫނުގެ ދަށުން ލިބިގެންވާ ކަމަށެވެ. ނަމަވެސް، މި ޙައްޤު ފުލުހުންނަށް ހަމަލާ ދިނުމަށް ބޭނުން ކުރެވިގެން ދިއުމަކީ ހަމަނުޖެހުމަށް މަގު ފަހި ވެގެން ދާނެ ކަމެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިޖަލްސާގައި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، އަލްމަރްޙޫމް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ރާއްޖޭގެ އަތޮޅުތަކާބެހޭ ވަޒީރުގެ މަޤާމު ފުރުއްވި ދުވަސްވަރު، ދިވެހި ފުލުހުންގެ ޚިދުމަތް އަތޮޅުތަކަށް ތަޢާރަފްކޮށް ޒަމާނީ ކުރިއެރުންތަކާއެކު އެ ޙިދުމަތް ފުޅާކުރުމަށްޓަކައި ކުރެވުނު މަސައްކަތުގައި، މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ވެދެއްވި މަތިވެރި އެހީތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ފުލުހުންގެ ޝަރަފުވެރި އައްޑަނަ އެމަރްޙޫމްގެ ޢާއިލާ އަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަރުއްވާފައެވެ. މީގެ އިތުރުން، ފުލުހުންގެ ޚިދުމަތުގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކޮށްފައިވާ ފަރާތްތަކަށް ދެވޭ ހަނދާނީ ފިލާ އާއި ފުލުހުންނަށް ދެވޭ ރައީސުލްޖުމްހޫރިއްޔާގެ މެޑަލް އެ ބޭފުޅުންނާ ހަވާލު ކޮށްދެއްވާފައިވަނީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މިނިސްޓަރ އޮފް ހޯމް އެފެއާޒް، އޮނަރަބަލް ޢުމަރު ނަޞީރު ވާހަކަފުޅު ދެއްކެވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ހޯމް އެފެއާޒް، އޮނަރަބަލް ޢުމަރު ނަޞީރުއާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އޮފީސްތަކުގެ އެކިފެންވަރުގެ ބޭފުޅުންނާއި ޕޮލިހުންގެ އެކި ފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.