ޚަބަރު

ވަޤުފް ޢިމާރާތާއި މިސްކިތް ބިނާކުރަން ބޭނުންވާ މީހުންނަށް ސަރުކާރުން އެހީވަނީ


  • ވިޔަފާރިތަކާއި އަމިއްލަ މީހުން އަދި ގްރޫޕްތަކުންވެސް އެހީ ދެވޭނެ

  • ވަޤުފް އިމާރާތް އަތޮޅުތައް އަދި ރަށު ފެންވަރުގައިވެސް އެޅޭނެ

  • ވަޤުފް ފައިސާ ޚަރަދުކުރާނީ ދީނީ ކަންކަމަށް

އަމިއްލަ ރަށާއި، ސަރަޙައްދަށް މަންފާ ލިބޭގޮތަށް، ވަޤްފު ޢިމާރާތް ބިނާކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު، ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިޔަފާރިވެރިންނާއި، ވަކިވަކި ފަރުދުންނާއި ނުވަތަ ގިނަ ބަޔަކު ގުޅިގެން ދޭ އެހީއެއްގެ ގޮތުގައިވެސް ދިނުމުގެ ފުރުޞަތު އެބައޮތްކަމަށެވެ. އެގޮތުން މިސްކިތް ބިނާކުރުމަށް ޝަޢުގުވެރިވާ ފަރާތްކަށް، އެކަމަށް ބޭނުންވާ ބިމާއި އަދި ބޭނުންވާ އިދާރީީ އެހީތެރިކަންވެސް ފޯރުކޮށްދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެކަމަށް ބޭނުންވާ އެންމެހާ ފަސޭހަތައް ހޯދަވައިދެއްވުމަށް ވުޒާރާއިން އިސްވެ މަސައްކަތްކޮށްދެއްވާނެކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރުން ދެމިހުރި ޞަދަޤާތެއްގެ ގޮތުގައި ވަޤުފު އިމާރާތް އަޅަން ބޭނުންވާ ފަރާތްތަކަށް، ރަށު ވަޤުފު، އަތޮޅު ނުވަތަ ސިޓީ ވަޤުފު އިމާރާތް ޤާއިމުކުރުމުގެ ފުރުޞަތުވެސް ހުޅުވާލުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މި ޢިމާރާތްތަކުން ލިބޭ ވަޤުފް، މާލީ ފައިސާ ވެގެންދާނީ ރަށާއި އަތޮޅުތަކުގެ އިސްލާމީ ކަންކަމަށް ޚާއްޞަކުރެވޭނެ އެހީއަކަށްކަމަށްވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ. މި މަސައްކަތްތައް ކުރިއަށްގެންދިއުމުގައިވެސް، ގިނަ ބަޔަކު ގުޅިގެންވެސް އެހީ ފޯރުކޮށްދިނުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޤުފް ޢިމާރާތްތަކަކީ، އެތަންތައް ކުއްޔަށް ދޫކޮށްގެން ލިބޭ ފައިސާއަކީ، ދީނީ ކަންކަން ކުރިއެރުވުމަށް ބޭނުންކުރާ ފަންޑެކެވެ.

މިވަގުތު ވަޤުފު އިމާރާރެއްގެ ގޮތުގައި މިވަގުތު ހުރީ "ދާރުލް އީމާން" ޢިމާރާތް އެކަންޏެވެ. ނަމަވެސް ސަރުކާރުން ވަނީ ހުޅުމާލޭގައި ވަޤުފު އިމާރާތެއް އެޅުމުގެ މަސައްކަތް ޖެނުއަރީ މަހު ފަށްޓަވާނެކަން ހާމަކުރައްވާފައެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލް އެވުޒާރާއިން ލިބޭނެކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.