ޚަބަރު

ކޮތަޅުން ނަގާ ޓެކްސް ކުޑަކޮށްފިނަމަ މަޤުޞަދު ހާސިލްނުވެދާނެ: ޠާރިޤު


  • ކޮތަޅުން ޓެކްސް ނަގަން ފެށީ މިދިޔަ އަހަރު

  • ޓެކްސް ކުޑަކުރުމަށް ހުށައެޅީ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު

  • މިޓެކްސްއިން ލިބޭ ފައިސާއިން މުހިންމު މަސައްކަތްތަކެއް ކުރަންވަނީ ރާވާފައި

ކޮތަޅުން ނަގާ ޓެކްސް ކަނޑާލުން ނުވަތަ ކުޑަކުރުމަކީ، ޕްލާސްޓިކާއި ދެކޮޅަށް ކުރާ މަސައްކަތުގެ މަޤުޞަދު އެންމެ ބޭނުންވާ ގޮތަށް ހާސިލްވުމަށް އެޅިދާނެ ހުރަހެއް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހާއި ގުޅޭގޮތުން ޚިޔާލު ހޯދުމަށް، ތިމާވެއްޓާއި ބެހޭ ވުޒާރާއާއި، މާލީ ވުޒާރާ އާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާ،ވަނީ މުޅި މަޖިލީހުގެ ސަބް ކޮމިޓީއަށް ހާޒިރުކުރައްވާފައެވެ.

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހާއި ގުޅޭގޮތުން ސަބް ކޮމިޓީގައިވަނީ ކޮތަޅުން ނަގާ ޓެކްސް މުޅިން ކަނޑާލުމަށް ނުވަތަ 50ލާރިއަށް ކުޑަކުރައްވާފައެވެ. އަދި ވިޔަފާރިވެރިން އަތުން ދެފަހަރަށް ކޮތަޅަށް ޓެކްސް ދައްކަން ޖެހޭ މައްސަލަ ހައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސްވަނީ މަޝްވަރާކުރައްވާފައެވެ. ކޮމިޓީގެ ގިނަ މެންބަރުގެ ވިސްނުން ހުރީ، ކޮތަޅަކީ ޓެކްސް ނުނަގާ(0 ރޭޓް ޓެކްސް) ބާވަތެއްގެ ގޮތުގައި ހަމަޖެއްސުމަށްކަމަށް ކޮމިޓީގައިވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަމުން ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާޙިމް ވިދާޅުވީ، މިބަދަލަށް ވުޒާރާގެ ތެރެއިން މަޝްވަރާ ކުރައްވަން ވަގުތު ބޭނުންފުޅުވާކަމަށެވެ. އަމިއްލަފުޅު ޚިޔާލު ޙިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، ޓެކްސް ނެގުމުގެ މަޤުޞަދު އެންމެ ރަނގަޅަށް ޙާސިލްވާނީ މިހާރު އޮތްގޮތަށް، އަގަށް ބަދަލު ނުގެނެސް ކުރިއަށްދިއުންކަމަށެވެ. ނަމަވެސް ޑަބަލް ޓެކްސޭޝަންގެ މަސައްކަތް ހައްލުކުރައްވަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޠާރިޤު ވިދާޅުވީ، ތިމާވެއްޓާއި ގުޅުންހުރި ކަންކަމުން ނަގާ ޓެކުހުން އެ ދާއިރާއިން މުހިންމު މަސައްކަތްތަކެއް ކުރައްވަން ރާއްވަވަމުންދާކަމަށެވެ.

"2 ރުފިޔާ ނަގައިގެން މެނޭޖުކުރަން ފަސޭހަވާނީ. 50 ލާރި ނަގައިގެން މިނިޒާމުގެ ކަންކަން މެނޭޖުކުރަން ދަތިވާނެ. އީޕީއޭ މެދުވެރިކޮށް، އެފައިސާއިން މުހިންމު ކަންތައްތަކެއް ކުރުމަށްދަނީ ރާވަމުން މިޓެކްސް ފައިސާ މުހިންމު ކަންތައްތަކަކަށް ހޭދަކުރަން. އެހެންވީމާ ޤާނޫނަށް ބަދަލުގެނައުމުގެ ކުރިން މަޝްވަރާ ކުރަން ވަގުތު ބޭނުންވޭ." ވަޒީރު ޠާރިޤު ވިދާޅުވިއެވެ.

މާލީ ވުޒާރާއިންވެސް ވިދާޅުވީ، ކޮތަޅުގެ ޓެކުހުގެ އަގު ކުޑަކޮށްފިނަމަ ޕްލާސްޓިކް ބޭނުންކުރާ މިންވަރު އަނެއްކާވެސް އިތުރުވެ، ތިމާވެއްޓާއި ގުޅޭ ސިޔާސަތުތައް ހާސިލްކުރުމަށް ހުރަހަކަށްވާނެކަމަށެވެ.

ކޮތަޅުން ޓެކްސް ނެގުމާއި ގުޅޭގޮތުން މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވީ، ވިޔަފާރިވެރިޔާ އަތުން ދެފަހަރަށް ޓެކްސް ނެގޭ މައްސަލަ ހައްލުކުރެވޭނީ ޤާނޫނަށް ނުވަތަ އުސޫލަށް ބަދަލުގެނެސްގެންކަމަށެވެ. ކުންޏާއި ބެހޭ ޤާނޫނަށް މިހާރު ހުށައަޅާފައި އޮތީ، ހޯލްސޭލްކޮށް 50 ކޮތަޅަށްވުރެ އިތުރަށް ގަންނަ ނަމަ ކޮތަޅުން ޓެކްސް ނަގަން ނުޖެހޭގޮތަށެވެ. ނަމަވެސް ވަކިވަކިން ރީޓެއިލްކޮށް ކޮތަޅު ވިއްކާ ނަމަ އަގު ނެގުމަށެވެ. މިހެން ބަދަލުގެނައުމުން، މީރާއަށް ވިޔަފާރިވެރިޔާ ދައްކަންޖެހޭނީ ރައްޔިތު މީހާ ކޮތަޅަށް ދައްކާ 2 ރުފިޔާގެ ޓެކްސް އެކަންޏެވެ.

ވިޔަފާރި ވެރިޔާ ހޯލްސޭލްކޮށް 50 ކޮތަޅުގެ، ކޮތަޅު ބޮނޑި ގަތުމަށް ޓެކްސް ފައިސާ ދައްކާކަށް ނުޖެހޭނެއެވެ.

"އާއްމުން އަތުން 2 ރުފިޔާ ނެގުމަށްފަހު، މީރާއަށް (ސަރުކާރަށް) އެފައިސާ ވިޔަފާރިވެރިޔާ ދެނީ. ކޮތަޅުން ނަގާ ޓެކްސް ލާރި ވިޔަފާރިވެރިޔާއަކަށް ނުލިބޭނެ. ޑަބަލް ޓެކްސޭޝަނާއި އަދި ޖީއެސްޓީ ފޯމާއެކު ކޮތަޅުން ޓެކްސް ނަގަން ޖެހޭގޮތަށް އޮތް އޮތުންވެސް ބަދަލުކުރަން އުސޫލަށް ބަދަލު ގެންނަންޖެހޭނީ." ފަތުޙުﷲ ޖަމީލް ވިދާޅުވިއެވެ.

ކޮތަޅުން ނަގާ ޓެކްސް ކުޑަކުރުމަށް ހުށައެޅީ މިދިޔަ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހުއެވެ. ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހު ތަސްދީޤުކުރެއްވި ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ދަށުންނެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށައެޅުއްވި އިސްލާހެކެވެ.

ކޮމިޓީ ނިންމަވާލައްވަމުން ވަނީ، އެކަމުގައި މަޝްވަރާކޮށް، އައު ސަރުކާރުން އިސްލާހަށް ޚިޔާލު ހުށައެޅުއްވުމަށް އިތުރު ވަގުތު ދެއްވުމަށް ފުރުޞަތު ދެއްވާފައެވެ. މި މަސައްކަތް އިތުރަށް ކުރިއަށްގެންދިއުމަށް ނިންމަވާފައިވަނީ، އަންނަ އަހަރުގެ ފުރަތަމަ ދަޢުރުގައެވެ.