އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަސޭހަމަކާއެކު ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް ތާވަލުގެ ފަސްވަނައަށް ޓޮޓްނަމް ހޮޓްސްޕާ ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޓޮޓްނަމް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.
ލީގުގައި ޓޮޓްނަމުން މީގެ ކުރިން ކުޅުނު ފަސް މެޗުންވެސް އެ ޓީމަށް މޮޅެއް ހޯދިފައިނުވާއިރު، އޭގެ ތެރެއިން ހަތަރު މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. އެހެންކަމުން ރޭގެ މޮޅާއެކު ޓޮޓްނަމުން ވަނީ އަލުން އިތުބާރު ހޯދާފައެވެ.
ރޭގެ މެޗުގައި ޓޮޓްނަމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 26 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ކެޕްޓަން ސޮން ހިއެން-މިން ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޑެސްޓިނީ އުޑޯގީއެވެ. އަދި އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި ސޮންގެ އެހީއާއެކު ކާމިޔާބުކޮށްދިނީ ފޯވާޑް ރިޗާލިސަންއެވެ.
މި މެޗުގެ ދެވަަނަ ހާފުގައި ޓޮޓްނަމުން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެ ޓީމުގެ ތިންވަނަ ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ޕެޑްރޯ ޕޯރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ރިޗާލިސަންއެވެ. އަދި ޓޮޓްނަމުގެ ހަތަރުވަނަ ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ސޮންއެވެ. މިއީ އޭރިއާ ތެރެއިން ސޮންއަށް ކުރި ފައުލަކާ ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ.
މި މެޗުގައި ނިއުކާސަލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޖޯލިންޓަންއެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައަށް ޓޮޓްނަމް ޖެހިލިިއިރު، ކުޅުނު 16 މެޗުން އެ ޓީމަށް ވަނީ 30 ޕޮއިންޓް ލިބިފައެވެ. އަދި މި މެޗުން ބަލިވި ނިއުކާސަލް އޮތީ ކުޅުނު 16 މެޗުން ލިބުނު 26 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ.