ޚަބަރު

މޭޔަރުކަމަށް ވާދަކުރުމަށް މިހާތަނަށް ފޯމް ހުށަހެޅީ އަމިއްލަ ކެންޑިޑޭޓެއް އެކަނި!


  • ކެންޑިޑޭޓުންގެ މަޢުލޫމާތު އާއްމުކުރާނީ ފޯމު ހުށައެޅުމުގެ މަރުޚަލާއަށްފަހު

  • ފޯމު ހުށައެޅުމުގެ މުއްދަތު ބުދަދުވަހަށް ހަމަވާނެ

  • 3 ޕާޓީއަކުން މިހާރުވެސް ވަނީ ކެނޑިޑޭޓުން އިއުލާންކޮށްފައި

އަންނަމަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލެ ސިޓީގެ މޭޔަރު އިންތިހާބުކުރުމަށް ބާއްވާ އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް ފޯމް ހުށަހެޅީ އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓެއް އެކަނިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލުމަށް އިލެކްޝަނުން ހުޅުވާލީ މިދިޔަމަހުގެ 28ވަނަ ދުވަހުއެވެ. އަދި އަންނަ ބުދަ ދުވަހުގެ މެންދުރު 2:00 ޖަހާއިރު އެ ފުރުސަތު ބަންދުވާނެއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ މާލޭގެ މޭޔަރުކަމަށް ކުރިމަތިލުމަށް މިހާތަނަށް ފޯމް ހުށަހަޅާފައިވަނީ އެންމެ ފަރާތުންކަމަށާއި، އެއީ އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓެއްކަމަށެވެ. އަދި އޭނާގެ ކެނޑިޑަސީ އިލެކްޝަނުން ބަލައިގެންފައިވާކަމަށްވެސް ހަބީބް ވިދާޅުވިއެވެ. ނަމަވެސް އެ ކެނޑިޑޭޓްގެ މައުލޫމާތު ހާމަކުރާނީ ފޯމް ހުށަހެޅުމުގެ މަރުހަލާ ނިމުމުންކަމަށް އިލެކްޝަނުން ބުނެއެވެ.

މިހާތަނަށް އެންމެ ކެންޑިޑޭޓަކު ފޯމު ހުށައެޅިނަމަވެސް، މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާނެކަމަށް ބައެއް ސިޔާސީ ޕާޓީތަކުން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް ޢާޒިމް، ޕީޕީއެމް ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު ޢާޒިމާ ޝަކޫރު، ދަ ޑިމޮކްރެޓްސްގެ ފަރާތުން މާލޭ ސިޓީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހް އަދި އަލަށް އުފައްދަވަން މަސައްކަތްކުރާ، ޕީޕަލްސް ނެޝަަނަލް ޕްރަންޓުގެ ފަރާތުން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވަނީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކޮށްފައެވެ.

މާލެ ސިޓީގެ މޭޔަރުގެ މަގާމު ހުސްވީ އެމަޤާމުގައި ކުރިން ހުންނެވި އަދި މިހާރުގެ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގަތުމުން، މޭޔަރުކަމުން އިސްތިއުފާދެއްވުމުންނެވެ.

މާލޭ މޭޔަރުކަމުގެ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ.