ޚަބަރު

އައްޑޫ ސިިޓީ ފެނުގެ މައްސަލަ މިއަދު ޙައްލުވާނެ ކަމަށް ލަފާކުރެވޭ: ފެނަކަ


  • ފެނުގެ މައްސަލަ ދިމާވީ ދިމާވި ޓެކްނިކަލް މައްސަލައަކުން

  • ހަލާކުވި ވީ.އެފް.ޑީ ޑްރައިވް އައްޑޫއަށް ފޮނުވުމުގެ މަސައްކަތް ދަނީކުރަމުން

އައްޑޫ ސިޓީގައި ދެމުން އަންނަ ސަޕްލައި ފެނުގެ ޚިދުމަތް ކެނޑުމާއި ގުޅިގެން އެމައްސަލަ ޙައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އެކޯޕަރޭޝަނުން ބުނީ އިއްޔެއިން ފެށިގެން އައްޑޫގެ ރަށްތަކުގައި ދެމުންދާ ސަޕްލައި ފެނުގެ ޚިދުމަތް މެދުކެނޑިފައިވަނީ ދިމާވި ކުއްލި ޓެކްނިކަލް މައްސަލައަކާއި ގުޅިގެންކަމަށެވެ. މިމައްސަލަ ދިމާވެފައިވަނީ އާރް.އޯ ޕްލާންޓްގެ ވީ.އެފް.ޑީ ޑްރައިވަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް ފެނަކައިން ބުނެއެވެ. އަދި މިހާރު ވީ.އެފް.ޑީ ޑްރައިވްއެއް ހޯދާ ވީއެންމެ އަވަހަކަށް އައްޑޫ ސިޓީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފެނަކައިން ބުނެއެވެ.

މިއަދުގެ ވަގުތެއްގައި އައްޑޫ ސިޓީގައި ފެނުގެ ޚިދުމަތް ކެނޑިފައިވާ ސަރަޙައްދުތަކަށް ޚިދުމަތް އަނބުރާ ލިބޭނެކަމަށް ބެލެވޭކަމަށް ފެނަކައިން ބުނެއެވެ.

އައްޑޫ ސިޓީގައި ފެނުގެ ޚިދުމަތް ދިނުމަށް ޢަމަލީގޮތުން މަސައްކަތް ފެށީ 2010 ވަނަ އަހަރުގެތެރޭގައެވެ. އަދި ބިލްކޮށްގެން ސަޕްލައި ފެން ފޯރުކޮށްދޭން ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ. މިޚިދުމަތް ބައެއް ގޭބިސީތަކުން އަދިވެސް ނުގުޅާ ހުރިކަން ފާހަގަކުރެވެއެވެ.