ޚަބަރު

އެންމެ ގިނައިން ހުށައަޅަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވަޒީފާއަށް މީހުންނަގާ މައްސަލަތައް


  • އެންމެ ގިނައިން ހުށައަޅާފައިވަނީ ޕްރޮކިއުމަންޓް އަދި ރެކްރޫޓްމަންޓް މައްސަލަ

  • 2019 ވަނަ އަހަރު ކޮރަޕްޝަންގެ 1397 މައްސަލަ ހުށައަޅާފައިވޭ

  • ކޮރަޕްޝަންގެ އެންމެ ގިނަ މައްސަލަ ނިންމާފައިވަނީވެސް 2019 ވަނަ އަހަރު

ބައިނަލްއަޤުވާމީ އެންޓި ކޮރަޕްޝަން ދުވަހަކީ ކޮރަޕްޝަނާއި ބެހޭގޮތުން ޢާއްމުން ހޭލުންތެރިކުރުވާ، ކޮރަޕްޝަން ހުއްޓުވުމަށް ހުރި ހިރާސްތައް ނައްތާލުމަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ފާހަގަކުރާ ދުވަހެކެވެ. އދ.އިން މިއަހަރުގެ ޝިޢާރަކަށް ކަނޑައަޅުއްވާފައިވަނީ "ޔުނައިޓިން ދަ ވޯލްޑް އެގެއިންސްޓް ކޮރަޕްޝަން" ނުވަތަ ކޮރަޕްޝަނާއި ދެކޮޅަށް މުޅި ދުނިޔެ އެކަތިގަނޑަކަށްވުމެވެ. މިޝިޢާރެވެ.

އދ.ގެ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ މުޢާހަދާ(އުންކެކް)ގެ ދަށުން ކޮރަޕްޝަންގެ ޢަމަލު ހުއްޓުވުމަށް އދ.އާއި ޤައުމުތަކުން ގުޅިގެން މަސައްކަތްކުރާތާ މިއަހަރުވަނީ 20 އަހަރު ފުރިފައެވެ. 2003 ވަނަ އަހަރު ތަޢާރަފުކުރެވުނު މިމުޢާޙަދާގައި ރާއްޖެއިން ބައިވެރިވެވައިވަނީ 2007 ވަނަ އަހަރުގައެވެ. އަދި 2008 ވަނަ އަހަރު ވުޖޫދުވި ފެހި ޤާނޫނު އަސާސީގައި ރާއްޖޭގައި އެންޓި ކޮރަޕްޝަން ކޮމިޝަނެއް ހުންނަންވާނެކަމަށް ކަނޑައެޅުމާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނާއެކު އެކޮމިޝަންވަނީ އެކުލަވާލާފައެވެ.

އޭގެފަހުން މިވީ މުއްދަތުގެ ތެރޭގައި ރާއްޖޭގައި ކޮރަޕްޝަން ނައްތާލުމަށް ގިނަ މަސައްކަތްތަކެއް އެކޮމިޝަނުންވަނީ ކުރައްވާފައެވެ. އެހެންނަމަވެސް މިއީ ހިރާސްތައް ބޮޑު އަދި ނުރައްކާވެސް ބޮޑު މަސައްކަތެއްކަން އޭސީސީން ފާހަގަކުރައްވައެވެ.

ބައިނަލްއަޤުވާމީ އެންޓި ކޮރަޕްޝަން ދުވަހާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ޢާއްމުކުރައްވާފައިވާ ރިޕޯޓުގައިވާ ގޮތުން 2017 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް އެކޮމިޝަނަށް ކޮރަޕްޝަނާއި ގުޅޭ، 4866 މައްސަލައެއްވަނީ ރަޖިސްޓްރީކޮށްފައެވެ. މިމުއްދަތުގެ ތެރޭގައި އެކޮރަޕްޝަނަށް އެންމެ ގިނަ މައްސަލަ ހުށައަޅާފައިވަނީ 2019 ވަނަ އަހަރުއެވެ. އެގޮތުން އެއަހަރުވަނީ 1397 މައްސަލަ އޭސީސީއަށް ހުށައަޅާފައެވެ. މައިގަނޑުގޮތެއްގައި ހުށައަޅާފައިވާ ޝަކުވާގެ މައްސަލަތައް ގުޅިފައިވަނީ ދައުލަތުގެ އިދާރާތަކުން މުދާގަތުމުގައާއި، ވަޒީފާއަށް މީހުން ނެގުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް ހުށައަޅާފައިވާ މައްސަލަތަކެވެ.

އޭސީސީން ހާމަކޮށްފައިވާގޮތުގައި 2017 ވަނަ އަހަރާއި 2021 ވަނަ އަހަރާއި ދެމެދު އެކޮމިޝަނުންވަނީ ކޮރަޕްޝަނާއި ގުޅުންހުރި، 4349 މައްސަލަ ބަލައި ނިންމާފައެވެ. މިގޮތުންވެސް އެންމެ ގިނަ މައްސަލަ ބަލާފައިވަނީވެސް 2019 ވަނަ އަހަރުއެވެ.

މިއަހަރުގެ އެންޓި ކޮރަޕްޝަން ދުވަހާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުންވަނީ މުހިއްމު ގިނަ ބަދަލުތަކަކާއެކު އިތުރު ކާމިޔާބީތަކެއް ޙާސިލުކޮށްފައެވެ. އެކޮމިޝަނުން މިހާރުވަނީ ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތް ވަރުގަދަކޮށް، މެދުކެނޑުމެއްނެތި އެފަދަ ތަޙުގީގުތައް ކުރިއަށްގެންދިޔުމަށް ދައުލަތުގެ ބަޖެޓަށް ބަރޯސާވުން ނިމުމަކަށް ގެނެސް، އެންޓި ކޮރަޕްޝަން ޓްރަސްޓް ފަންޑެއް ޤާއިމުކޮށްފައެވެ. އަދި މިދާއިރާއިން ދެން އޮތް އެންމެ ބޮޑު ހިރާސްކަމުގައިވާ ކަމަށް ޤާބިލް އިންސާނީ ވަޞީލަތް ބިނާކުރުމަށްޓަކައި ޚާއްސަ އެކަޑަމީއެއްވެސްވަނީ އުފައްދަވާފައެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި މިހާރަށްވުރެވެސް މިނިވަންކަމާއެކު ކަމަށް ޤާބިލު މީހުންނާއެކު ކޮރަޕްޝަނާ ދެކޮޅަށް ރާއްޖޭގައި މަސައްކަތް ކުރެވޭނެ ކަމަށް އޭސީސީން ބުނެއެވެ.

ރާއްޖޭގައި ކޮރަޕްޝަނާއި ގުޅޭގޮތުން ޤައުމީފެންވަރުގައި ކުރެވުނު ފުރަތަމަ ދިރާސާ މިހާރު ޢާއްމުކޮށްފައިވާއިރު ފާއިތުވި 3 އަހަރުތެރޭގައި ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް ޢާއްމުން ޤަބޫލުކުރާކަން މިދިރާސާއިންވަނީ ހާމަވެފައެވެ. ރައްޔިތުން އިންތިޚާބުކުރާ މީހުންގެ ތެރޭގައި ކޮރަޕްޝަން އޮތް މިންވަރު އިތުރުކަން ރައްޔިތުން ފާހަގަކުރާއިރު ކޮރަޕްޝަންގެ ކުށް އެންމެ ގިނައީ ރައްޔިތުންގެ މަޖިލީހުގައި ކަމަށް ޢާއްމުންވަނީ ބުނެފައެވެ.