ޚަބަރު

މައްސަލަތައް ހައްލުކުރުމުގައި ދައުލަތުގެ އިދާރާތަކާމެދު ރައްޔިތުންގެ އިތުބާރެއް ނެތް: ދިރާސާ


  • ވޭތުވެދިޔަ 3 އަހަރު ކޮރަޕްޝަންގެ މައްސަލަތައް އިތުރުވެފައިވާކަމަށް ޢާއްމުން ދެކޭ

  • ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަންކަމަށް ރައްޔިތުން ޤަބޫލުކުރޭ

  • ކޮރަޕްޝަން އެންމެ ބޮޑަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި

ކޮރަޕްޝަންގެ މައްސަލަތައް ހައްލުކުރުމުގައި ދައުލަތުގެ އިދާރާތަކާއިމެދު، އާއްމުންގެ އިތުބާރު ނެތްކަން، ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތާއި ގުޅޭގޮތުން އާއްމުން ދެކޭގޮތް ބެލުމަށް ކުރިއަށްގެންދިޔަ ޤައުމީ ދިރާސާއިން ހާމަވެއްޖެއެވެ. މިދިރާސާއިންވަނީ އާއްމުންގެ ކަންބޮޑުވުމާއި ގުޅިފައިވާ ކޮރަޕްޝަންގެ މައްސަލަތައް ހާމަވެފައެވެ.

ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަ އޮތް މިންވަރާމެދު އާއްމުންދެކޭ ގޮތް ދެނެގަތުމަށް ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައިވަނީ ދިރާސާއެއްކޮށްފައެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ވޭތުވެ ދިޔަ 3 އަހަރަށް އަލިއަޅުވާލައިގެން ކުރިއަށްގެންދިޔަ މިދިރާސާގައި ރާއްޖޭގެ އެކި ސަރަޙައްދުގެ ރައްޔިތުންވަނީ ބައިވެރިވެފައެވެ.

އާއްމުންގެ ކަންބޮޑުވުމާއި ގުޅުންހުރި އެތައް ކަމެއް މިދިރާސާއިން ހާމަވެފައިވާއިރު ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮރަޕްޝަން އިތުރުވެފައިވާ ކަމަށް ދިރާސާގެ 64 އިންސައްތަ ބައިވެރިން ޤަބޫލުކުރެއެވެ. އެގޮތުން ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަންގެ މައްސަލަކަމަށް ދިރާސާގައި ބައިވެރިވި 56 އިންސައްތަ މީހުން ޤަބޫލުކުރެއެވެ.

ވޭތުވެދިޔަ 3 އަހަރު ކޮރަޕްޝަންވަނީ އިތުރުވެފައި

ދެވަނައަށް އެންމެ ބޮޑު މައްސަލައެއް ކަމަށް ރައްޔިތުން ދެކެނީ މަސްތުވާތަކެތީގެ މައްސަލައެވެ. އެހެންނަމަވެސް އެންމެބޮޑު ކަންބޮޑުވުމަކަށް ދިރާސާއިން ހާމަވެފައިވަނީ ރައްޔިތުންނަށް ދިމާވެފައިވާ މިފަދަ މައްސަލަތައް ހައްލުކުރުމުގައި ދައުލަތުގެ އިދާރާތަކާއި މެދު ރައްޔިތުންގެ އިތުބާރު ނެތްކަމެވެ. އެގޮތުން ރައްޔިތުންގެ މައްސަލަތައް ހައްލުކުރުމުގައި ދައުލަތަށް ބަރޯސާ ނުވެވޭކަމަށް 67 އިންސައްތަ މީހުން ބުނެފައިވާއިރު ބަރޯސާވެވޭކަމަށް ޤަބޫލުކުރަނީ ދިރާސާގައި ބައިވެރިވި 33 އިންސައްތަ މީހުންނެވެ.

ކޮރަޕްޝަން އިތުރުވާން މެދުވެރިވާ ސަބަބެއްކަމުގައި އާއްމުންދެކެނީ، ރައްޔިތުންގެ ކިބައިގައި ނަޒާހަތްތެރިކަމާއި އަޚުލާޤީ ސުލޫކުގެ ފެންވަރު ދަށްވުމާއި، ދައުލަތުގެ އިދާރާތަކުގެ ހަރުދަނާކަން ކުޑަވުމުގެ އިތުރުން ޤާނޫނާއި ގަވާއިދުތަކުގައި ހުރި ހުސްކަމެވެ.

ދައުލަތުގެ އިދާރާތަކުގެ ތެރެއިން ކޮރަޕްޝަން އެންމެ ބޮޑަށް އަށަގެންފައިވާ ކަމަށް ޢާއްމުން ޤަބޫލުކުރަނީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައެވެ. އެއަށްފަހު ދައުލަތް ހިއްސާވާ ކުންފުނިތަކާއި، މިނިސްޓްރީތަކާއި، ލޯކަލް ކައުންސިލްތަކުގައިވެސް ކޮރަޕްޝަން އިންތިހާއަށް އޮތްކަމަށް އާއްމުން ދެކެއެވެ.

އާއްމުގޮތެއްގައި ހިންގާ ކޮރަޕްޝަންގެ ކުށްތައްކަމުގައި އާއްމުން ޤަބޫލުކުރަނީ، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި އިންތިޚާބުކުރާ މީހުން، ޤާބިލުކަމަށް ބެލުމެއްނެތި މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުމުގައި ނުފޫޒު ފޯރުވުމުގެ ކުށެވެ. ދެވަނައަށް އެންމެ ގިނައީ ޕްރޮޖެކްޓް ތަކުގެ ކޮންޓްރެކްޓް އެވޯޑުކުރުމުގައި އަމިއްލަ މަސްލަޙަތު އިސްކޮށް ގާތް މީހުންނަށް ޕްރޮޖެކްޓް ހޯދައިދިނުން ކަމަށް ޢާއްމުން ދެކޭއިރު، މިކަންކަމަށްޓަކައި ހަދިޔާއާއި ރިޝްވަތު ބަލައިގަތުމަކީ އެންމެ އާއްމު ކުށްކަމަށްވެސް މިދިރާސާގައި ރިޕޯޓުކޮށްފައެވެ.

ދައުލަތުގެ މުވައްޒަފުންނާއި ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން އެންމެ އާއްމު ކޮރަޕްޝަންގެ ކުށަކީ ގާތް ގުޅުން އޮންނަ މީހުންނަށް ޚިދުމަތް އަވަސްކޮށްދިނުމާއި، ވަޒީފާއަށް މުވައްޒަފުން ނެގުމާއި ވަކިކުރުމާއި ޕްރޮމޯޝަން ދިނުމުގައި ނުފޫޒު ފޯރުވުމާއި، ކޮންޓްރެކްޓް ދިނުމުގައި ނުފޫޒު ފޯރުވުމުގެކުށެވެ.

ހައިޕްރޮފައިލް މީހުންގެ މައްސަލަތަކާއި ނިކަމެތި މީހާގެ މައްސަލަ ނިންމުމުގައި ކޯޓުތަކުން ތަފާތުކުރޭ!

ޤާނޫނީ ދާއިރާއާއި ޖުޑިޝަރީން އެންމެ ބޮޑަށް ހިންގާ ކޮރަޕްޝަންގެ ޢަމަލަކީ ޖިނާއީ މައްސަލަތަކުގައި ހައިޕްރޮފައިލް މީހާގެ މައްސަލައާއި ދެރަނިކަމެތި މީހާގެ މައްސަލަ ނިންމުމުގައި ތަފާތުކުރުން ކަމަށް ދިރާސާގައި ބައިވެރިވި 83 އިންސައްތަ މީހުން ޤަބޫލުކުރެއެވެ. އަދި ޤާނޫނީ ބާރުގެ ބޭނުންކޮށްގެން މުއްތަހަމުން ކުށުގައި ނުބެދި ސަލާމަތްކޮށްދޭ ކަމަށް 79 އިންސައްތަ މީހުން ދެކޭއިރު، 75 އިންސައްތަ މީހުން ދެކޭ ގޮތުގައި ޕްރޮސިކިއުޝަން މަރުޙަލާ ނިންމިޔަ ނުދިނުމަށްވެސް ނުފޫޒު ފޯރުވައެވެ.

މިނިވަން މުވައްސަސާތަކުގައި އެންމެ އާއްމު ކުށަކީ ވަޒީފާއަށް މުވައްޒަފުން ނެގުމާއި ވަކިކުރުމާއި ޕްރޮމޯޝަން ދިނުމުގައި ނުފޫޒު ފޯރުވުމާއި، ދައުލަތުގެ މުދާ އަމިއްލަ ބޭނުންތަކަށް ބޭނުންކުރުން ކަމަށް އާއްމުން ދެކެއެވެ.

ހަމައެއާއެކު ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ވޯޓުލުމަށް އެދި ފައިސާއާއި ހަދިޔާ ބަލައިގަނެފައިވާތަން ފެނިފައިވާކަމަށް ދިރާސާގައި ބައިވެރިވި 65 އިންސައްތަ މީހުންވަނީ ބުނެފައެވެ. މީގެއިތުރުން ދައުލަތުގެ އިދާރާތަކުން ޚިދުމަތް ހޯދުމުގައި ޢާއިލާ، ތިމާގެ މީހުން މެދުވެރިކޮށް ޚިދުމަތް ހޯދާފައިވާކަން އެނގޭކަމަށް 58 އިންސައްތަ މީހުން ބުނެފައިވާއިރު، ކޯޓުތަކަށް ނުފޫޒު ފޯރުވުމުގައި ޢާއިލާ ތިމާގެ މީހުން މެދުވެރިކޮށް ރިޝްވަތުދީފައިވާކަން އެނގޭކަމަށް 40 އިންސައްތަ މީހުންވަނީ ބުނެފައެވެ. އަދި ރިޝްވަތުދީގެން ކޮންޓްރެކްޓް ކާމިޔާބުކޮށްފައިވާކަން އެނގޭކަމަށް 40 އިންސައްތަ މީހުންވަނީ ބުނެފައެވެ.

ކޮރަޕްޝަނަކީ މުޅި އިޤްތިޞާދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަށްވާއިރު ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ހެދުނު މިދިރާސާއިން ކަންބޮޑުވާންޖެހޭ ގިނަ ކަންތައްތަކެއްމިވަނީ ހާމަވެފައެވެ. މިއީ ދައުލަތުގެ އިދާރާތަކުން ގުޅިގެން މަސައްކަތްކޮށް ރައްޔިތުންގެ އިތުބާރު ހޯދާ ކޮރަޕްޝަނުގެ ނުބައި އާދައިން ދައުލަތް ސަލާމަތްކުރުމަށް އިތުރަށް މަސައްކަތްކުރަންޖެހޭކަން ހާމަކޮށްދިން ދިރާސާއެކެވެ.