ޚަބަރު

ވަޒީފާއަށް މީހުން ވެއްދުން ހިމެނޭހެން ސިވިލް ސަރވިސްގެ ހުރިހާ ޚިދުމަތެއް އޮންލައިންކޮށްފި


  • ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދޭނެ

  • ވަގުތު އަވަސްވެ ޚަރަދު ކުޑަވާނެކަމަށް

  • އައު ކަންކަން އިތުރަށް ތަޢާރަފްކުރާނެ

ސިވިލް ސާރވިސްގެ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ލިބޭނެ ޕޯޓަލް،"އީ ރެކްރޫޓްމަންޓް މޮޑިއުލް" އިފްތިތާހުކުރައްވައިފިއެވެ މި މޮޑިއުލް އިފްތިހާހުކޮށްދެއްވީ އެކަމަށްޓަކައި މީރުމާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޞިއްޙަތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލްއެވެ.

"އީ ރެކްރޫޓްމަންޓް މޮޑިއުލް"އަކީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ވަޒީފާގެ މައުލޫމާތުތައް ބެލެހެއްޓުމާއި، ސިވިލް ސަރވިސްގެ ވަޒީފާއަށް ރެކްރޫޓްކުރުމަށް ބޭނުންކުރާ ސޮފްޓްވެއާރ ސީއެސްވިއުގައި ބޭނުންކޮށްގެން މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސުމަށް ކުރާ ހުރިހާ މަސައްކަތްތަކެއް އޮންލައިން ކުރުމަށް ފަރުމާކޮށްފައިވާ މޮޑިއުލެކެވެ.

އީ ރެކްރޫޓްމަންޓް މޮޑިއުލް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާޞިޙް ވިދާޅުވީ ސިވިލް ސަރވިސް އުފެދުނުފަހުން 15 އަހަރުވެފައިވާއިރު ގާނޫނީ ގޮތުން ކުރަން ގިނަ ގުނަ މަސައްކަތްތަކެއް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އެހެންނަމަވެސް ލިބިފައި ހުރި މަދު ވަސީލައްތަކުން ކޮމިޝަންގެ މަސައްކަތް ފުޅާކޮށް ތަރައްގީކުރުމަށް އަބަދުވެސް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ނާޞިޙް ވިދާޅުވިއެވެ.

ނާޞިޙް ވިދާޅުވީ މި އިފްތިތާހު ކުރެވިގެން މިދިޔަ އީ-ރެކްރޫޓްމަންޓް މޮޑިއުލް އަކީ މި ފަދަ ގޮންޖެހުންތަކުން އަރައިގަނެ، ކޮމިޝަންގެ ޚިދުމަތްތައް ތަރައްގީކުރުމާއި ސިވިލް ސަރވިސް މުވައްޒަފުއްނާއި އަދި ސިވިލް ސަރވިސްގެ މަގާމުތަކަށް ކުރިމަތިލައްވާ ފަރާއްތަކަށް ބޮޑުތަކުން ފަސޭހަވެގެންދާނެކަމެއްކަމަށެވެ. ނާޞިޙް ވިދާޅުވީ އެ ކޮމިޝަންގެ އެންމެ މުހިންމު މަސައްކަތަކީ ސަރުކާރުން ރައްޔިތުންނަށް ދޭން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މުވައްޒަފުން ގާނޫނާއި ގަވައިދުގެ ތެރެއިން ހޯދައި އެމީހުންގެ މަސައްކަތްތައް ހަމަޖެއްސުންކަމަށް ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ނާޞިޙް ވިދާޅުވީ ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޯދުމާއި އައްޔަންކުރުމުގެ މަރުޙަލާތަކުގެ ތެރެއިން، މަޤާމަކަށް އިޢުލާނުކުރުމުން ފެށިގެން، މަޤާމަށް އެންމެ ގާބިލް މީހަކު ހޮވައި، އައްޔަންކުރުމުގެ މަސައްކަތް މިއަދާ ހަމަޔަށްވެސް ކުރަމުންގެންދަނީ މެނުއަލްކޮށް، ހާޑްކޮޕީ ބޭނުންކޮށްގެންކަމަށެވެ. މިކަމުގެ ސަބަބުން ވަޒީފާއަކަށް އިޢުލާންކުރުމާ ހަމައިން ފެށިގެން ވަޒީފާތަކަށް މީހަކު އައްޔަނުކުރުމާ ހަމައަށް އިދާރާތަކުން ބައެއް ފަހަރު އެކިއެކި ލިޔުންތަކުގައި ޖެހޭ ކުށްތަކުގެ ސަބަބުތައް އިޢުލާންތައް ބާޠިލްކުރަންޖެހޭ ޙާލަތާ ވެސް ގިނަ ފަހަރަށް ކުރިމަތިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން މުވައްޒަފުން ކުރަންޖެހޭ މަސައްކަތްތައް ބުރަބޮޑުވެ، ގިނަ ވަގުތުތަކެއް މި މަސައްކަތުގައި ހޭދަކުރަންޖެހޭކަމަށްވެސް ނާސިހް ވިދާޅުވިއެވެ.

ނާޞިޙް ވިދާޅުވީ މި މޮޑިއުލްއާއެކު، އިދާރާތަކުން ވަޒީފާތަކަށް މީހުން ހޯދުމާއި އައްޔަންކުރުމުގެ މަރުޙަލާތަކުގައި އާންމު ގޮތެއްގައި ހެދޭ ކުށްތައް ވެސް މަދުވެގެންދާނެކަމަށެވެ. އަދި އިޢުލާނު މެނުއަލްކޮށް ތައްޔާރުކުރުމުގައި މިހާރު އިދާރާތަކުން ހެދޭ ކުށްތައް ހެދުމުގެ ފުރުޞަތު ކުޑަވެ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ދެނެގަތުމަށްޓަކައި ތައްޔާރުކުރެވޭ އ2ޭ ޝީޓްގެ ކަލްކިއުލޭޝަން ހެދުމުގައި އިދާރާތަކުން ހެދޭ ކުށްތަކުގެ ފުރުޞަތު ކުޑަވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

"ނަމަވެސް އަދިވެސް ވަޒީފާއަށް މީހުން ހޯދުމާއި އިއުލާން ކުރުމާއި ވަޒީފާއަށް އެޕްލައި ކުރުމާއި ވަޒީފާއަށް އެންމެ ގާބިލް މީހަކު ނެގުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރަން ޖެހެނީ މެނުއަލްކޮށް. ކަން މިހެން އޮތުމާއެކު މަސައްކަތްތައް އޮންލައިންކުރުމަށް ޓާގެޓްތަކެއް ކަނޑައަޅާ ކޮމިޝަނުން ފަށާއިގެން އަޅުގަނޑުމެން މި ފާހަގަ ކުރަނީ އެ މަސައްކަތް ނިންމާ ސިވިލް ސަރވިސް ގެ ނިޒާމަށް މީހުން އަޔަންކުރެވޭ ނިޒާމް އޮންލައިން ކުރެވޭ ކުރެވުން" ނާޞިޙް ވިދާޅުވިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ސިއްހަތާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ އިފްތިތާހު ކުރެވިގެން ދިޔަ އީ-ރެކްރޫޓްމަންޓް މޮޑިއުލްގެ ސަބަބުން ސިވިލް ސަރވިސް ކޮމިޝަނަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށެވެ. ވަޒީރު ވިދާޅުވީ މިފަދަ މަސައްކަތައްތަކުގެ ސަބަބުން މުޅި މުޖްތަމަޢުއަށް ފައިދާ ކުރާނެކަމަށެވެ. އަދި ތަނެއްގެ ޚިދުމަތް އަވަސްވާވަރަކަށް އެތަނަކުން ކުރާ ޚަރަދުވެސް ކުޑަވެގެންދާނެކަމަށް ޑރ.ޚަލީލް ވިދާޅުވިއެވެ.

"މިކަހަލަ މޮޑިއުލެއް ތައާރަފްވެގެން ދާއިރުގައި އަޅުގަނޑުމެންނަށް މި ގެނެވެނީ ޓްރާސްންފޮމޭޓިވް ބަދަލުތަކެއް ނޫން. މީގެ ސަބަބުން އެހެންކަހަލަ ބަދަލުތަކެއްވެސް އަޅުފަނޑުމެންގެ މުޖްތަމައުއަށް އާދޭ. އޭގެ އެއްކަމަކީ މަސައްކަތައް އަންނަ ހަލުވިކަމުގެ ސަބަބުން މުޖްތަމައުއަށް އަންނަ ބަދަލު. ގައުމުގެ ތަރައްގީއަށް އަންނަ ބަދަލުތައް. ގައުމުގެ އިގްތިސޯދައް އަންނަ ބަދަލުތައް ނުސީދާގޮތެއްގައި" ޚަލީލް ވިދާޅުވިއެވެ.

ޚަލީލް ވަނީ ރައްޔިތުންނަނަށް އަބަދުވެސް ދެފުއްފެނަގޮތަށް ޚިދުމަތްތައް ދިނުމަަށް އަޒުމް ކަނޑައެޅުމަށް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް އެ މޮޑިއުލް އިތުރަށް ތަރައްޤީކުރެވި ސިސްޓަމުގެ ތެރެއިން އިމްތިޙާނުކުރެވޭ ގޮތާއި، އިންޓަރވިއު ޕެނެލް އެކުލަވާލުމުގެ ކަންތައްތައް އޮޓޮމެޓިކުން ހަމަޖެހޭނެގޮތްފަދަ އައު ކަންކަން ތަޢާރަފްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.