ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގައި ބައިވެރިވުމަކީ ލިބޭ ޝަރަފެއްކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު މޯދީ މިހެން ވިދާޅުވީ، އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާއި ގުޅޭގޮތުން އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25ވަނަ ދުވަހުއެވެ. ބޮޑުވަޒީރު މޯދީ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް، ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މިނިވަން ދުވަހުގެ އިހްތިފާލްތަކުގައި ބައިވެރިވެވަޑައިގަތުމަކީ އެމަނިކުފާނަށް ލިބޭ ޝަރަފެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި، އިންޑިއާއި ރާއްޖެއާ ދެމެދު މުހިންމު މަޝްވަރާތަކެއް ކުރެވިގެންދާނެއެވެ. އަދި ބައެއް ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ބޮޑުވަޒީރު މޯދީ ވަނީ މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރުގެ އިތުރަށް އިންޑިއާ އާއި ރާއްޖޭގެ ސިޔާސީ ގުޅުމަށްވެސް 60 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާފައެވެ. އަދި މިދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާއި އެކު ބާއްވާ މަޝްވަރާ ތަކުގައި ދެ ޤައުމުގެ އެކި ދާއިރާތަކުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ރަސްމީ ދެ ދަތުރުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވާފައެވެ.
އެމަނިކުފާނު ފުރަތަމަ ދަތުރުޅަކީ މިދިޔަ އަހަރު ޖޫން މަހު ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު އިންޑިއާއަށް ފުރަމަނާ ދަތުރުފުޅެއްގައި ވަޑައިގަންނަވާފައެވެ.