ޚަބަރު

ބ.އޭދަފުށީގައި ސަރުކާރުން ހަދާ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި


  • އޭދަފުށްޓަކީ ބ.އަތޮޅުގެ ވިޔަފާރީގެ މައިހަބު

  • މަސައްކަތް ނިމުމުން ބަނދަރުގެ ޕްލޭނެއް ހަދައި ބޭނުން ކުރުމަށް އުސޫލުތައް އާންމުކުރާނެ

ބ.އަތޮޅު އޭދަފުށީގައި ސަރުކާރުން ތަރައްޤީ ކުރާ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސަކަތް ކުރުމަށް ސަރުކާރުން ހަވާލުކުރައްވާފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއެވެ.

ސަރުކާރުން އޭދަފުށީގައި ބަނދަރު ތަރައްޤީ ކުރަނީ ރަށުގެ ހުޅަނގު ފަރާތުގައެވެ. މިބަނދަރު ހެދުމުގެ މަސައްކަތްތަކުގެ ތެރޭގައި 303 މީޓަރުގެ އެއްގަމު ތޮށިލުމާ 371 މީޓަރުގެ ބޮޑުހިލަ ރިވެޓްމެންޓާއި 18 މީޓަރުގެ ކޮންކްރީޓް ބުރިޖާއި، 119 މީޓަރުގެ ބޮޑު ހިލަ ބޭރުތޮއްޓާއި، 63 މީޓަރުގެ ނެރުފައިކަށި، 5490 އަކަ މީޓަރުގެ ސަރަހައްދެއް ހިއްކުމާއި، ވާޓަރުގައި ރޭމްޕެއް ހިމެނުމާއި، ވާޓަރާއި އިންވެގެން ޕޭވްމެންޓަކާއި ބަނދަރު ބައްތި އަދި ނެރު ބައްތި ގާއިމް ކުރުން ހިމެނެއެވެ.

އޭދަފުށި ކައުންސިލުގެ ރައީސް މުޙައްމަދު ފާތިޙް ވިދާޅުވީ ސަރުކާރާ ގުޅިގެން މި ބަނދަރުގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތައް ނިންމުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ބަނދަރުގެ މަސައްކަތް ނިމުމުން ބަނދަރުގެ ޕްލޭނެއް ހަދައި ބޭނުން ކުރުމަށް ކަނޑައަޅާނެ އުސޫލުތައް އާންމު ކުރައްވާނެ ކަމަށް ފާތިޙް ވިދާޅުވިއެވެ

އޭދަފުށީގައި ބަނދަރެއް އެންމެ ފުރަތަމަ ހެދީ 1994 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ އެރަށް ބެލިނަމަ ބޮޑު ބަނދަރެކެވެ. އެބަނދު ހަލާކުވީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައެވެ. އެއަށްފަހު އެރަށުގައި މިހާރު އޮތް 900 ފޫޓް ދިގު 250 ފޫޓް ފުޅާ ބަނދަރަކީ އަމިއްލަ ފަރާތަކުން ހަދާފައި އޮތް ބަނދަރެކެވެ.

ފާތިޙް ވިދާޅުވީ، އޭދަފުށީގައި މިހާރު އޮތް ބަނދަރުގެ ޖާގަ ކުޑަވެ އެތައް ޝަކުވާއެއް ކައުންސިލަށް ލިބޭކަމަށެވެ. ފާތިހްވަނީ ފެރީއަށް މުދާ އަރުވާ ބޭލުމަށާއި، ބަލިމީހުން އުފުލުމަށް ޚާއްސަ ސަރަހައްދެއް ކަނޑައެޅިފައި ނެތުމުގެ ކަންބޮޑުވުންވެސް ފާޅުކުރައްވާފައެވެ.

މިހާރު އެރަށުގައި އޮތް ބަނދަރު ބޮޑުކުރުމަށްވެސް ސަރުކާރުން މަސައްކަތްތަކެއް ކުރެއްވިއެވެ. އެހެންނަމަވެސް ބަނދަރު ބޮޑުކުރުމަށް ބޭނުންވާ ވަރަށް އެސަރަހައްދުގެ ފަޅުން ޖާގަ ނުލިބޭތީ އެކަންވަނީ ނުވެފައެވެ.

މި މަޝްރޫއަކީ 64.67 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރައްވާފައިވާ މަޝްރޫއެކެވެ.