ޚަބަރު

ދަރުމަވެރިންގެ އިންސާނީ ޚިދުމަތް، ބަދަލުގައި އުފާވެރިކަން


  • ދިވެހި ރެޑް ކްރެސެންޓްގައި 2000 ދަރުމަވެރިން އެބަތިބި

  • ރާއްޖޭގެ 5 ސަރަހައްދެއްގައި މިހާރުވެސް ޔުނިޓްތައް ވަނީ ގާއިމް ކުރެވިފައި

  • އެމްއާރުސީގެ ޚިދުމަތް މައިގަނޑު ތިން ދާއިރާއަކުން ފޯރުކޮށްދޭ

ދަރުމަވެރިންނަކީ އިޖްތިމާޢީ ބަދަހިކަން ވަރުގަދަކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. ދިމާވާ އެކި ކާރިސާތަކާއި، ހޭލުންތެރިކަން އިތުރުކުރުމާއި، އާންމު އިޖްތިމާއީ ހަރަކާތްތަކުގައި ވަރަށް ފުޅާދާއިރާއެއްގައި ދަރުމަވެރިން ހަރަކާތްތެރިވެއެވެ.

ދަރުމަވެރިންގެ ބޭނުންތެރިކަމާއި އެމީހުންގެ ސަބަބުން މުޖުތަމައަށްކުރާ ފައިދާ ގިނަ ފަރަހަށް ވަޒަންކުރެވެނީވެސް ކާރިސާގެ މިފަދަ ދަނޑިވަޅުތަކުގައެވެ. އާބާދީ ކުޑަ މި ދިވެހިރާއްޖެއިންވެސް އިންސާނިއްޔަތަށްޓަކާ އެކަކު އަނެކަކަށް އެހީތެރިވުމުގެ މި ރީތި މިސާލު އެތައް ގޮތަކުން ދަނީ ފެންނަމުންނެވެ. އެގޮތުން 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާއި، މާލެއަށް ދިމާވި ފެނުގެ ކާރިސާއާއި، 2019 ވަނަ އަހަރު ކުރިމަތިވި ކޯވިޑް-19 ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި އިންސާނީ ހައްގުތަކާއި އަދި އެކި ކާރިސާތަކުގައި އެންމެ ކުރީސަފުގައި މަސައްކަތްކުރާ ދިވެހި ރެޑް ކްރެސެންޓްގެ މާލޭ ޔުނިޓްގެ ޗެއާރ ޕަރސަން ހައިސަމް ޝަރީފް ވިދާޅުވީ ވޮލަންޓިއަ ކުރުމަކީ މީހާގެ އަމިއްލަ ނަފްސަށް ކުރިއެރުން ލިބޭ ކަމެއްކަށެވެ. އަދި ވޮލަންޓިއަކުރުމަކީ ދުޅަހެޔޮ އަދި ބަދަހި މުޖުތަމައަކަށް ވަރަށް މުހިއްމު ކަމެއްކަމަށް ހައިސަމް ފާހަގަކުރެއްވިއެވެ.

ހައިސަމް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ރެޑް ކްރެސެންޓްގެ 2000 ދަރުމަވެރިން ހަރަކާތްތެރިވަމުން ދާކަމަށެވެ. އެގޮތުން ރާއްޖޭގެ 5 ސަރަހައްދެއްގައި މިހާރުވެސް ރެޑް ކްރެސެންޓްގެ ޔުނިޓްތައް ގާއިމް ކުރެވިފައިވާކަމަށެއެވެ. އެއީ އައްޑޫ ސިޓީ، މާލޭ ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ.ގައްދޫ، ވެލިދޫގައެވެ. ހައިސަމް ވިދާޅުވީ އުންމީދަކީ މީގެ އިތުރުންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރެޑް ކްރެސެންޓްގެ ޔުނިޓްތައް ގާއިމްވެގެން ދިޔުންކަމަށެވެ.

" އަޅުގަނޑުމެންގެ މަސައްކަތް މައިގަނޑު ގޮތެއްގައި ކުއްލިހާލަތްތަކަށް އޮތްކަމުގައިވިއަސް ފަސްޓް އެއިޑް މަސައްކަތްތަކުގައި ވެސް އަޅުގަނޑުމެންގެ ކުދިން ފެނިގެން ދާނެ. އަދި ތިމާވެއްޓާއި ބެހޭ ކަންކަންވެސް އަޅުގަނޑުމެން ހިންގަމުން ގެންދަން އަޅުގަނޑުމެންގެ ގިނަ ޔުނިޓްތަކުގައި. އޭގެ އިތުރަށް އަޅުގަނޑުމެންނަށް 5500އަށް ވުރެ ގިނަ ގަޑިއިރު ވޮލެންޓިއާރސް އަޅުގަނޑުމެންނަށް ދީފައި އެބަ ހުރި. އޭގެ ތެރޭގައި 2000އަށް ވުރެ ގިނަ ވޮލެންޓިއަރުން ރާއްޖޭގައި އެބަތިބި. އަދި މާލޭ ޔުނިޓްގައި 3000އަށް ވުރެއް ގިނަ ގަޑިއިރު އަޅުގަނޑުމެންގެ ވޮލެންޓިއަރުން ވަނީ ޚިދުމަތް ކޮށްދެއްވާފައި" ހައިސަމް ވިދާޅުވިއެެވެ.

ހައިސަމް ވިދާޅުވީ އެމްއާރުސީގެ ހިދުމަތް މައިގަނޑު ތިން ދާއިރާއަކުން ފޯރުކޮށްދޭކަމަށެވެ. އެއީ ސިއްހަތާއި ދުޅަހެޅޮކަން އިތުރުކުރުމާއި ބޮޑެތި ހާދިސާތަކަށް ތައްޔާރުވެ އިޖާބަ ދިނުމާއި ޒުވާނުންގެ ގާބިލުކަން އިތުރުކޮށް ބާރުވެރިކުރުމެވެ.

ހައިސަމް ވިދާޅުވީ ރައްޖޭގައި ވޮލެންޓިއަރުންގެ ގޮތުގައި ނިކުންނަން ބޭނުންވާ ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން އަބަދުވެސް މަރުހަބާ ކިޔާނެކަމަށެވެ. އެއީ ދިވެއްސެއްކަމުގައި ވީނަމަވެސް ނުވަތަ ބިދޭސީއަކަށް ވީ ނަމަވެސް ކޮންމެ މީހަކަށްވެސް ދިވެހި ރެޑް ކްރެސެންޓާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެކަމަށެވެ. ހައިސަމް ވަނީ ދަރުމަވެރިން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ދަރުމައަށް އެދިގެން މަސައްކަތްކުރާ "ދަރުމަވެރިންގެ ދުވަސް" ބައިނަލްއަޤްވާމީގޮތުން ފާހަގަކުރަން ނިންމީ، އދ.ގެ އިސްނެގުމުގެ ދަށުން 17 ޑިސެމްބަރު 1985 ގައެވެ. އޭގެފަހުން ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހުގެ 5 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ދުވަހުގެ ގޮތުގައެވެ. މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ އެންމެ މުހިންމު އެއްބޭނުމަކީ އެފަދަ ފަރާތްތަކުން އެކުރާ އަގުނުކުރެވޭ މަސައްކަތުގެ އަގުވަޒަންކުރުމެވެ.