ޚަބަރު

ގެދޮރުވެރިޔާ ޕޯޓަލްގެ ފުލް އެކްސެސް ބުރާސްފަތިދުވަހު އޭސީސީއަށް ދެނީ


  • މިގޮތަށް ދޭން ނިންމާފައިވަނީ އޭސީސީން ކުރަމުން އަންނަ ފްލެޓު ލިސްޓުގެ ތަހުގީގަށް

  • ފްލެޓު ލިސްޓު ޢާންމުކުރުން ލަސް ވަނީ އޭސީސީން ތަހުގީގު ކުރާތީ

  • އޭސީސީން ވިދާޅުވީ މިލިސްޓުގައި ގިނަ މައްސަލަތަކެއް ހުރި ކަމަށް

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކުރިމަތިލުމަށް ޤާއިމްކޮށްފައިވާ "ގެދޮރުވެރިން ޕޯޓަލް"ގެ ފުލް އެކްސެސް އަންނަ ބުރާސްފަތި ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ދެއްވާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވީ މިސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ދިރިއުޅެވޭނެ ފަހި މާހައުލެއް ގާއިމްކޮށް އެތަނެއްގައި މީހުން އާބާދުކުރެއްވުންކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ދޫކުރި ފްލެޓުތަކާއި ގުޅޭ ގޮތުން ގިނަ ބަޔަކުވަނީ ޝަކުވާ ހުށަހަޅުމާ ގުޅިގެން އޭސީސީގެ އެންގެވުމަށް ފްލެޓު ދޫކުރުމުގެ މަސައްކަތްވަނީ ހުއްޓާލާފައެވެ.

ހައިދަރު ވިދާޅުވީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާރު ނެރެފައި އޮތް ފުލެޓް ލިސްޓް ބާތިލް ނުކުރާނެ ކަމަށެވެ. އެހެންނަމަވެސް ފުލެޓް ލިބުނު 4000 މީހުންގެ ހައްގުތައް ކަށަވަރު ކުރުމުގެ ގޮތުން ފުލެޓް ލިބުނު މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން ބަލާ ހައްގުވެރި ފަރާތްތަކަށް ފްލެޓް ދެއްވާނެކަމަށެވެ. އަދި ފުލެޓް ލިސްޓާ ގުޅުން ހުރި މަސައްކަތްތައް ދެން ކުރިއަތް ދާނީ އޭސީސީގެ ލަފަޔާއި މަޝްވަރާގެ މަތިންކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން އޭސީސީން ފާހަގަކުރައްވާ ކަންކަން ބެލުމަށްފަހު ލިސްޓަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަވާނެކަމަށް ހައިދަރު ވިދާޅުވިއެވެ. އަދި ޝަރުތު ހަމަވާ އެއްވެސް ފަރާތެއްގެ އަތުން ފްލެޓު އަތުލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

"އެބޭފުޅުންނަށް އެކްސެސް ދިނުމުގައި އަޅުގަނޑުމެން އެބަޖެހޭ. އެބޭފުޅުން ފޮނުވާފައި އޮތް ސިޓީގައި އޮންނަނީ ވަކި ކަހަލަ ޝަރުތުތަކެއް ދީފައި އެކްސެސް ދިނުމަށް. އަދި އަޅުގަނޑުމެންނަށް އެކްސެސް ނުވެވޭ ގޮތަށް އަދި އެބޭފުޅުންނަށް ވަކި ކަހަލަ ކަންތައްތަކެއް ކުރެވޭ ގޮތަށް. އެޕޯޓަލްއަކީ ޑިވެލޮޕަރުންތަކެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޕޯޓަލްއެއް. އެ ޕޯޓަލްއަށް ގެންނަޖެހޭ ބަދަލުތަކެއް ހުރުމާއެކު އެ ބަދަލުތައް ގެނައުމަށް ދުވަސްކޮޅެއް ނަގަނީމި. އަޅުގަނޑު ހިތުން ހަފްތާއެއްހާ ދުވަސް ތެރޭގައި އެމަސައްކަތްކޮށް ނިމޭނެ. އެމަސައްކަތް ނިމުނީމައި އެ ބޭފުޅުންނަށް ފުލް އެކްސަސް ލިބޭނެ" ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު އަޙްމަދު ވިދާޅުވިއެވެ.

ފްލެޓު ލިސްޓްގެ މައްސަލަ ތަހުގީގުކުރުން ލަސްވާތީ އޭސީސީވެސް ވަނީ މިއަދު ޕެޓިޝަން ކޮމެޓީއަށް ހާޒިރުކޮށްފައެވެ. މިކޮމެޓީގައި މެންބަރުންވަނީ ފްލެޓު ލިސްޓު ތަހުގީގުކުރުން ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މެންބަރުން ވިދާޅުވަނީ މިގޮތަށް ފްލެޓު ލިސްޓު ފައިނަލްކޮށް، ރައްޔިތުންނަށް ފްލެޓު ހަވާލުކުރުމަކީ، އެފަރާތްތަކުގެ ޙައްޤުތައް ނިގުޅައިގަތުން ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ޕެޓިޝަން ކޮމެޓީގައި އޭސީސީން ވިދާޅުވީ ވީހާވެސް އަވަހަކަށް ފްލެޓު ލިސްޓު ބެލުމަށްފަހު، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއަށް ހަވާލުކުރައްވާނެ ކަމަށެވެ.

އޭސީސީން ވިދާޅުވީ ފްލެޓު ލިސްޓުގައި ވަރަށް ބޮޑެތި މައްސަލަތަކެއް ހުރި ކަމަށެވެ. އެގޮތުން، ލިޔެ ކިޔުމުން އަތޮޅުތެރޭ ވަޒީފާ އަދާކުރާކަން އެނގި ހާމަވާ މީހުންނަށް، އެއީ މާލޭގައި އުޅޭ ބައެއްކަމަށް ނިންމާ ފްލެޓު ދީފައިވާ ކަމަށް އޭސީސީން ވިދާޅުވިއެވެ. އަދި ލިޔެކިޔުމުން ދަރިންނެތްކަން ހާމަވާ ބައެއް މީހުންނަށް އެ މީހުންނަކީ ދަރިން ތިބި ބައެއްކަމަށް ބަލާ ފުލެޓުދީފައި ހުރިކަމަށް ވެސް އޭސީސީން ވިދާޅުވިއެވެ. އެހެންކަމުން މިކަންކަން ރަނގަޅަށް ބަލާ ދިރާސާކުރުމަށް ވަގުތު ބޭނުންވާނެ ކަމަށް އޭސީސީން ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ނިމުނު ސަރުކާރުން ދޭން ނިންމާފައިވާ ފްލެޓުތަކަކީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްޤީކުރާ ފްލެޓު ތަކެކެވެ. މި ފްލެޓުތަކަކީ މާލޭގެ ރަށްވެހިކަން އޮންނަ ނުވަތަ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ދިވެހިންނަށް ދޭން ހަމަޖެހިފައިވާ ފްލެޓުތަކެކެވެ.