ޚަބަރު

އެމްޕީއެލްގެ ވިސްނުމަކީ އަނެއްކާވެސް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުން


  • 2013ގެ ސަރުކާރުން ނިންމީ ބަނދަރު ތިލަފުށީގައި ތަރައްޤީކުރަން

  • ނަމަވެސް ކުރީ ސަރުކާރުން އެ މަޝްރޫޢު ބަދަލުކުރީ ގުޅިފަޅަށް

  • ސަރުކާރު ނިމެން ކައިރިވެފައިވަނިކޮށް ވަނީ އެ މަޝްރޫޢުއަށް ބިން ހިއްކަން ފަށާފައި

  • އާ ސަރުކާރުގައި މި ޕްރޮޖެކްޓަށް އޮތް ތަޞައްވުރު ވަރަށް އަވަހަށް ހަމާކުރާނެ

ގުޅިފަޅުގައި ތަރައްޤީކުރުމަށް ނިންމާފައިވާ ވިޔަފާރި ބަނދަރު މަޝްރޫޢު، ކުރިން އޮތްގޮތަށް ތިލަފުއްޓަށް ބަދަލުކުރުމަށްކަމަށް ވިސްނާފައިވާކަމަށް އެމްޕީއެލްގެ އައު ސީއީއޯ މުޙައްމަދު ވަޖީހު އިބްރާޙީމް ވިދާޅުވެއްޖެއެވެ. ރާއްޖޭގެ މައި ވިޔަފާރި ބަނދަރު، މާލެއިން ބޭރަށް ބަދަލުކުރުމަކީ މި ވޭތުވެ ދިޔަ ދެ ސަރުކާރުގައިވެސް ކުރިއަށް ގެންދިއުމަށް ރޭވި މަޝްރޫޢުއެކެވެ. ނަމަވެސް މިހާތަނަށްވެސް އެ މަސައްކަތުގައި ޢަމަލީ ސިފަ ޖެހިފައެއް ނުވެއެވެ.

2013ވަނަ އަހަރު އޭރުގެ ސަރުކާރުން ނިންމީ، މާލެ ވިޔަފާރި ބަނދަރު، ސިނާޢީ މައި ރަށްކަމަށްވާ، ތިލަފުއްޓަށް ބަދަލުކުރުމަށެވެ. ނަމަވެސް ނިމުނު ސަރުކާރުގައި އެ ޕްރޮޖެކްޓް ވަނީ ގުޅިފަޅަށް ބަދަލުކޮށްފައެވެ. އަދި އެ މަސައްކަތައް އެކަމަށް ބޭނުންވާ ބިން، ގުޅިފަޅުން ހިއްކުމުގެ މަސައްކަތްތައްވެސް އެދަޢުރު ނިމެން ގާތްވެފައިވަނިކޮށް ވަނީ ފަށާފައެވެ.

ނެދަލޭންޑްގެ ބޮސްކާލިސްއާއި ހަވާލުކޮށްގެން، ގުޅިފަޅުން ހިއްކަމުންދާ 192 ހެކްޓަރަކީ މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރުމާއި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިއްކަމުންދާ ސަރަޙައްދެކެވެ. މި މަސައްކަތް ފެށީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ. ގުޅީފަޅު ހިއްކުމަށާއި، ރާއްޖޭގެ މައި ސީޕޯޓް ތަރައްޤީކުރުމަށް މިއަހަރުގެ ބަޖެޓުގައި 959.2 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

އާ ސަރުކާރުގައިވެސް ވަނީ މި މަޝްރޫއު، ސަރުކާރުން އިސްކަންދޭ މަޝްރޫޢުތަކުގެ ތެރޭގައި ހިމަނުއްވާފައެވެ. އެގޮތުން ސަރުކާރުގެ "ހަފްތާ 14"ގައި ވަނީ، 'ގްރޭޓަރ މާލެ އޭރިޔާ'ގެ ޓްރާންޝިޕްމަންޓް ބަނދަރު ބިނާކުރުމުގެ ކަންކަން ރާވައި އިންތިޒާމުކޮށް، މަޝްރޫޢަށް ބޭނުންވާ މަސައްކަތްތައް ފެއްޓުމަށް ހިމަނުއްވާފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްޕީއެލްގެ އައު ޗީފް އެގްޒެކެޓިވް އޮފިސަރ(ސީއީއޯ) މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވީ، އާ ވިޔަފާރި ބަނދަރަކީ ކުންފުނިން ދެމުންދަ ޚިދުމަތް ފުޅާކުރުމަށް އެންމެ މުހިންމު މަޝްރޫޢުކަމަށެވެ. މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތްތައް ފެށުމާއި ގުޅޭ މަޝްވަރާތައް ސަރުކާރުގެ ތެރެއިން ކުރިއަށްދާކަމަށް ވަޖީހު ވިދާޅުވިއެވެ. ސީއީއޯ ވިދާޅުވީ، ތިލަފުއްޓަކީ މިހާރުވެސް އެމްޕީއެލްގެ ގިނަ އޮޕަރޭޝަންތަކެއް ހިނގާ ތަނަކަށްވުމާއިއެކު، ރާއްޖޭގެ ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރު މަޝްރޫޢު ތިލަފުއްޓަށް ބަދަލުކުރުމަށް އެ ކުންފުނިން ބޭނުންވާކަމަށެވެ. އަދި އެކަން ސަރުކަރަށް ހުށައަޅާ، އެކަމާމެދު މަޝްވަރާކުރަމުންދާކަމަށް ވަޖީހު ވިދާޅުވިއެވެ.

ނަމަވެސް އާ ސަރުކާރުގައި، މި ޕްރޮޖެކްޓް ރާވާ ކުރިއަށްގެންދާނެގޮތް އަދި ހާމަކުރައްވާފައެއް ނުވެއެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ، ޕްރޮޖެކްޓްގެ ތަފްސީލް ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށެވެ. އިޤްތިޞާދާ ބެހޭ ވަޒީރުވެސް ވަނީ މައި ވިޔަފާރި ބަނދަރު ތަރައްޤީކުރުން އެންމެ މުހިންމު ސަރަހައްދަކީ ތިލަފުށިކަމަށް މީގެ ކުރިން ހާމަކުރައްވާފައެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ، މި ޕްރޮޖެކްޓް ފައިނަލް ކުރުމުގެ މަޝްވަރާތައް ސަރުކާރުން ކުރިއަށްގެންދާކަމަށެވެ.

"ކޮންޓެއިނަޓަރ ޓާމިނަލާއެކު، ވިޔފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް އެމްޕީއެލްއިން ބޭނުންވަނީ. ތިލަފުށީގައި މިހާރުވެސް އެމްޕީއެލްގެ ޚިދުމަތްތައް ފުޅާކުރުމުގެ ބޮޑެތި މަސައްކަތްތަކެއް އެބަ ކުރިއަށްދޭ. ގުޅީފަޅުގައި އެ މަޝްރޫޢު ގެންދާކަށް ބޭނުމެއް ނުވޭ. އެކަމަށް ދަނީ މަޝްވަރާކުރަމުން." އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުގައި ޕޯޓު ގުޅިފަޅަށް ބަދަލުކުރުމަށް އެމްޕީއެލުން ބޭނުންވެ، އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔަނަމަވެސް އެކަމާމެދު ސަރުކާރުން އަދި ވަކިގޮތެއް ނުނިންމައެވެ.

ވެރިރަށް މާލޭގެ ތޮއްޖެހުމާއި، މުދާ ބާލާއެރުމުގެ މަސައްކަތް ކުރިއަށްގެންދިއުމުގައި، ބަނދަރުގެ ޖާގައިގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ކުރިމަތިވެއެވެ. މިހާރުގެ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުވާނީ އައު ބަނދަރާއެކުކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

ވިޔަފާރި ބަނދަރު މަޝްރޫޢު ގުޅެނީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއާއެވެ. މާލެ ސަރަޙައްދު އެއްގަމު މަގުން ގުޅާލެވި، ވިޔަފާރިތައް އިތުރުކުރެވިގެން ދިއުމާއެކު ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ހެޔޮ ބަދަލުތައް އަންނާނެ ކަމެއްކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.