ޚަބަރު

އެމްޕީއެލް ފްލެޓްތައް 45 ދުވަހުގެތެރޭގައި މީހުން ދިއުޅެވޭރަށް ނިންމާނަން: އައު ސީއީއޯ


  • މި ޕްރޮޖެކްޓްގައި 534 ޔުނިޓް ހިމެނޭ

  • ނުނިމިހުރީ ޔުޓިލިޓީގެ މަސައްކަތްތައް

  • އަގުތަކަށް އިތުރަށް ކުޑަކުރުމަށް މަޝްވަރާކުރާނެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ހިޔާ ޓަވަރުތަކަށް ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި މީހުންނަށް ދިރިއުޅުން ބަދަލުކުރެވޭވަރަށް ނިންމުމަށް މަސައްކަތްތައް ފަށްޓަވާފައިވާކަމަށް އެ ކުންފުނީގެ އައު ޗީފް އެގްޒެކެޓިވް އޮފިސަރ(ސީއީއޯ) މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މި މަސައްކަތްތައް ލަސްވާތީ ކުންފުނީގެ މުވައްޒަފުންގެ އޮތް ކަންބޮޑުވުންތަކާއެކު، ސީއީއޯ މުޙައްމަދު ވަޖީހު މިއަދު ވަނީ، އެމްޕީއެލްގެ ޓަވަރުގެ މަސައްކަތްތައް ކުރިއަށްދާގޮތަށް ބައްލަވާލައްވާފައެވެ.

އެމްޕީއެލްގެ ޓަވަރުތަކުގެ މަސައްކަތް ނިންމާ، މުވަޒާފުން ވަނުމަށް އެކި ތާރީޚުތައް މީގެކުރިންވެސް ދެމުންއައިސްފައިވެއެވެ. އެންމެ ފަހުން އެކުންފުނިން ބުނެފައިވަނީ، މިއަހަރުގެ އޮގަސްޓްގެ ނިޔަލަށް ހުރިހާ މަސައްކަތްތައް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށެވެ. ނަމަވެސް އެ ތާރީޚަށްވެސް މަސައްކަތް ނިންމިފައެއް ނުވެއެވެ. 2018ވަނަ އަހަރު މަސައްކަތް ފެށި، ކުންފުނިތަކުގެ ހިޔާ ޕްރޮޖެކްޓްތަކުގެ ތެރެއިން، މިހާތަނަށް މީހުން ދިރިއުޅެން ނުފެށިވަނީވެސް އެމްޕީއެލް ފްލެޓްގައި އެކަންޏެވެ.

މަސައްކަތްތައް ނުނިމި ލަސްވަމުންދާތީ، މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކާއެކު، އެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޒީހު އިބްރާހީމް ވަނީ ޓަވަރުތަކަށް ޒިޔާރަތްކުރައްވާ މަސައްކަތް ހިނގަމުންދާގޮތުގެ އެންމެ ފަހުގެ މަޢުލޫމާތުތައް އޮޅުން ފިލުއްވާފައެވެ. އެގޮތުން ޓަވަރުތަކުގައި މިވަގުތު ކުރިއަށްދާ މަސައްކަތްތަކާއި، އަދި ލަސްވަމުންދާ މަސައްކަތްތަކާއި ސަބަބުތަކުގެ ތަފްސީލް ވަނީ އޮޅުންފިލުއްވާފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވަޖީހު ވިދާޅުވީ، މަސައްކަތްތައް ލަސްވެފައިވަނީ ޔުޓިލިޓީ ޚިދުމަތްތައް ގުޅުމުގައިކަމަށެވެ. އެހެންކަމުން މި މަސައްކަތް ކުރިއަށްގެންދާ ކުންފުނިތަކާއި ވާހަކަދައްކާ، އެކަން އަވަސްކޮށްދެއްވާނެކަމަށް ސީއީއޯ ވިދާޅުވިއެވެ. ވަޖީހު ވިދާޅުވީ، ކުންފުނީގެ ޢަމާޒަކީ ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި މި މައްސަލަތައް ޙައްލުކޮށް ހުރިހާ މަސައްކަތްތެއް ނިންމާ، ޓަވަރުތަކުގައި މުވައްޒަފުންނަށް ދިރިއުޅެވޭނެ ގޮތް ފަހިކޮށްދެއްވުންކަމަށެވެ.

"ކަރަންޓާއި ފެން ވައިރުކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ. ކަމާއި ގުޅުންހުރި ކުންފުނިތަކުގައި މަސައްކަތް އަވަސްކުރުމަށް ދަންނަވާ، 45 ދުވަހުގެ ތެރޭގައި މީހުންނަށް ފްލެޓްތަކަށް ވަދެވުން ޢަމާޒަކީ. ބޭނުންވަނީ ވީހާވެސް އަވަހަށް އެތަންތާންގައި ދިރިއުޅެން ފެށޭނެ ގޮތް ހޯދައިދިނުން." އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވިއެވެ.

އެމްޕީއެލް ފްލެޓްގައި ހިމެނެނީ 534 އެޕަރޓްމަންޓެވެ. އޭގެ ތެރޭގައި އެއް ކޮޓަރީގެ 204 ޔުނިޓާއި، 3 ކޮޓަރީގެ 330 ޔުނިޓް ހިމެނެއެވެ. ޑައުންޕޭމަންޓްގެ މަސައްކަތްތައް ކުރިއަށްގެންގޮސް، މިހާރު ވަނީ ފްލެޓްތަކުގެ ތަޅުގަނޑިވެސް މުވައްޒަފުންނާއި ހަވާލުކޮށްފައެވެ. އަދި ފްލެޓްތަކުގެ އިންޓީރިއަރ މަސައްކަތްތައްވެސް މުވައްޒަފުން ދަނީ ކުރަމުންނެވެ.

ވަޖީހު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅަކީ އަތްފޯރާ ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދެއްވުންކަމަށެވެ. އެހެންކަމުން ފްލެޓްތަކުގެ ކުއްޔަށް މިހާރަށްވުރެވެސް ހެޔޮ ބަދަލެއް ގެނެސްދެއްވަން މަސައްކަތް ކޮށްދެއްވާނެކަމަށް ވަޖީހު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަޝްވަރާ ކުރާނަން. ކުލި ދެއްކުމުގައި ހުރި ކަންކަން ބަލާ، މިހާރު ކަނޑައެޅިފައި ހުރި އަގުތައް ލުއިކޮށްދޭން މަސައްކަތްކޮށްދޭނަން." އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވިއެވެ.

ކުލި ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތު 20 އަހަރުން 25 އަހަރަށް އިތުރުކޮށް، މިއަހަރުގެ އޮގަސްޓްމަހު ވަނީ ކުލި ކުޑަކޮށްފައެވެ. 4 ބާވަތެއްގެ އެޕަރޓްމަންޓް ހިމެނޭއިރު، އަގުތައް އުޅެނީ 3700އާއި 8000އާއި ދެމެދުގައެވެ.

އެމްޕީއެލްއެގެ އައު ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވީ، ކުރިމަގުގައިވެސް މުވައްޒަފުންނަށް ބޯހިޔާވަހިކުގެ މަޝްރޫޢު ހިންގުމުގެ ވިސްނުން އެ ކުންފުނީގައި ހުރިކަމަށެވެ.