ޚަބަރު

ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑް މިފަހަރުވެސް ރާއްޖެއަށް


  • މިއީ މި އެވޯޑް ރާއްޖެއަށް ވިދިވިދިގެން ލިބުނު 4 ވަނަ ފަހަރު

  • "ޓްރެވެލް ޕާސަނަލިޓީ އޮފް ދަ އިޔަރ 2023" ލިބުނީ ކުރީގެ ޓޫރިޒަމް މިނިސްޓަރަށް

  • ރިސެލިއެންސް އެވޯޑް ހާސިލްކުރި 5 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނުނު

ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައިނަލްއަގްވާމީ ފެންވަރުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ، ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން"ގެ އެވޯޑް ޖެހިޖެހިގެން 4 ވަނަ ފަހަރު ދިވެހިރާއްޖެއިން ހޯދައިފިއެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން"ގެ އެވޯޑު ރާއްޖެއަށް ލިބުނުކަން އިއުލާންކުރެއްވީ ދުބާދީގެ "ބްރުޖް އަލް އެރެބް" ހޮޓެލްގައި ވޯލްޑް ޓްރެވެލް އެވޯޑްސްގެ ދުނިޔޭގެ ވަނަތަކަށް އެވޯޑް ދިނުމަށް ރޭ ބޭއްވި ގްރޭންޑް ފައިނަލް ހަފްލާގައެވެ. ރާއްޖެއިން މިއެވޯޑް މިފަހަރުވެސް ހޯދާފައިވާއިރު، މިއެވޯޑް ރާއްޖެއަށް ލިބިފައިވަނީ ވަރަށް ވާދަވެރި މަންޒިލްތަކާއި ވާދަކުރުމަށްފަހުއެވެ. ޑަބްލިޔުޓީއޭގެ ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑަކީ، މި އެ އެވޯޑް ރަސްމިއްޔާތުގެ އެންމެ ޝަރަފުވެރި އެވޯޑެވެ.

މި ހަފްލާގައި ރާއްޖެއަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ޚިދުމަތްދޭ އަމިއްލަ ފަރާތްތަކަށްވެސް މުޅި ދުނިޔޭގެ އެއްވަނައިގެ ގޮތުގައި ވަނީ އެވޯޑްތައް ލިބިފައެވެ. ތިރީސް ވަނަ ޓްރެވަލް އެވޯޑްގައި ދުނިޔޭގެ ކެޓަގަރީން ރާއްޖެއަށް މި އަހަރު 11 އެވޯޑެއް ލިބުނެވެ. މީގެ އިތުރުން އިންޑިޔާ ކަނޑުގެ ސަރަހައްދުން 22 އެވޯޑެއް ވެސް ރާއްޖެއަށް ލިބުނެވެ.

އެގޮތުން ވިދިވިދިގެން 4 ވަނަ ފަހަރަށް "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއިން ހާސިލްކުރުމުގެ އިތުރަށް އަލަށް ދޭންފެށި ރިސެލިއެންސް އެވޯޑް ހާސިލްކުރި 5 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނުނެވެ. މީގެ އިތުރުން ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑު 2023 ގެ ގޮތުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން، އެމް.އެމް.ޕީ.އާރް.ސީ ހޮވުމުގެ އިތުރުން ސްޕެޝަލް އެޗީވްމަންޓް އެވޯޑް 2023 ލިބުނީވެސް އެމްއެމްޕީއާރްސީގެ ކުރީގެ ސީއީއޯ ޠައްޔިބު މުހައްމަދަށެވެ.

ވޯލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓަރުގެ އެވޯޑް ލިބުނީ ޓީ.އެމް.އޭ އަށެވެ.

ދުނިޔޭގެ ކެޓަގަރީން ރާއްޖެއަށް ލިބު އެވޯޑްތައް

* ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް
* ވޯލްޑް ލީޑިން ޓޫރިސްޓް ބޯޑު: އެމްއެމްޕީއާރުސީ
* ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ: ޓްރާން މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)
* ވޯލްޑް ލީޑިން އެއަރޕޯޓް ރިސޯޓް: ހުޅުލޭ އައިލެންޑް ހޮޓެލް
* ވޯލްޑް ލީޑިން ބުޓީކް އެއަރޕޯޓް ހޮޓެލް: ހޮޓެލް ޖެން
* ވޯލްޑް ލީޑިން ހަނީމޫން ރިސޯޓް: ޖޭއޭ މަނަފަރު
* ވޯލްޑް ލީޑިން ލަގްޒަރީ ހަނީމޫން ރިސޯޓް: ވައްކަރު މޯލްޑިވްސް
* ވޯލްޑް ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް: ވޮއްމުލި މޯލްޑިވްސް
* ވޯލްޑް ލީޑިން ޕްރައިވެޓް އައިލެންޑް: ވެލާ ޕްރައިވެޓް އައިލެންޑް
* ވޯލްޑް ލީޑިން ވޯޓާ ވިލާ ރިސޯޓް: އެމަރަލް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
* ވޯލްޑް މޯސްޓް ރޮމެންޓިކް ރިސޯޓް: ބަރޮސް މޯލްޑިވްސް

މީގެ އިތުރުން މިހަފްލާގައި ވަނީ "ޓްރެވެލް ޕާސަނަލިޓީ އޮފް ދަ އިޔަރ 2023" އެވޯޑް ކުރީގެ ޓުއަރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުޞޫމަށް ލިބިވަޑައިގެންފައެވެ. "ޓްރެވެލް ޕާސަނަލިޓީ އޮފް ދަ އިޔަރ 2023" އެވޯޑް ހާސިލްކުރެއްވުމަށްފަހު ޑރ.މަޢުސޫމް ޓްރެވެލް ނިއުސް ނެޓްވޯކަށް ދެއްވި އިންޓަރވިއުއެއްގައި ރާއްޖޭގެ އަދި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޝާމިލްވާ އެންމެންނަށް ޝުކުރު އަދާކުރައްވާ އެވޯޑްވަނީ އެފަރާތްތަކަށް ޑެޑިކޭޓް ކޮށްފައެވެ.