ޓުއަރިޒަމް

"ފޮލޮވިންގް ދަ އީކުއޭޓަރ"ގެ ނަމުގައި ފިލްމް ފެސްޓިވަލެއް ބާއްވަނީ


" ފޮލޮވިންގް ދަ އީކުއޭޓަރ "ގެ ނަމުގައި ރާއްޖޭގައި ބައިނަލްއަޤްވާމީ ޓޫރިޒަމް ފިލްމް ފެސްޓިވަލެއް ބާއްވަން ނިންމައިފިއެވެ.

ސަން ސިޔާމް އިރުފުށި މޯލްޑިވްސްއިން އިންތިޒާމްކުރާ މިފިލްސް ފެސްޓިވަލަކީ ނޭޝަނަލް ސެޓަރ ފޮރ ދި އާރޓްސް، އެންސީއޭ އަދި މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީ އާ ގުޅިގެން ބާއްވާ ފެސްޓިވަލެކެވެ.

އަންނަ ޖުލައި މަހުގެ ދިހައަކުން ބާރައަށް، ބޭއްވުމަށް ހަމަޖެހިފައިވާ މި ފިލްމް ފެސްޓިވަލްގައި ވީޑިއޯ ފިލްމް ބައިވެރިކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މި ފިލްމް ފެސްޓިވަލާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް މިއަދު މޫކައި ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އާދަމް ވިދާޅުވީ، އެ ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުން ކަމަށެވެ.

މި ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ބޭރުގެ ފަރާތްތަކަށްވެސް ހުޅުވާލާފައެވެ. އަދި އުފައްދާ ވީޑިއޯތަކުގެ ތެރެއިން އެންމެ ރަނގަޅު ވީޑިއޯއަކަށް އެވޯޑްދިނުމުގެ އިތުރަށް އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްތަކުގައި އެ ފިލްމްތައް ބައިވެރިކުރާނެ ކަމަށް ސަން ސިޔާމް އިރުފުށި މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ.

އަދި ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ދޭނެ އެވޯޑްތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ސަން ސިޔާމް އިރުފުށި މޯލްޑިވްސްއިން ބުނެއެވެ.

ފިލްމް ހުށަހަޅޭނެ ބައިތަކުގެ ތެރޭގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރު ޘަޤާފަތްތަކާއި، އެ ޤައުމުތަކުގެ އާސާރީ ކަންކަމާއި ތިމާވެއްޓާއި ސައިންސާއި ކުޅިވަރު، ފެން އަދި ޓޫރިސްޓުން ގަޔާވާ ތަންތަނުގެ ވީޑިއޯތައް ހިމެނެއެވެ. ވީޑިއޯ ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ މެއި މަހުގެ 31 ވަނަ ދުވަހެވެ.