ޚަބަރު

އިނގިރޭސި ރަސްގެފާނު، ޗާލްސް އާއި ރައީސް ޑރ. މުޢިއްޒު ބައްދަލުކުރައްވައިފި


  • މި ބައްދަލުވުން ބާއްވާފައިވަނީ ކޮޕް ސަމިޓުގެ ހަވާސާގައި

  • ރަސްގެފާނު ވަނީ ރާއްޖެއަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައި ވިދާޅުވެފައި

  • ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުންވެސް ވާހަކަފުޅުދެއްކެވި

28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް، ކޮޕް-28ގެ ހަވާސާގައި، އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިން ވަނަ އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.

މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ކުޑަކުރުމަށާއި، ތިމާވެށި ޙިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު އިނގިރޭސިވިލާތުގެ ރަސްގެފާނާ ހިއްސާކުރައްވާފައެވެ. އަދި، އިނގިރޭސިވިލާތުގެ ރަސްގެފާނު ވަނީ ތިމާވެށީގެ ކަންކަމުގައި ރާއްޖެއަށް އިނގިރޭސިވިލާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ކޮޕް28 ބައްދަލުވުމުގައި މިއަދު ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވެވަޑައިގަތްފަހުން އެމަނިކުފާނު މިފަދައިން ތަޤްރީރު ކުރައްވާ ފުރަތަމަ ފަހަރެވެ.

ކޮޕް28 ބައްދަލުވުން ވެގެންދާނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ލިބޭ ގެއްލުންތައް ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލިބޭ އަގުހުރި ފުރުޞަތަކަށެވެ.