ޚަބަރު

އެއް ލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފެންފުޅި ވިއްކޭ މުއްދަތު އިތުރުކުރައްވައިފި


  • ކުރިން އޮތްގޮތުން މިއަދުން ފެށިގެން އެއްލީޓަރަށްވުރެ ކުދި ފެންފުޅި އެތެރެކުރުމާއި އުފެއްދުން މަނާ

  • ނަމަވެސް ރައީސް ވަނީ އެކަން މަނާކުރާ ގަރާރަށް ބަދަލު ގެންނަވާފައި

  • ކުދި ޕްލާސްޓި ފެންފުޅި ވިއްކޭ މުއްދަތު އިތުރުކުރީ 2024 ނޮވެމްބަރ 1އާއިހަމައަށް

  • ސިންގަލް-ޔޫސް ޕްލާސްޓިކު މަނާ ލިސްޓުގައި 14 ބާވަތެއް

އެއް ލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީފައި ބަންދުކޮށްފައި ހުންނަ ފެން ފުޅި ރާއްޖެ އެތެރެކުރުމާއި އުފެއްދުން އަދި ބާޒާރަށްނެރުން މަނާކުރާ ތާރީޚުތަކަށް ރައީސުލްޖުމްހޫރިއްޔާ ބަދަލުގެންނަވައިފިއެވެ. ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަލުން ކަނޑައަޅުއްވާ، އެލިސްޓް ޤަރާރަކުން ވަނީ ނެރުއްވާފައެވެ.

ޕްލާސްޓިކާއި، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ، ސިންގަލް-ޔޫސް ޕްލާސްޓިކުގެ ތެރެއިން، މި ޤަރާރުގައި ހިމަނައިފައިވާ ލިސްޓުގައި ބަޔާންކޮށްފައިވާ 14 (ސާދަ) ބާވަތުގެ ތަކެއްޗަކީ ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ކަމުގައި ކަނޑައަޅުއްވައި އެ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭގައި އުފެއްދުމާއި، ބާޒާރަށް ނެރުން މަނާ ތާރީޚު ޤަރާރުގައި ވަނީ ކަނޑައަޅުއްވާފައެވެ.

2022ވަނަ އަހަރު ކަނޑައެޅި ލިސްޓުގައި ހިމަނާފައިވަނީ 13 ބާވަތެއް ނަމަވެސް، އަލަށް ނެރުއްވި ޤަރާރުގައި 14 ބާވަތެއް ވަނީ ހިމަނާފައެވެ. އެގޮތުން އިތުރުކޮށްފައިވާ ބާވަތަކީ، ޕްލާސްޓިކް ޕެކެޓުގައި ބަންދުކޮށް ސުޕާރީ އެތެރެކުރުމުގެ އިތުރުން، ޕްލާސްޓިކް ޕެކެޓު ފިޔަވާ އެހެނިހެން ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ސުޕާރީއެވެ. ސުޕާރީ ޕެކެޓުގެ ބަދަލުގައި، ޕްލާސްޓިކް ފުޅީގައި މިހާރު ސުޕާރީ ވިއްކަމުން އާދެއެވެ.

މީގެއިތުރުން، އެންމެ ބޮޑު ބަދަލެއް ގެނެސްފައިވަނީ، ޕްލާސްޓިކް ފުޅީގައި ފެން އެތެރެކުރުން، އުފައްދާ ވިއްކުން މަނާކުރާ ތާރީޚުތަކަށެވެ. މި ބާވަތް ހިމެނެނީ ލިސްޓުގެ 13ވަނައިގައެވެ. އެގޮތުން އަލަށް ގެންނަވައިފައިވާ ބަދަލާއެކު، 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، 2024 އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުން މަނާވާނެއެވެ. އަދި 2024 ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެން އެތަކެތި ބާޒާރަށް ނެރުން މަނާވާނެއެވެ.

2022ވަނަ އަހަރުގެ ޤަރާރުގައި އޮތީ، މި ބާވަތުގެ ފެން ފުޅި އުފެއްދުން، 1 ޑިސެމްބަރުން ފެށިގެން މަނާވާނެކަމަށެވެ. އަދި ބާޒާރަށް ނެރެ ވިއްކުން 1 މަރޗް 2024އިން ފެށިގެން މަނާވާގޮތަށެވެ. ނަމަވެސް މި މުއްދަތަށް މިވަނީ ބަދަލުގެންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޤަރާރު ނެރުއްވުމާއެކު، ތިމާވެށްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން ކުރީން ކަނޑައަޅައިފައިވާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކާއި، އެތަކެތި ދިވެހިރާއްޖޭގައި އުފެއްދުމާއި، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ބާޒާރަށް ނެރުމާ ގުޅޭގޮތުން ކުރިން ކަނޑައަޅުއްވައިފައި އޮތް ގޮތް ވަނީ ބާޠިލުކޮށްފައިވާކަމަށް ޤަރާރުގައި ވަނީ ބަޔާންކުރައްވާފައެވެ.