ޚަބަރު

ޕީއެންއެފް އުފެއްދުމުގެ ހުއްދަ އީސީން ދީފި


  • އައު ޕަޓީ އުފައްދަނީ ރައީސް ޔާމީންގެ ދަރިކަލުންގެ ނަމުގައި

  • މިއަދުން ފެށިގެން 3000 މެމްބަރުން ހަމަކުރަން 3 މަސް ދުވަސް

ކުރީގެ ރައީސް އަބްދުالله ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އިސްކޮން ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފިއެވެ. ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން، އެކަމުގެ ހުއްދައަށް އެދުނީ މިދިޔަ ހޯމަ ދުވަހުގައެވެ.

ޕީއެންއެފް އުފެއްދުމަށް ހުށައަޅާފައިވަނީ ރައީސް ޔާމީންގެ ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީންގެ ނަންފުޅުގައެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މިއަދުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީއަށް 3,000 މެމްބަރުން ހަމަކުރުމުގެ ހުއްދަ ދެއްވާފައެވެ. ޕީއެންއެފް އުފެއްދެވުމުގެ ހުއްދަ ރައީސް ޔާމީނަށް ލިބިވަޑައިނުގަތީ ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާތީއެވެ. ޤާނޫނު އަސާސީގައި ބަޔާންކުރަނީ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން، 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ތަންފީޒްކުރަމުން ގެންދާނަމަ ސިޔާސީ ޕާޓީއެއް އުފައްދަން އެމީހަކަށް ހުށަނޭޅޭނެކަމަށެވެ.


އެހެންކަމުން ރައީސް ޔާމީންގެ ފަރާތްޕުޅުން އައު ސިޔާސީ ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވަނީ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރ މުހައްމަދު މަލީހް ޖަމާލުއާއި، ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ހިމެނެއެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވުމާއި ގުޅިގެން މީޑިއާއާއި ވާހަކަފުޅު ދައްކަވަމުން ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު ވިދާޅުވީ ޕީއެންއެފް ވެގެން ދާނީ ރާއްޖޭގެ ސިޔާސީ މަޞްރަހުގައި އެންމެ ވިދާ ޕާޓީއަށްކަމަށެވެ. އެޕާޓީއަށް ވަނުމަށް ގިނަބަޔަކު އެދޭކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ނުކުންނަނީ ކްލީން ޕޮލިޓިކްސްއަށް. އަޅުގަނޑުމެން މި ނުކުންނަނީ ދިވެހި ޒުވާނުންނަށް މުޅިން އައު ސިޔާސީ ޕްލެޓް ފޯމެއް ގާއިމް ކޮށްދިނުމަށްޓަކައި. މި ޕާޓީގެ ސިސާސަތުތައް ވެގެން ދާނީ ޒުވާނުންގެ ކަމުދާ ދިވެހި ރާއްޖެއަށް އެންމެ ބޮޑަށް ފައިދާ ހުރި. އިސްލާމް ދީނާއި ގައުމިއްޔަތާއި މިނިވަންކަމާއި ތަރައްގީއާއި ގަވަރނަސް ހަރުދަނާކުރުން މި އަޅުގަނޑުމެންގެ މުހިންމު އަސާސައް ވެގެން ދާނެ" މަލީހް ވިދާޅުވިއެވެ.

ރައީސް ޔާމީން ޕީޕީއެމް ދޫކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ރައީސް ޔާމީން ޕީޕީއެމް ދޫކުރައްވާ ވަޑައިގެންނެވިނަމަވެސް އެޕާޓީގެ ލީޑާޝިޕް އޮތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފަހަތްޕުޅުގައެވެ. ޕާޓީގެ ލީޑާޝިޕުން ވަނީ ރައީސް ޑރ. މުޢިއްޒުއަށް ތާޢީދުކުރައްވާކަން ހާމަކުރައްވާފައެވެ.