ޚަބަރު

ރެހެންދި ފްލެޓް ގަތުމަށް ފޯމު ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި


ސަރުކާރުގެ "ގެދޮރުވެރިކަމުން ހިތްފަސޭހަ ދިރިއުޅުން" މިސިޔާސަތުގެ ދަށުން ޓީވީ ކޮށީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ރެހެންދި އެކެއްގެ 1 ފްލެޓާއި، ރެހެންދި ތިނެއްގެ 10 ފްލެޓް ގަންނަން ޝައުޤުވެރިވާފަރާތްތަކަށް ފޯމު ހުށައެޅުމަށް ހުޅުއްވާލެއްވި މުއްދަތު ހައުސިންގ މިނިސްޓްރީން އިތުރުކުރައްވައިފިއެވެ.

ހައުސިންގ މިނިސްޓްރީން މި ފްލެޓްތަކަށް އެދި ފޯމް ހުށަހަޅަން ޖެހޭ މުއްދަތެއްގެ ގޮތުންގައި ކުރިން ޢިއުލާންކޮށްފައިވަނީމިއަދުގެ ނިއަލަށެވެ. އެހެން ނަމަވެސް މިހާރު ފޯމް ހުށައެޅުމުގެ ތާރީޚެއް ގޮތުގައި 10 އެޕްރީލް ހަމަޖައްސަވާފައިވާކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައެވެ.

ތާރީޚަށް މި ބަދަލު ގެންނަވަން ހައުސިންގ މިނިސްޓްރީން ނިންމެވީ ފްލެޓް ގަންނަން ޝައުޤުވެރިވާ ގިނަ ފަރާތްތަކަކުން މުއްދަތު އިތުރުކޮށްދެއްވުމަށް އެދިފައިވާތީކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ޓީވީ ކޮށީގައި ޢިމާރަތްކޮށްފައިވާ ރެހެންދި ފްލެޓްގެ ތެރެއިން ރެހެންދި އެކެއްގެ 1 ފްލެޓާއި، ރެހެންދި ތިނެއްގެ 10 ފްލެޓްގަތުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ފޯމް ހުށައެޅުމުގެ ފުރުސަތު ހުޅުވާލެއްވީ މާޗް މަހުގެ 3 ވަނަ ދުވަހުއެވެ.

އެފްޑަބްލިޔު ކޮންސްޓްރަކްޝަނާއި ފޯ ޕަލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިމާރާތް ކޮށްފައިވާ މި ފްލެޓްތަކުގެ ތެރެއިން ރެހެންދި އެކެއްގެ ފްލެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 2.2 މިލިއަން ރުފިޔާއަށެވެ. އަދި ރެހެހެންދި ތިނެއްގެ ފްލެޓްތައް ވިއްކާނީ 2 މިލިއަން ރުފިޔާއަށެވެ.