ޚަބަރު

ޕޮންޒީ ސްކީމުގެ މައްސަލައިގައި ކިންގްސް ކުންފުނީގެ 3 ހިއްސާދާރުންގެ މައްޗަށް 39 ދަޢުވާއެއް


  • ދަޢުވާކޮށްފައިވަނީ އަލްހާނާއި އޭނާގެ ދެ ކޮއްކޮ ޞަޙުބާން އަދި ޝަޒްބާންގެ މައްޗަށް

  • ދަޢުވާކުރުމަށް ޕީޖީއިން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިމަހު 23 ގައި

  • ކޮންމެ މީހެއްގެ މައްޗަށް 13 ދަޢުވާއެއް އުފުލާފައިވޭ

ފޮރެކްސް ޓްރޭޑްކުރުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެ މުއާމަލާތް ހިންގި "ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑް"ގެ 3 ހިއްސާދާރުންގެ މައްޗަށް ދަޢުވާކޮށްފިއެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންގސްއަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާނު ފަހުމީ އިސްވެ ހުންނަވާ އުފެއްދި ކުންފުންޏެކެވެ. އަލްހާންވެސް ހިމެނޭހެން އެ ކުންފުނީގެ 3 ހިއްސާދާރުންގެ މައްޗަށް ދަޢުވާކޮށްފައިވަނީ އެކުންފުނިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތަޢާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައިގެން، މަކަރާ ޙީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދާ އެ ފައިސާ ލޯންޑަރކޮށްފައިވާ މައްސަލައިގައެވެ.

މި މައްސަލައިގައި ދެން ދަޢުވާކޮށްފައިވަނީ އަލްހާންގެ ދެ ކޮއްކޮ ޞަޙުބާން ފަހުމީއާއި ޝަޒްބާން ފަހުމީގެ މައްޗަށެވެ. މި 3 މީހުންގެ މައްޗަށް ދަޢުވާކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، މި މައްސަލައިގައި ފުލުހުންގެ ފަރާތުން ތަޙުޤީޤު ފުރިހަމަކޮށް ހުށަހަޅާފައިވާ ގެއްލުން ލިބުނު 13 މީހުންގެ ބައިގައި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން މި 3 މީހުންގެ މައްޗަށް ޓެކުމުގެ ކުށުގެ 13 ދަޢުވާއެއް އުފުލާފައިވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް ކޮށްފައިވާނީ އެކު ޖުމްލަ 39 ދަޢުވާއެވެ.

ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގައި "ޓެކުން" ކަމަށް މާނާކޮށްފައިވަނީ އަނެކާއަށް އެކަމުގެ މަންފާއެއް އޮތްކަން ދައްކައިގެން ފައިދާއެއް ނުވަތަ ޚިދުމަތެއް ކޮށްދޭން ބުނެ ނުވަތަ އެފަދަ ކަމެއް ވެވިދާނެކަން، ކަމަކުން ނުވަތަ ސިފައަކުން ދައްކައިގެން، ފައިސާ ނުވަތަ ތަކެތި އަތުލައި، އެކަމެއް އެބުނި ގޮތަށް ކޮށްނުދީ އެފައިސާ ނުވަތަ ތަކެތި ބޭނުންކުރުމަށެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، މި ދަޢުވާތައް އުފުލާފައިވަނީ ކިންގްސް ކެޕިޓަލް ހޯލްޑިވްސްއިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގގެ އިންވެސްޓްމަންޓްގެ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެކަމަށް ދައްކައިގެން، ޢާންމު އެކި މީހުން އަތުން އެކި ޢަދަދުތަކުން ފައިސާ ނެގުމަށްފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީ ފައިސާ ޓަކައިގެންފައިވާތީ ކަމަށެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންގސްއިން އާންމުކޮށްފައިވާ ސްކީމަށް އެކި ފަރާތްތަކުން 98 މިލިއަނަށްވުރެ ގިނަ ރުފިޔާ އިންވެސްޓްކޮށްފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ. އަދި މި މައްސަލައިގައި ދަޢުވާކޮށްފައި މިވަނީ އިންވެސްޓް ކުރި މީހުންގެ ތެރެއިން ގެއްލުން ލިބުނު 13 މީހުންގެ ފަރާތުން ކަމަށްވެސް ޕީޖީން ވިދާޅުވެއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، މި މައްސަލަ އާއި ގުޅިގެން ކުރަންޖެހޭ އިތުރު ތަޙުޤީޤުތައް ފުލުހުން ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެ ބައިތަކުގެ ތަޙުޤީޤު ނިންމައި ޕީޖީ އޮފީހަށް ހުށަހެޅުމުން، އެ ބައިތައް ދިރާސާކުރުމަށްފަހު، މި މައްސަލައިގައި އިތުރު ދަޢުވާތައް ކުރުމާމެދު ޕީޖީން ގޮތެއް ނިންމަވާނެކަމަށްވެސް އެ އޮފީހުން ވިދާޅުވެއެވެ.