ޚަބަރު

ހައިވޭގެ ސޯލަރތައް ނެގުމާ ގުޅޭ މަޝްވަރާތައް ވޯލްޑް ބޭންކާއެކުދަނީ ކުރަމުން: ހަކަތައާ ބެހޭ ވަޒީރު


ސިނަމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ސޯލާރ ޕެނަލްތައް ނެގުމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރައްވަމުންގެންދަވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތަކާއި ބެހޭ ވުޒާރާގެ ވަޒީރު ޠާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހަކަތައާބެހޭ ވުޒާރާގެ ވަޒީރު ޠާރިގު ވިދާޅުވީ ސޯލަރ ޕެނަލްތައް ނެގުމާއި ގުޅޭގޮތުން އެމަޝްރޫއު ހިންގާ ފަރާތްކަމަށްވާ ވޯލްޑް ބޭންކާއި އަދި މަސައްކަތުގެ ކޮންޓްރެކްޓަރާއެކު ވާހަކަ ދެކެވެމުންދާ ކަމަށެވެ.

" ކޮންޓްރެކްރާއި އެމީހުންނާއެކު މިހާރު މަޝްވަރާތައް ކުރިއަށް މިގެންދަނީ. އޭގައި އެބޭފުޅުންގެ ވޯލްޑް ބޭންކްގެ ޕްރޮޖެކްޓެއް ވޯލްޑް ބޭންކުގެ ބޭފުޅުންނާވެސް އަޅުގަނޑު މަޝްވަރާ ކުރަން. އަދި ކޮންޓްރެކްޓަރާވެސް މަޝްވަރާތައްވެސް ކުރާނަން" ހަކަތައާބެހޭ ވުޒާރާގެ ވަޒީރު ޠާރިގު އިބްރާހީމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައިވަނީ ބްރިޖް ހައިވޭގައި ހުރި ސޯލަރ ޕެނަލްތައް ނަންގަވާނެ ކަމަށް ވިދާޅުވެފައެވެ.

އެބައްދަލުވުމުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސޯލާ ޕެނަލްތަކާއެކު ހުޅުމާލެ ހައިވޭ މިހާރު ފެންނަނީ ވަރަށް ހާސްކަން ބޮޑު ތަނެއްގެ ގޮތުގައި ކަމަށެވެ. އަދި މާލެ ސަރަހައްދުގައި މޫދު އެންމެ ރީތިކޮށް ފެންނަން އޮންނަ ސަރަހައްދަކީ އެއީ ކަމަށާއި ނަމަވެސް މިހާރު ޖަހާފައިވާ ސޯލާ ޕެނަލްތަކުން އެސަރަހައްދުގެ ރީތިކަން ގެއްލިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެޕެނަލްތަކަށް ފަންޑުކުރި ފަރާތާއި ވާހަކަ ދައްކަވައިގެން ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް ކުޑަ ނުވަތަ މެދު ސައިޒުގެ އެއް ރަށް ނުވަތަ ދެ ރަށަށް ބަދަލުކުރައްވާނެކަމަށެވެ.

ސިނަމާލެ ހައިވޭގައި ގާއިމުކުރާ 5.6 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމަކީ ރާއްޖޭގައި އެއް ގްރިޑެއްގައި ކުރިއަށްދާ އެންމެ ބޮޑު ސޯލާ ޕީވީ އިންސްޓޯލްމަންޓެވެ.

ވޯލްޑް ބޭންކްގެ އެހީގައި ހިންގަމުން އަންނަ އެމަޝްރޫއުގެ އަގަކީ 11 މިލިއަން ޑޮލަރު (169 މިލިއަން ރުފިޔާ) އެވެ. ކުރީ ސަރުކާރުގެ އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި މިމަޝްރޫއަށް ޚަރަދު ކުރަނީ އިންވެސްޓަރު އަމިއްލަ އަށެވެ. ދައުލަތުން މިމަޝްރޫއަށް އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހެ އެވެ. އިންވެސްޓަރުގެ އިންވެސްޓްމަންޓް ރިކަވާ ކުރާނީ ސޯލާއިން ގްރިޑަށް ކަރަންޓު ވިއްކައިގެންނެވެ. ކަރަންޓު ވިއްކާ ރޭޓަކީ ޔުނިޓަކަށް 10.9 ޔޫއެސް ސެންޓެވެ. އެއީ ކިލޯވޯޓަކަށް 0.109 ޑޮލަރެވެ.
ހައިވޭގައި 5.6 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރަނީ ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑް ކުންފުންޏާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ ނޮވެމްބަރު 2020 ގައެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރު ޑިސެމްބަރުގައެވެ.