ޚަބަރު

ސްކޫލް ލައިބްރަރީތަކުގައި ހުރީ އިސްލާމްދީނާއި ފުށުނާރާ ތަކެތިކަން ކަށަވަރުކުރެއްވުމަށް އަންގަވައިފި


  • ސްކޫލް ލައިބްރަރީތަކުގައި އިސްލާމްދީނާއި ފުށުއަރާފަދަ ބައެއް ތަކެތި ހުރިކަން ފާހަގަކުރެވިފައިވޭ

  • ލައިބްރަރީތަކުގައި ބޭނުންކުރާ ތަކެއްޗަކީ އިސްލާމްދީނާއި ފުށުނާރާ ތަކެތިކަން ކަށަވަރުކުރުމަށްވަނީ އަންގަވާފައި

ސްކޫލްތަކުގެ ލައިބްރަރީތަކުގައި އިސްލާމްދީނާއި ދިވެހި ޘަޤާފަތާއި އާދަކާދަތަކާ ފުށުއަރާފަދަ ފޮތް ނުވަތަ އެފަދަ އެއްވެސް އެއްޗެއް ހުރިނަމަ ތަޢުލީމީ ވުޒާރާއާ ގުޅިގެން އެތަކެތި ނައްތާލުމަށް އެވުޒާރާއިން އަންގަވައިފިއެވެ.

ތައުލީމީ ވުޒާރާއިން މިގޮތަށް އަންގަވާފައިވަނީ ރާއްޖޭގެ ސްކޫލްތަކުގެ ލައިބްރަރީތަކުގައި ބޭނުންކުރާ ފޮތާއި އެހެނިހެން ވަސީލަތްތަކުގެ ތެރޭގައި އިސްލާމްދީނާއި، ދިވެހިންގެ ޘަޤާފަތާއި އާދަކާދަތަކާއި ފުށުއަރާފަދަ ބައެއް ތަކެތި ހުރިކަން ފާހަގަކުރެއްވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ތަޢުލީމީ ވުޒާރާއިންވަނީ ސްކޫލްތަކުގެ ލައިބްރަރީތަކުގައި މިހާރު ބޭނުންކުރަމުން އަންނަ ފޮތް އަދި އެހެނިހެން ވަސީލަތްތަކަކީ އިސްލާމްދީނާއި ދިވެހިންގެ ޘަޤާފަތާއި އާދަކާދަތަކާ ފުށުނާރާ ތަކެތިކަން ކަށަވަރުކުރެއްވުމަށްވެސް އަންގަވާފައެވެ. އަދި އަމިއްލަ ފަރާތްތަކާއި އެހެނިހެން ފަރާތްތަކުންވެސް ހަދިޔާ ކުރާ ފޮތްފަދަ ތަކެތި ލައިބްރަރީތަކުގައި ބޭނުންކުރުމުގެ ކުރިން އެތަކެއްޗަކީ ދަރިވަރުން ބޭނުންކުރުމަށް އެކަށީގެންވާ ތަކެތިކަން ކަށަވަރުކުރެއްވުމަށްވެސް ތަޢުލީމީ ވުޒާރާއިންވަނީ އަންގަވާފައެވެ.

އަދި ސްކޫލްތަކުގެ ލައިބްރަރީތަކުގައި މިފަދަ ފޮތެއް ނުވަތަ އެއްވެސް އެއްޗެއް ހުރިނަމަ ތަޢުލީމީ ވުޒާރާއާއި ގުޅިގެން އެފަދަ ތަކެތި ނައްތާލުމގެ އިންތިޒާމް ކުރިއަށް ގެންދެވުމަށް އެވުޒާރާއިންވަނީ އަންގަވާފައެވެ.

ތަޢުލީމީ ވުޒާރާއިން މިގޮތަށް އަންގަވާފައިވާއިރު ސްކޫލެއްގެ ލައިބްރަރީއެއްގެ ފޮތަކުން އިސްލާމްދީނާ ފުށުއަރާފަދަ ތަކެތި ހުރެގެން އޭގެ ފޮޓޯއެއް ސޯޝަލް މީޑިއާގައިވެސް މިއަދުވަނީ ދައުރުވެފައެވެ.