ޚަބަރު

ރާއްޖެއާއި ޗައިނާގެ ޒިންގޒަން އޮޓޮނޮމަސް ރީޖަނާއި ދެމެދު ސީދާ ދަތުރުތައް ފެށުމާގުޅޭގޮތުން މަޝްވަރާކުރައްވައިފި


  • ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ޤައުމު

  • ސަގާފީ އެއްގޮތް ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި

  • ފަރުބަދަމަތީ ގަނޑުފެނުން އުފައްދާ ފެންފުޅީގެ 1500 ޓަނުގެ ފުޅި ރާއްޖެއަށް

ދިވެހިރާއްޖެއާއި ޗައިނާގެ ޒިންގޒަން އޮޓޮނޮމަސް ރީޖަނާއި ދެމެދު ސީދާ ދަތުރުތައް ފެށުމާއި، ފަތުރުވެރިކަން ފުޅާކުރެވޭނެ ގޮތްތަކާއިގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، ޗައިނާގެ ޒިންގޒަން އޮޓޮނޮމަސް ރީޖަންގެ ޗެއަރމަން ޔަން ޖިން ހައި ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން ބާވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ޗެއަރމަން ޔަން ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ޙަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒަށް މަރުޙަބާ ވިދާޅުވެ، ޗެއަރމަން ޔަން ރާއްޖެ ވަޑައިގަތުމުން ކިޔުއްވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޗެއަރމަން ޔަން ރާއްޖެއަށް ޒިޔާރަތް ކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއާއި ޗައިނާގެ ޒިންގޒަން އޮޓޮނޮމަސް ރީޖަންގެ މަސްލަހަތު ހުރި އެކި ދާއިރާތަކާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކަރައްވާފައިވެއެވެ.

މިގޮތުން ދެ ޤައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމާއި، ފަތުރުވެރިކަން ފުޅާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން، ޗައިނާގެ ޒިންގޒަން އޮޓޮނޮމަސް ރީޖަން އާއި ރާއްޖެއާ ދެމެދުގައިވާ ސަގާފީ އެއްގޮތް ކަންކަމާ ގުޅޭގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތައް ފަދަ ދެޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޗެއަރމަން ޔަން ވަނީ ޒިންގޒަން އޮޓޮނޮމަސް ރީޖަންގެ ސަގާފަތާއި ޖިއޮގްރަފީއާއި އެތަނުގައި ހިމެނޭ އާދަޔާ ޚިލާފު ތަފާތު ތިމާވެށި ހިމެނޭ ގޮތަށް އެކި ކަންކަމާ ގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައެވެ.

މީގެ އިތުރުންވެސް ރާއްޖޭގައި ސާފު ބޯފެނުގެ ދަތިކަން ހުރިކަން އެނގިވަޑައިގަންނަވާކަން ހާމަކުރައްވަމުން، ޒިންގޒަން އޮޓޮނޮމަސް ރީޖަންގެ ފަރުބަދަމަތީ ގަނޑުފެނުން އުފައްދާ ފެންފުޅީގެ 1,500 ޓަނުގެ ފުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ޗެއަރމަން ޔަން ހުށަހެޅުއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދީލަތި ހުށަހެޅުއްވުން ޤަބޫލުކުރައްވައި، ޗެއަރމަން ޔަންއަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޢިއްޒުއާއި، ޗެއަރމަން ޔަން ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު ދިގު ޒަމާންތަކެއް ވަންދެން އޮތް ތާރީޚީ އެކުވެރިކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ކުރިއަށް އޮތް އަހަރުތަކުގައި މިގުޅުމަށް އިތުރު ކާމިޔާބީ އެދިވަޑައިގެންފައެވެ.