ޚަބަރު

އިމިގްރޭޝަންގެ ނަން ބަދަލުކުރަން ފާސްކުރައްވައިފި


ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ނަން "މޯލްޑިވްސް އިމިގްރޭޝަނަށް" ބަދަލުކުރައްވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

މީގެ އިތުރުން ސްޕެޝަލް އިކޮނޮމިކް ޒޯން، (އެސްއީޒެޑް) އޮފީސް އިކޮނޮމިކް މިނިސްޓްރީ ދަށަށް ބަދަލުކުރައްވަންވެސް މަޖިލީހުން މިއަދު ވަނީ ފާސްކުރައްވާފައެވެ. އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތަށް މިބަދަލު މިގެންނެވީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ އޮފީސް އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަވާ ގޮތަށް ހަމަޖެއްސެވުމަށާއި، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ނަން "މޯލްޑިވްސް އިމިގްރޭޝަނަށް" ބަދަލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެން މަޖިލީހަށް ހުށައެޅުއްވުމުންނެވެ.

މިދިޔަ އަހަރު ޑިސެމްބަރުމަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ނަމުގައި އިދާރާއެއް އުފައްދަވާފައެވެ. މި އިދާރާ އުފެއްދެވީ ރައްޔިތުންގެ މަޖިލީހުން 2014 ވަނަ އަހަރު ފާސްކުރެއްވި އިޤްތިޞާދީ ޚާއްޞަ ސަރަޙައްދު ކަނޑައެޅުމުގެ ބިލް ނުވަތަ އެސްއީޒެޑްގެ ޤާނޫނުގެ ދަށުންނެވެ. (އެސްއީޒެޑް)ގެ މައިގަނޑު މަޤުސަދަކީ އިންވެސްޓަރުންގެ ޝައުޤުވެރިކަން ރާއްޖެއަށް އިތުރުކޮށް، ބޮޑެތި އިންވެސްޓްމަންޓްތައް ޤާއިމުކުރުމެވެ. ސަރުކާރުން ވިދާޅުވާގޮތުގައި ގޮތުގައި، އިޤްތިޞާދީ ޚާއްޞަ ސަރަޙައްދުތައް ކަނޑައެޅުމުގެ ސިޔާސަތަކީ ދުވަހަކުވެސް ރާއްޖެ ނުދެކޭ ފަދަ ތަރައްޤީ ގެނުވާނެ މަޝްރޫޢުތަކަކަށް ވާނެކަމަށެވެ.