ޚަބަރު

75،000 ހައުސިން އެޅޭވަރަށް ބިން ހިއްކޭނެ: ޙައިދަރު


  • ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭނަން

  • މި ބިޔަބޮޑު މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދާނީ 20 އަހަރަށް ބަހާލައިގެން

މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަން ހައްލު ކުރުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން 75000 ހައުސިން ޔުނިޓް އެޅޭވަރަށް ބިންހިއްކޭނެކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިސަރުކާރުން ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާއި، ކުރީގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ރައީސް ޑރ މުޙައްމަދު މުއިއްޒު އެންމެ އިސްކަންދޭ އެއްކަމެވެ. އެކަން ކުރުމަށް މުޅިރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން މަސްރޫއުތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމަވާފައެވެ. އެގޮތޮން ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއުއެއް ކުރިއަށްގެންދާނީ މާލޭ ސަރަހައްދުގައެވެ. އެކަމަށް ހިންގާ އެންމެ ބޮޑު މަޝްރޫއުއަކީ ފުށި ދިއްގަރުފަޅު ހިއްކައިގެން ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ވެރިކަމަށް 30 ދުވަސް ހަމަވުމުގެ ކުރިން ފަށްޓަވާނެކަމަށެވެ. އަދި 1200 ހެކްޓަރުގެ ސަރަހައްދެއް ހިއްކައި އެ މަޝްރޫޢުގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ބޯހިޔާވަހިކަމާ ގުޅޭގޮތުން ސަރުކާރުގެ ސިޔާސަތު އާންމު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވީ ފުށިދިއްގަރު ފަޅާ ގުޅީ ފަޅާ ހުޅުމާލެ ފޭސް ތިނެއް އަދި އުތުރު ތިލަފަޅު ހިމެނޭހެން އިތުރު ސަރަހައްދުތަކަކާއެކު 75000 ހައުސިން ޔުނިޓް އެޅޭވަރަށް ބިންލިބޭނެކަމަށެވެ.

ވަޒީރު ވިދާޅުވީ ފުށިދިއްގަރު ފަޅު މަޝްރޫޢުއަކީ އެއްތަނަކުން ހުރިހާ ޚިދުމަތެއް ލިބޭގޮތަށް ކުރިއަށްގެންދާ މަޝްރޫޢުއެއްކަމަށެވެ. އެތަނުގައި ގޯތިގެދޮރުގެ އިތުރުން، މާލެއިން ނުލިބޭ ޚިދުމަތްތައްވެސް ޤާއިމްކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ކުޅިވަރުކުނެ ވަސީލަތާއި، ވަޒީފާތަކާއި، އިޤްތިޞާދީ ސަރަހައްދުތަކާއި، ޔުނިވާސިޓީތައްފަދަ ބޮޑެތި އިންސްޓިޓުޓްތަކާއި، މަތީ ފެންވަރުގެ ހޮސްޕިޓަލުތައްވެސް ޤާއިމްކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން އިންޓެގްރޭޓެޑް ޓްރާންސްޕޯޓް ޕްލޭނާއި، ފަތުރުވެރިކަން ހިންގާނެ ސަރަހައްދާއި، ކުނި މެނޭޖުކުރާނެ ސަރަހައްދާއި މުނިފޫހިފިލުމުގެ ވަސީލަތައްވެސް އެތަނުގައި ޤާއިމްކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވީ، ފުށިދިއްގަރުފަޅުގެ ހުރިހާ ޕްލޭނެއް އެކުލަވާލާފައިވާކަމަށާއި، އެކަން ރައީސް ޑރ. މުޢިއްޒު ކުރައްވާފައިވަނީ އިންތިޚާބުގެ ކުރިންކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އަދި ސަރުކާރުގެ ސިޔާސަތަކީވެސް އެއީ ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެކަން ހައްލުކޮށްދިނުން. އެބީދައިން މަސައްކަތް ފެށިގެން ކުރިއަށްދާނީ އަދި މި ބިޔަބޮޑު މަޝްރޫއުއާއެކު. މާލެ ސަރަހައްދަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ޖުމްލަ ހައްލުލިބޭނެ. މިކަން ޕްލޭން ކުރެވިގެން ކުރިއަށްގެންދާނީ 20 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން." ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ އިޖްތިމާޢީ މައްސަލަތަކުގެ ފެށުންކަމަށް ސަރުކާރުން ވިދާޅުވެއެވެ. މުޅި ރާއްޖެއަށްވެސް ދިމާވެފައި އޮތް މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ރާއްޖޭގެ އުތުރާ ދެކުނުގައި ހާއްސަ މަޝްރޫއުތަކެއް ކުރިއަށްގެންދަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.