ޚަބަރު

ކުޅުދުއްފުށީ އިސް މެޖިސްޓްރޭޓް، އަލީ އާދަމްގެ މަގާމް ދަށްކޮށް މެޖިސްޓްރޭޓަަކަށް


  • މަޤާމު ދަށްކުރުމަށް ނިންމީ މައްސަލަ ބެލުމުގައި ފަރުވާކުޑަކުރި ކަމަށް ސާބިތުވެފައިވާތީ

  • މިއަދުން ފެށިގެން އުސްތާޛް ޢަލީ އާދަމްގެ މަގާމުވަނީ މެޖިސްޓްރޭޓްގެ މަޤާމަށް، ބަދަލުކޮށްފައި

ހދ. ކުޅުދުއްފުށީ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ އާދަމްގެ މަޤާމު ދަށްކޮށް މެޖިސްޓްރޭޓަކަށް ބަދަލުކުރައްވައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން ވިދާޅުވީ ޢަލީ އާދަމްގެ މަޤާމު ދަށްކުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ކަމާބެހޭ މަޢުލޫމާތު ސާފުނުކޮށް، މައްސަލަ އެކަށީގެންވާ މިންވަރަށް ދިރާސާކޮށްފައި ނުވާތީ، މައްސަލަ ބެލުމުގައި ފަރުވާކުޑަކޮށްފައިވާކަން ތަޙުޤީޤަށް ސާބިތުވެފައިވާތީ ކަމަށެވެ.

އަދި ޢަލީ އާދަމް ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 54 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުތަކާއި ޚިލާފުވެފައިވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން ހުރި މަޤާމަށްވުރެ ދަރަޖަ ދަށްކުރުމަށް ނިންމެވީ ކަމަށެވެ. މިގޮތަށް ނިންމާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ބޭއްވި ކޮމިޝަނުގެ ޖަލްސާގައި ކަމަށް ވެސް އެކޮމިޝަނުން ވިދާޅުވެއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން ވިދާޅުވީ ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ އާދަމް، 2023 ނޮވެމްބަރު 20ވަނަ ދުވަހުން ފެށިގެން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަޤާމަށް ބަދަލުކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން، ޖުޑިޝަލް ސާވިސް ކޮމިޝަނުން ވިދާޅުވީ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމްއާ ގުޅޭގޮތުން މީގެ ކުރިންވެސް ތަޙްޤީޤުކުރެވުނު ސީރިއަސް މައްސަލަތަކަކާ ގުޅިގެން، ސުލޫކީ މައްސަލަ ސާބިތުވެ، ފަނޑިޔާރުކަމުން ވަކިކުރުމަށް ދެފަހަރެއްގެ މަތިން، ރައްޔިތުންގެ މަޖިލީހަށް ލަފާ އަރުވާފައިވާ ކަމަށެވެ.