ޚަބަރު

އެމްއެންޔޫގެ ޗާންސެލަރަށް ޑރ. މަޙްމޫދު ޝައުޤީ، ވައިސް ޗާންސެލަރަށް ޑރ. ޝެހެނާޒް އާދަމް


  • ޑރ. މަޙްމޫދު ޝައުޤީ ވަނީ މީގެ ކުރިން އެޑިއުކޭޝަން މިނިސްޓަރކަން ކުރައްވާފައި

  • ޑރ. ޝެހެނާޒްވަނީ އެމްއެންޔޫގެ ރިސާޗް އެންޑް އެނޓަޕްރައިސްގެ ވައިސް ޗާންސެލަރކަން ކުރައްވާފައި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ، އެމްއެންޔޫގެ ޗާންސެލަރގެ މަގާމަށް ޑރ. މަޙްމޫދު ޝައުޤީ އައްޔަން ކުރައްވައިފިއެވެ.

އެމްއެންޔޫގެ ޗާންސެލަރ ކަމުގެ މަގާމަށް ޑރ. މަޙްމޫދު ޝައުޤީ އައްޔަން ކުރައްވާފައިވަނީ 19 ނޮވެންބަރު ވަނަ ދުވަހު ސަރުކާރުގެ މަގާމުތަކަށް ބޭފުޅުން ޢައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ރަސްމިއްޔާތުގައެވެ. މި މަގާމުގައި ކުރިން ހުންނެވީ ޑރ. ހަސަން ހަމީދެވެ.

ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރގެ މަގާމަށް އައްޔަން ކުރެއްވި ޑރ. މަޙްމޫދު ޝައުޤީ ވަނީ މީގެ ކުރިން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މިނިސްޓަރ ކަމުގެ މަގާމް އަދާކުރައްވާފައެވެ. މީގެ އިތުރުން ޑރ. މަޙްމޫދު ޝައުޤީ ވަނީ އެޑިޔުކޭޝަން މިނިސްޓަރކަންވެސް ކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ގައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ކަމުގެ މަގާމަށް ވަނީ ޑރ. ޝެހެނާޒް އާދަމް އައްޔަންކުރައްވާފައެވެ.

ޑރ. ޝެހެނާޒް ވަނީ 2005 ވަނަ އަހަރު ޔުނިވަރސިޓީ އޮފް އޯކްލެންޑުން ހިސާބު ޢިލްމުގެ ދާއިރާއިން ޕީއެޗްޑީ ނަންގަވާފައެވެ. މީގެ ކުރިން އެމްއެންޔޫގެ ރިސާޗް އެންޑް އެނޓަޕްރައިސްގެ ވައިސް ޗާންސެލަރގެ މަގާމް ޑރ. ޝެހެނާޒް އަދާކުރައްވާފައިވެއެވެ.